ގޫގުލް އާތު އިން މިސްރުގެ ޗާޓު ބަލާލާއިިރު ފެހިކުލައިގެ ރޮނގެއް ފެންނަން އޮންނާނެއެެވެ. އެރޮނގު ގޮސް ނިމިފައި އޮންނާނީ އުތުރުގައިވާ ފެހިކުލައިގެ ތިނެސްކަން ސަރަހައްދަކަށެވެ. އެރޮނގާއި ތިނެސްކަނަކީ ނީލަކޯރުގެ އައްސޭރިއާއި އެ އެކޯރު ކަނޑަށް ގޮސް ނިމޭ ހިސާބު ( ޑެލްޓާ) އެވެ. އެއީ މިސްރުގައިވާ ދަނޑުވެރިކަން ކުރެވޭ ފަދަ ދިރުން ހުރި ހަމަ އެކަނި ސަރަހައްދެވެ. އެއީ ނީލަކޯރަށް މިސްރުމީހުން ބަރޯސާކުރާ މިންވަރު ދައްކައިދޭ ހެއްކެކެވެ.
ނީލަކޯރުގެ ސަރަހައްދުގައި 11 ގައުމެއް އެބަ އޮތެވެ. އެކަމަކު އެކޯރު މިހައިތަނަށް ކޮންޓްރޯލް ކުރަމުން އައީ ދުނިޔޭގެ އެންމެ ގަދީމީ ހަޟާރާތްތަކުގެ ތެރޭގައި ހިމެނޭ މިސްރުންނެވެ. އެހެންވެ އެކޯރުގެ ފެނުގެ ބޮޑުބައެއް ބޭނުންކުރަމުން އައީވެސް މިސްރުންނެވެ. އެހާލަތު މިހާރު ވަނީ ބަދަލުވުމުގެ މަގުމަތީގައެވެ.
އިތިއޯޕިއާގެ މާސިންގާ ޑޭމް
ނީލަކޯރަށް ފެން ލިބޭ ދެ އާރުގެ ތެރެއިން " ބްލޫ ނައިލް"ގެ ނަން ދީފައިވާ އާރަކީ އެކޯރުގެ ފެނުގެ 85 ޕަސެންޓް ފެން ފޮނުވައިދޭ އާރެވެ. އިތިއޯޕިއާއިން އަންނަނީ ފަސް ބިލިޔަން ޑޮލަރު ހަރަދުކޮށްގެން ބްލޫ ނައިލްގައި ވަރަށް ބިޔަ ޑޭމެއް ބިނާކުރަމުންނެވެ. "ގްރޭންޑް އިތިއޯޕިއަން ރެނެއިސެންސް ޑޭމް ( ޖީއީއާރްޑީ)ގެ ނަމުގައި އެ ޑޭމް ބިނާކުރަމުން އަންނަނަނީ ސޫދާނާއި އިތިއޯޕިއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައެވެ. އެ ޑޭމް ނިމުމުން އެތަން ވެގެންދާނީ އެފްރިކާގައިވާ އެންމެ ބޮޑު ޑޭމްއަށެވެ. އޭރުން އިތިއޯޕިއާގައި ބޭނުންކުރުމަށާއި ގައުމުން ބޭރަށް ވިއްކަން ވެސް ފުދޭ ވަރަށް ކަރަންޓް އުފެއްދޭނެއެވެ. އެގޮތުން 6000 މެގަވޮޓްގެ ކަރަންޓް އެ ޑޭމް އިން އުފެއްދޭނެއެެވެ.
އިތިއޯޕިއާގެ އެ ބިޔަ މަޝްރޫއު ފަރުމާކޮށްފައި ވަނީ ބާރަށް އިތުރުވަމުން އަންނަ އެގައުމުގެ އާބާދީ ފަގީރުކަމުން ސަލާމަތްކުރުމަށެެވެ. ހަމަ އެއާއި އެކު ނީލަކޯރުގެ ފެން މެނޭޖްކުރުމުގެ ބާރުވެސް އެގައުމަށް ލިބިގެންދާނެއެވެ. އެހެންވެ، އެ ޑޭމްގެ ސަބަބުން ސަރަހައްދުގެ ބާރުވެރިކަން ވެސް ބަދަލުވެގެންދާނެއެވެ.
