ވިޔަފާރި

ބީއެމްއެލްއަށް އަނެއްކާ ވެސް ބޮޑު ފައިދާއެއް

Oct 20, 2018
4

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ގައުމީ ބޭންކަށް 269 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ގައުމީ ބޭންކުން ބުނި ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 10 ޕަސެންޓް އިތުރުވެ، 365 މިލިއަން ރުފިޔާ އަށް އަރާފަ އެވެ. އަދި މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާ އަޅާބާލާއިރު 11 ޕަސެންޓުގެ ގެ ކުރިއެރުމެކެވެ. އަދި މި އަހަރުގެ މިހާތަނަށް ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ އެއް ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓުގެ ގެ ކުރިއެރުމެކެވެ.

މި ކުއާޓަރުގައި ފަންޑިން ކޮސްޓް ބޮޑު ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމާ އެކު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 40 މިލިއަން ރުފިޔާ ދަށްކުރެވިފަ އެވެ. މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާ ވަނީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރުވެފަ އެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފަ އެވެ.

ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ތިންވަނަ ކުއާޓަރުގައި ވަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް 22 ސީއެސްއާރު ޕްރޮގްރާމް ހިންގުމާއި ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން މި ކުއާޓަރުގައި މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ހިދުމަތްތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ އެވެ.

މީގެ އިތުރުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ދެވަނަ އަހަރު ބޭންކުން ވަނީ ހޯދައިފަ އެވެ. މިއީ މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ގެންގުޅޭ އުސޫލްތައް ފާހަގަކުރުމުގެ ގޮތުން ދެވުނު ޝަރަފުވެރި އެވޯޑެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ފަންޑިން ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވެ، ހަރުދަނާ މާލީ ނަތީޖާއެއް ނެރުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފަންޑިންގ ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވަމުންދިޔަ ނަމަވެސް ވިޔަފާރީގައި ލިބެމުންއަންނަ ކުރިއެރުންތަކާއެކު ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ އަޅުގަނޑުމެންގެ ޕްރޮޑަކްޓަތަކަށާއި ޚިދުމަތްތަކަށް އޮތް ކަސްޓަމަރުންގެ ޑިމާންޑާއި ދޫކުރެވޭ ލޯނުގެ ފެންވަރު ރަނގަޅުކުރެވުމުންނެވެ. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީވާގި ކަމާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި އަހަރު ކާމިޔާބު ކަމާއެކު ނިންމާލުން." އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް
ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.