ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ގެއްލުމުން ނުކުތް ނަތީޖާގެ ނުބައިކަން ބޮޑުކަމުން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު މިހާރު ވަނީ އެންމެ ލޯބިފުޅުވާ ދަރިކަލުން އަދި ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅު އަމިއްލަފުޅަށް ބައްލަވަން ފަށްޓަވާފައެވެ. ރޮއިޓާސް ބުނީ ރަސްގެފާނު އެގޮތަށް ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާކަން ރަސްގެފާނަށް އިހުސާސްވެވަޑައިގެން މަސައްކަތް ފަށްޓަވާފައިވާކަން ޝާހީއާއިލާއާ ގާތް ގުޅުމެއް އޮންނަ ފަސް މަސްދަރަކުން އެ އެޖެންސީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މަޝްރަހު ފިނުކުރެވޭތޯ ބައްލަވަން ރަސްގެފާނު ސަލްމާން މިދިޔަ ބުރާސްފަތިދުވަހު ތުރުކީއަށް ފޮނުއްވީ އެންމެ އިތުބާރު ކުރައްވާ އެހީތެރިޔާ އަދި މާތްވެގެންވާ މައްކާގެ ގަވާނާ އަމީރު ޚާލިދު އަލް ފައިސަލް އެވެ. މައްސަލަ ހައްލުކުރައްވަން އަމީރު މުހައްމަދު މަސައްކަތްކުރައްވަމުން ގެންދެވި އިރު ދުނިޔޭގެ ލީޑަރުން ގެންދެވީ ހާދިސާ ހިނގި ގޮތް ކިޔައިދިނުމަށް އެދިވަޑައިގެން ސައުދީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރައްވަމުންނެވެ. އަދި ޝާހީ އާއިލާގެ ތެރޭގައި ވެސް އެކަމުގެ ކަންބޮޑުވުން ދިޔައީ ބޮޑުވަމުންނެވެ.
އަމީރު ޚާލިދުގެ ދަތުރުފުޅުގައި ތުރުކީ ސަރުކާރާ އެކު އެއްބަސްވެވަޑައިގެންނެވީ ދެގައުމުގެ އޮފިޝަލުން ހިމެނޭ ޓީމަކުން ޚާޝުގްޖީ ގެއްލުނު ހާދިސާ ތަހުގީގު ކުރުމަށެވެ. އެ ޓީމުން ހޯދި ހޯދުންތަކުގެ އަލީގައި ތަހުގީގެއް ފެށުމަށް ސައުދީ ޕަބްލިކް ޕްރޮސެކިއުޓާއަށް ރަސްގެފާނު ދެން އަމުރުކުރެއްވިއެވެ.
" އަމީރުު ޚާލިދު އިޚުތިޔާރުކުރެއްވުމުން އެނގެނީ އެއީ އޭނާއަކީ ރަސްގެފާނުގެ ރަސްގެފާނުގެ އަމިއްލަ ފުޅު މުރުޝިދުކަން އަދި އެއީ ރަސްގެފާނުގެ އެންމެ އަރިސް ބޭފުޅާކަން އަދި އެއީ ތުރުކީގެ ރައީސް ރަޖަބް ތޮއްުޔިބު އުރުދުޣާންއާ ރަޙުމަތްތެރި ބޭފުޅެއްކަން،" ސައުދީ ސަރުކާރާ ގުޅުން އޮޮންނަ މަސްދަރަކުން ބުނިކަމަށް ރޮއިޓާސްގެ ރިޕޯޓުގައި ވެއެވެ.
" ޚާލިދާއި އުރުދުޣާންގެ ބައްދަލުވުމަށް ފަހު ރަސްގެފާނު ވަނީ އެމައްސަލަ ހަމަޖެއްސެވުމުގައި އަމިއްލަފުޅު ބާރު ދައްކަވަން ފަށްޓަވާފައި،" ގައުމުން ބޭރުގައި ދިރިއުޅުނު ނަމަވެސް ޝާހީއާއިލާއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިޔަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައި ވެއެވެ.
