ޕީޕީއެމްގެ ކޮންގްރެސްއިން އިންތިހާބުކޮށްފައިވާ އެ ޕާޓީގެ އާ ލީޑަޝިޕް ގަބޫލު ނުކުރެވޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރަނީ ކޮންގްރެސްގެ ކުރިން އޮތް އެ ޕާޓީގެ ލީޑަޝިޕްކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްގެ މުސްތަޝާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ އެކު ޕީޕީއެމްއިން ކުއްލި ގޮތަކަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ދަރުބާރު ގޭގައި އެ ޕާޓީގެ ކޮންގްރެސްއެއް ބާއްވައި، ޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށް އަދި އާ ނައިބު ރައީސުންނާއި ޕާޓީގެ ކައުންސިލް އަލުން އެކުލަވާލި އެވެ. އެހެން ނަމަވެސް އީސީއިން ވަނީ އެ ނިންމުންތައް ބަލައި ނުގަނެވޭނެ ކަމަށް ބުނެފަ އެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ރޭ ސަންގްޓީވީގައި ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަންނަން ނިންމީ އެ ކޮންގްރެސް މޮނީޓާކުރި ކޮމިޝަންގެ އޮބްޒާވަރުން އެ ކޮމިޝަނާ ހިއްސާކުރި ރިޕޯޓަށް ބެލުމަށް ފަހު އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކޮންގްރެސްގެ ބައެއް ކަންކަން ކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރާތީ ކަމަށެވެ. އެގޮތުން އަކުރަމް ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކޮންގްރެސްގައި ވޯޓްލެވޭ ޕާޓީގެ މެންބަރުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުވާލަން ޖެހޭ ކަމަށާއި އަސާސީ ގަވާއިދު އޮންނަ ގޮތުން ޕާޓީގެ މަގާމަކަށް އާދެވޭނީ ޕާޓީގެ މެންބަރަކަށް ވާތާ ވަކި މުއްދަތެއް ވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ އިޖުރާއަތުތައް ފުރިހަމަކޮށްފައި ހުރިކަން ކަށަވަރުކޮށް ދިނުމަށް ޕީޕީއެމްއަށް ދެ ފުރުސަތެއް ދިން ނަމަވެސް، އެކަމާ ގުޅޭ ލިޔުންތައް ޕީޕީއެމްއިން އީސީއާ ހިއްސާކޮށްފައި ނުވާ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
"ކޮންގްރެސްއެއް ވެއްޖިއްޔާ ފުރިހަމަވާން ޖެހޭ ކަންތައްތަކެއް ހުރޭ. ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރޭ. ސިޔާސީ ޕާޓީއެެއްގެ ކޮންގްރެސްއެއް ނުގެންދެވޭނެ އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ ހިލާފަކަށް. ފާސްކޮށްފައިވާ އަސާސީ ގަވާއިދަށް ކަންކަން ނިންމަން ޖެހޭނީ... އެއްވެސް ޕާޓީއެއްގައި ނޯވޭ އެ ޕާޓީގެ މެންބަރުން ފިޔަވާ އެހެން ބޭފުޅުންނަކަށް ވޯޓްލެވޭ ގޮތަކަށް. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ފާހަގަކޮށްފައި އޮވޭ، ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ ކުރިން ބައިވެރިވެވޭ މީހުންގެ ލިސްޓެއް އާންމުކޮށް ޝަކުވާ ހުށަހަޅަން ޖެހޭ ވާހަކަ. އަނެއްކާ އަސާސީ ގަވާއިދުގައި އޮވޭ މަގާމަކަށް ކުރިމަތިލެވޭނީ ޕީޕީއެމްގެ މެންބަރަކަށް ވާތާ ވަކި މުއްދަތެއް ވީމައޭ. އެފަދަ އަސާސްތަކެއް ކަނޑައަޅާފައިވާއިރުގައި އަޅުގަނޑުމެންނަށް އުނދަގޫވާނެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަންނަން. އެބޭފުޅުން މިހާރުވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކޮންގްރެސްއެއް ބާއްވައިގެން ކުރިއަށް ގެންދަންވީ،" އަކުރަމް ވިދާޅުވި އެވެ.
