ދުނިޔެ

ސައުދީ ނޫސްވެރިޔާ މަރުވެފައިވާ ކަަމަށް ބެލެވޭ، ފިޔަވަޅު ހަރުކަށިވާނެ : ޓްރަމްޕް

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީ މަރުވެފައި ވެދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމާ ގުޅިގެން ސައުދީ އަރަބިއްޔާއަށް އަަޅާ ފިޔަވަޅު ހަރުކަށިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް އެކަމުގެ ހަގީގަތަށް ވާސިލުވާން އަދިވެސް ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސައުދީ ޝާހީއާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު ފަހުން އެއާއިލާއަށް ވަރަށްް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީ ގެއްލުނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހުގައެވެ. އެ ކޮންސިއުލޭޓްގައި ޚަޝޫގްޖީ މަރާލާފައިވާ ކަމަށް އެމައްސަލަ ތަހުގީގުކުރަމުން އަންނަ ތުރުކީ އޮފިޝަލުންނާ ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ތުރުކީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ޚަޝޫގްޖީގެ ހަށިގަނޑުގެ ބައިތައް ހޯދުމަށް ތުރުކީ ފުލުހުން އިސްތަންބޫލްގެ ރަށްބޭރުގައިވާ ޖަންގައްޔެއްގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ޚަޝޫގްޖީ ގެއްލުމާއި ނުވަތަ އޭނާގެ މަރާއި ސައުދީ ސަރުކާރާ ގުޅުމެއް ނެތް ކަމަށް އެގައުމުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެން ނަމަވެސް އެކަމުގައި ސައުދީ ސަރުކާރަށް ކުރާ ތުހުމަތުތައް ނިމުމަކަށް ނާދެއެވެ. އެ ގޮތުން ސީއެންއެން އިން ކުރިން ރިޕޯޓްކޮށްފައި ވަނީ ޚަަޝޫގްޖީ މަރުވީ ތަހުގީގެއްގައި ހެދުނު ގޯހެއްގެ ސަބަބުން ކަމަށް އެއްބަސްވާން ސައުދީ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ އެޖެންސީން ބުދަދުވަހު ބުނީ ޚަޝޫގްޖީގެ ތަހުގީގު އިންތިޒާމްކުރީ ސައުދީ ޖާސޫސީ އިދާރާގެ އިސް އޮފިސަރެއް ކަމަށެވެ. އަދި ބުނީ އެ އޮފިސަރަކީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.