މިސްރުމީހުންނަށް ނީލަކޯރަކީ އެމީހުންގެ ދިރިއުޅުމުގެ ލޭނާރެވެ. އެގައުމުގެ އާބާދީގެ 97 ޕަސެންޓް މީހުން ދިރިއުޅެނީ ކޯރުގެ އައްސޭރީގައެވެ.
" އެއީ މީހަކަށް ފެން އިސްކުރެއްގެ ކޮންޓްރޯލް ލިބުން ފަދަ ކަމެއް. އެއްވެސް ސަބަބަކާ ހެދި މިސްރަށް ލިބޭ ފެނުގެ މިންވަރު މަދުކުރަން އިތިއޯޕިއާ މީހުންް ބޭނުންވެއްޖެ ނަމަ އެކަން ވާނީ ބޮޑު މައްސަލައަކަށް،" މިސްރުގެ ވެރިރަށް ގާހިރާގެ އައިނު ޝަމްސު ޔުނިވާސިޓީގެ ޕްރޮފެސާ އޮފް ހައިޑްރޯލިކްސް އަލީ އަލް ބަހުރާވީ ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމުގެ ޖަމިއްޔާ " އެފްއޭއޯ" އިން 2014 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ފެނުގެ ދަތިކަމަކީ މިސްރުގައި ސީރިއަސް މައްސަލައެކެވެ. އެގޮތުން އެގައުމުގައި މީހަކަށް ލިބޭ ފެނުގެ މިންވަރަކީ 637 ކޮޑި މީޓަރެވެ. އެއީ އެމެރިކާގައި މީހަކަށް ލިބޭ މިންވަރަށް ވުރެ 15 ގުނަ މަދު މިންވަރެކެވެ. އެމެރިކާގައި މީހަަކަށް 9538 ކޮޑި މީޓަރުގެ ފެން ލިބެއެވެ.
މިހާރު އިތުރުވަމުންދާ މިންވަރަށް މިސްރުގެ އާބާދީ އިތުރުވަމުން ދާ ނަމަ 2030 ވަނަަ އަހަރު އެގައުމުގެ އާބާދީ 120 މިލިޔަނަށް އަރާނެއެވެ. އޭރުން އެގައުމު ވެގެން ދާނީ ފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ތަނަކަށެވެ. އެގޮތުން މީހަކަށް ލިބޭނީ 500 ކޮޑި މީޓަރަށް ވުރެ މަދު މިންވަރެެއްގެ ފެނެވެ.
ނުލާއި ހުދު
ނީލަކޯރޭ ބުނާ އިރަށް މިސްރާ ގުޅުވައިލެވުނަސް ހަގީގަތުގައި އެކޯރަށް ފެންލިބޭ އެއްވެސް މަސްދަރެއް މިސްރަކު ނެތެވެ. އެކޯރަށް ފެން ލިބޭ ދެ މަސްދަރުގެ ތެރެއިން " ވައިޓް ނައިލްގެ ނަން ދީފައިވާ އާރު ފެށިފައި ވަނީ ޓެންޒޭނިއާއާއި ކެންޔާއާއި ޔޫގެންޑާ ގުޅޭ ތަނުގައިވާ ލޭކް ވިކްޓޯރިއާ ނަމަކަށް ކިޔާ ކުޅިއަކުންނެވެ. އެއީ އެފްރިކާގައިވާ އެންމެ ބޮޑު ކުޅިއެވެ. ފެންލިބޭ ދެވަނަ މަސްދަރުކަމަށްވާ ބްލޫ ނައިލް ފެށިފައި ވަނީ އިތިއޯޕިއާގެ އުސްބިންތަކުގައިވާ ލޭކް ޓާނާ ނަމަކަށް ކިޔާ ކުޅިންނެވެ. އެ ދެއާރު އައިސް ގުޅެނީ ސޫދާނުގެ ވެރިރަށް ޚަރުތޫމުގެ ކައިރިންނެވެ. ނީލަކޯރުގެ މައިގަނޑު ދެމިގެން ގޮސްފަައި ވަނީ އެހިސާބުންނެވެ. އަދި އެކޯރު މިސްރުގެ ތެރެއިން ލާފައި ގޮސް ނިމިފައި ވަނީ މެޑިޓަރޭނިއަން ކަނޑަށެވެ.