ނަމަވެސް ޚަޝޫގްޖީ މައްސަލަ ހަމަ ޖެއްސުމުގައި ރަސްގެފާނު ސަލްމާންގެ ބައިވެރިވެވަޑައިގެންނެވުން އޮތް މިންވަރާ މެދު ރޮއިޓާސް އިން ސައުދީ ސަރުކާރަށް ކުރިމަތިކުރި ސުވާލުތަކަށް އަދި ޖަވާބެއް ނުލިބޭ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ރަސްގެފާނަށް ސިއްރުކުރަން މުޙައްމަދު މަސައްކަތްކުރެއްވި
ޚަޝޫގްޖީ ގެއްލުނު މައްސަލަ ހޫނުވަމުން ދިޔަ އިރުވެސް އަމީރު މުޙައްމަދު ބިން ސަލްމާން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އެކަމުގެ މާ ރަނގަޅު މައުލޫމާތެއް ރަސްގެފާން ސަލްމާނަށް ލިބިވަޑައެއް ނުގަންނަވައެވެ. އެއީ ރަސްކަމަށް ވަޑައިގެންނެވުމާއި އެކު ސައުދީ އަރަބިއްޔާގެ ސަރުކާރު ހިންގުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އަމީރު މުޙައްމަދަށް ދޫކޮށްލައްވައިގެން ހުންނެވީމައެވެ. އަމީރު މުޙައްމަދާއި އޭނާގެ އަރިސް ބޭފުޅުން ރަސްގެފާނަށް ދައްކަވަން މަސައްކަތްކުރައްވަމުން ގެންދެވީ އެބޭފުޅުން ކޮންޓްރޯލް ކުރައްވާ ސައުދީ އަރަބިއްޔާގެ ޓީވީ ޗެނަލްތަކުން ގެނެސްދޭ މަތި އޮމާންކޮށްފައިވާ ހަބަރުތަކެވެ. އެކަމަކު މައްސަލަ ބޮޑުވުމާއި އެކު އެކަންތައް މުޅިން ބަދަލުވެގެން ދިޔައެވެ.
" މި ހަބަރު ރަސްގެފާނަށް ލިބިވަޑައިގަތަ ނުދިނުމަށް އެމްބީއެސްއާއި އޭނާގެ އަރިސް ބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސް އެކަމެއް ނުވި. އެހެނީ ޚަޝޫގްޖީ ގެއްލުނު ހަބަރު ރަސްގެފާނު ބައްލަވާ އަރަބި ހުރިހާ ޓީވީ ޗެނަލަކުން ދިޔައީ ގެނެސްދެމުން،" ރޮއިޓާސް އަށް މައުލޫމާތު ދިން މަސްދަރަކުން ބުންޏެވެ.
އެ މަސްދަރުން ބުނެފައިވާ ގޮތުގައި ހަބަރުތައް އިވިވަޑައިގެންނެވުމާއި އެކު ރަސްގެފާނު ގެންދެވީ އަމީރު މުޙައްމަދާއި އޭނާގެ އަރިސް ބޭފުޅުންނާ އެކަމާ މެދު ސުވާލުކުރައްވަމުންނެވެ. އަދި އެންމެ ފަހުން މުހައްމަދަށް ޖެހިވަޑައިގެންނެވީ އެކަން ރަސްގެފާނަށް އަންގަވައި އެކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުމަށް ދަންނަވާށެވެ.
ރޮއިޓާސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޚަޝޫގްޖީ މައްސަލައިގައި އެމެރިކާއާއި އެނޫން ގައުމުތަކުން ސައުދީއަށް ފާޑުކިއުންތައް އަމާޒުކުރުމުން އެ ފާޑުކިއުންތަކަށް ފުރަތަމަ ދިން ހަރުކަށި ރައްދުތަކީ ރަސްގެފާނަށް އެނގިވަޑައި ނުގަންނަވަނީސް މުހައްމަދު އެޅުއްވި ފިޔަވަޅުތަކެވެ. ނަމަވެސް އެކަމުގައި ގޮތް ދޫކޮށް މައްސަލަ ތަހުގީގުކުރަން އެއްބަސްވީ ރަސްގެފާނުގެ އަމުރުފުޅު ހިންގަވަން ފެށްޓެވި ހިސާބުންނެވެ.
އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ ތެރޭގައި ޚަޝޫގްޖީ މަރައިލިކަމަށް މިހާރު ސައުދީ ސަރުކާރުން ވަނީ އެއްބަސްވެފައެވެ.
ރަސްގެފާން ސަލްމާނަކީ އަމީރުންނަށް ވެސް އަދަބު ދެއްވި ބޭފުޅެއް
އުމުރުފުޅުން މިހާރު 82 އަހަރުވެފައިވާ ރަސްގެފާން ސަލްމާނަކީ ރަސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޝާހީ އާއިލާގެ އެންމެ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅުކެވެ. ވެރިރަށް ރިޔާޒު ހިމެނޭ ޕްރޮވިންސްގެ ގަވާނާކަން އޭނާ 40 އަހަރު ވަންދެން ކުރެއްވިއެވެ. އޭރުގައި އޭނާ މަޝްހޫރުވެވަޑައިގެންފައި ވަނީ ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން ރޮނގުން ބޭރުވެވަޑައިގަންވާ އަމީރުންްނަށް އަދަބު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.
އެހެންވީމާ އަމީރުު މުހައްމަދަށް ކުރިން ދެއްވައިގެންް ހުންނެވި ބާރުތައް ނަންގަވައި އޭނާއާ މެެދުގައި ވެސް ފިޔަވަޅު އެޅުއްވުމަކީ ދުރުކަމެއް ނޫނެވެ.