އެހެން ނަމަވެސް މިސްރުމީހުން ނީލަކޯރުގެ ވެރިކަމަށް ކުރާ ދައުވާ އެގައުމުގެ ގާނޫނުގައި ލިޔެގެން އުޅޭތާ މިހާރު 90 އަހަރު ވެއްޖެއެވެ. އެގޮތުން ކުރާ ދައުވާއަކީ އިނގިރޭސިންނާއި މިސްރުމީހުންނާ ދެމެދު 1924 ވަނަ އަހަރު ސޮއިކުރި މުއާހަދާއަކާއި ގުޅުވައިގެން ކުރާ ދައުވާއެކެވެ. އަދި އޭގެ މާފަހުން 1959 ވަނަ އަހަރު މިސްރާއި ސޫދާނުން ވެސް ނީލަކޯރާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނީލަކޯރުގެ ފެނުގެ އެއްބަސްވުންތަކުގެ ނަންދީފައިވާ އެ ދެއެއްބަސްވުމުގެ ދަށުން މިސްރު މީހުންނަށް 55.5 ބިލިޔަން ކޮޑިމީޓަރުގެ ފެން ލިބޭ އިރު ސޫދާނަށް ލިބެނީ 18.5 ބިލިޔަން ކޮޑިމީޓަރުގެ ފެނެވެ.
ނީލަކޯރަށް އެންމެ ގިނައިން ފެން ފޮނުވައިދޭ އާރު އޮންނަނީ އިތިއޯޕިއާގައި ކަމަށް ވިޔަސް ފެނުގެ އެއްބަސްވުންތަކުގައި އެގައުމަށް އެއްވެސް މިންވަރެއްގެ ފެން ދިނުމަށް ހިމަނާފައެއް ނުވެއެވެ. ކަން މިހެން ހުރި އިރު ނީލަކޯރަށް ފެން ލިބޭ ސަރަހައްދުތަކުގައި އެއްވެސް ޑޭމެއްގެ މަސައްކަތް ކުރަން އުޅޭ ނަމަ އެކަން ވީޓޯ ކުރުމުގެ ބާރުުވެސް އެއްބަސްވުންތަކުގައި ދީފައި ވަނީ މިސްރަށެވެ.
" ގަބޫލުކުރެވޭ ގޮތުގައި މިސްރަށް މިފަދަ މޮޅު ގޮތްތައް ހަދައިދީފައި ވަނީ އިސްތިއުމާރީ ދުވަސްވަރު އެގައުމުގެ މުހިއްމުކަން އިނގިރޭސިންނަށް ބޮޑުކަމުން. ހާއްސަކޮށް މިސްރުގެ ކޮޓަން ދަނޑުތައް، " ޔޫޓާ ގައި މަރުކަޒުކޮށްފައިވާ ވެބާ ސްތޭޓް ޔުނިވާސިޓީ ގެ އިކޮނޮމިކް ޕްރޮފެސާ ޖޯން މުކުމް އެމްބާކޫ ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.
މިސްރުން ހަަމަ އެކަނި ބޭނުންވަނީ ނީލަކޯރުގެ ފެނެއް ނޫނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެކޯރުގެ މައްޗަށް އެމީހުންގެ ތާރީހީ އަދި ގާނޫނީ ހައްގެއް ވެއެވެ. އެކަމަކު އެހެން ގައުމުތަކުން އެގޮަތަކަށް އެއްބަހެއް ނުވެއެވެ.
" ނީލަކޯރަށް މަތިން ފެންް ދެމިގެން އަންނަ ސަރަހައްދުގައިވާ ގައުމުތަކުން ދެކެނީ ނީލަކޯރުގެ ފެނުގެ އެއްބަސްވުންތައް އިންސާފުވެރިނޫން ކަމަށް. އަދި އެ އެއްބަސްވުންތައް ނުދެމެހެއްޓޭނެ ކަމަށް،" އެމްބާކޫ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އިތިއޯޕިއާ ވެސް ހިމެނޭ ގޮތުން ގައުމުތަކުން ގަބޫލުކުރާ ގޮތުުގައި ނީލަކޯރުގެ ފެނާއި ބެހޭ އެއްބަސްވުންތަކަށް އެގައުމުތަކުން އަމަލުކުރާކަަށް ނުޖެހޭނެއެވެ. އެހެނީ އެ އެއްބަސްވުންތަކުގައި އެގައުމުތައް ބައިވެރިކޮށްފައެއް ނުވެއެވެ.
ނީލަކޯރުގެ ފެނާ ބެހޭ ގޮތުން އަޕްސްޓްރީމް ގައުމުތަކާއި މިސްރާއި ސޫދާނު ބައިވެރިވާ އެއްބަސްވުމަކަށް އައުމަށް އެގައުމުތަކުން 1999 ވަނަ އަހަރު މަސައްކަތް ކުރިއެވެ. ނަމަވެސް މިސްރާއި ސޫދާނުން އޭރުގައި އެއްބަސްނުވީއެވެ.
ޑޭމްގެ ސަބަބުން ވާހަކަ ބަދަލުވެއްޖެ
ޑޭމް ބިނާކުރުމަށް އިތިއޯޕިއާއިން ނިންމި ހަރުދަނާ ނިންމުން 2011 ވަނަ އަހަރު ނިންމި އިރުވެސް ފެނުގެ ޒުވާބު ދިޔައީ ހިނގަމުންނެވެ. އެގައުމުން އެގޮތަށް ނިންމީ މިސްރާ ވާހަކަވެސް ނުދައްކައެވެ.
މިސްރުން އޭރުގައި ދިޔައީ އިތިއޯޕިއާއަށް އެކަމުގަައި ބިރު ދައްކަމުންނެވެ. މިސްރުގެ އޭރުގެ ރައީސް ޑރ. މުހައްމަދު މުރުސީ ވިދާޅުވީ އިތިއޯޕިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާނު ނުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް މިސްރަށް ލިބޭ ފެނުގެ އެންމެ ތިއްކެއް މަދުވިޔަސް އޭގެ ބަދަލުގައި އޮތީ މިސްރުމީހުންގެ ލޭ ކަަމަށެވެ.
މިސްރުން އޭރު ދެއްކި ބިރަށް އިތިއޯޕިއާއިން ބޯނުލެނބުމުން އެގައުމުން ފަހުން މަސައްކަތް ފެށީ ޑިޕްލޮމެޓިކް ގޮތުން މައްސަލަ ހައްލުކުރުމަށެވެ. އެގޮތުން މިހާރު މަޝްވަރާކުރަމުން ދަނީ ޑޭމް ނިމުނުން ރިޒަވިއާތައް ފުރާލުމަށް ހޭދަކުރާނެ ވަގުތާ މެދުގަައެވެ. އަދި އެގޮތުންް ފުރާލާއިރު މިސްރަށް ފެން ލިބޭ މިންވަރު މަދުވާނީ ކިހާ މިންވަރަކަށްތޯއާއި ނީލަކޯރުގެ ފެންގަނޑު އެކަމުގެ ސަބަބުން ހިނދިދާނެތޯވެސް އަންނަނީ ބަހުސް ކުރަމުންނެވެ. އިތިއޯޕިއާ މީހުންނަށް ތިން އަހަރު ދުވަހުން ވެސް ޑޭމް ފުރާލެވިދާނެއެވެ. އެކަމަކު އޭރުން މިސްރަށް ބޮޑު ދައްޗެއް ކުރިމަތިވާނެއެވެ. ނީލަކޯރުގެ ފެނުގެ މައްސަލަ ސުލްހަވެރި ކަމާ އެކު ނިމިއްޖެ ނަމަ އެކަން ވާނީ ފެނުގެ މައްސަލައިގައި ދުނިޔޭގެ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައި ހުރި މައްސަލަތައް ހައްލުކުރާނެ ގޮތުގެ ނަމޫނާއަކަށެވެ.