އީސީއިން އެއްވެސް ކަމެއް ނިންމުމުގައި ޖަޒުބާތަށް ބުރަނުވާނެކަން ފާހަގަ ކުރައްވަމުން އަކުރަމް ވިދާޅުވީ، މީގެ ކުރިން ޖޭޕީ އާއި އެމްޑީޕީގެ ކޮންގްރެސްއިން އެ ޕާޓީތަކުގެ އަސާސީ ގަވާއިދަށް ގެނެސްފައި ހުރި ބަދަލުތައް ބައެއް ގާނޫނުތަކާ ފުށުއެރުމާއި އަދި ޔައުމިއްޔާގައި ނެތް ބައެއް ކަންކަން އިސްލާހުތަކުގެ ތެރޭގައި ހިމެނިފައި ވާތީ އެކަންކަން އިސްލާހު ކުރަން އެ ޕާޓީތަކުގައި އެދުނު ކަމަށެވެ. އަދި އެ ޕާޓީތަކުން އީސީގެ އެންގުމަށް އަމަލުކޮށް އެކަންކަން އިސްލާހުކޮށް އަލުން އީސީއަށް ފޮނުވި ކަމަށް ވެސް އަކުރަމް ވިދާޅުވީ އެވެ. އޭނާ ވިދާޅުވީ ކުޑަ ޕާޓީއެއް ބޮޑު ޕާޓީއެއް އީސީއިން ނުބަލާ ކަމަށާއި ބަލާނީ ގާނޫނާއި ގަވާއިދު ހަމަހަމަޔަށް އެންމެންގެ މައްޗަށް ތަންފީޒު ކުރުމަށް ކަމަށެވެ.
"އީސީއިން ވަކި ޕާޓީއެއް ވީމާ ވަކިގޮތަކަށް އަމަލެއް ނުކުރާނެ. ޖޭޕީ އާއި އެމްޑީޕީގެ ކޮންގްރެސްގެ ބައެއް އިސްލާހުތައް ބަލައި ނުގެން ގޮތަށް ހަމަ ޕީޕީއެމްގެ ނިންމުންތައް ބަލައި ނުގަތީ. ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކޮށްފައި އޮންނަ އިސްލާހެއް ހުށަހަޅައިފި ނަމަ އަޅުގަނޑުމެން ބަލައިގަންނާނެ،" އަކުރަމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ބޭނުން ޕީޕީއެމްގެ ކޮންގްރެސް ވެސް ބަލައިގަންނަން އެކަމަކު އަޅުގަނޑުމެން ކިހިނެތްތޯ ބަލައިގަންނާނީ އަސާސީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރިކަން ކަށަވަރުވާނެ ލިޔުންތައް ނުލިބި. ދެފަހަރަށް އަންގައިގެން ވެސް އެ ލިޔުންތައް އެބޭފުޅުން ފޯރުކޮށް ނުދެއްވާ. ލިޔުންތަކެއް ނުލިބި ނުނިންމޭނެ ސައްހަ ކަމަކަށް. އެހެން ވީމާ އަޅުގަނޑުމެން ބަލައެއް ނުގަންނަން ކޮންގްރެސްގެ އެއްވެސް ނިންމުމެއް. ކޮންގްރެސްގެ ކުރިން އެއޮތް ލީޑަޝިޕް އަޅުގަނޑުމެންނަށް ބަލައިގަނެވޭނީ. އެއީ އީސީއިން ގަބޫލު ކުރާ ގޮތަކީ،"
ކޮންގްރެސްގެ ކުރިން ޕީޕީއެމް ހިންގަމުން ގެންދިޔައީ، ޕާޓީގެ މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީން އެވެ. އެގޮތަށް އަމަލު ކުރަމުން ދިޔައީ ޕާޓީގެ ހިންގުން އެ ޕާޓީގެ ރައީސް މައުމޫންގެ އަތުން ނަގައި މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެވެ. ޕާޓީގެ އާ ކޮންގްރެސް ބޭއްވީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓްގައި އެ މައްސަލަތައް ކުރިއަށް އެބަދެ އެވެ.
އަކުރަމް ވިދާޅުވީ، ޕީޕީއެމްއިން ވެސް ކަންކަމާ މަޝްވަރާ ކުރަން ބޭނުންވާ ނަމަ، އީސީއަށް އައިސް އެކަން ކުރުމުގެ އެ ފުރުސަތު އަބަދުވެސް އޮންނާނީ ހުޅުވިފައި ކަމަށެވެ. އެހެން ނަމަވެސް، ކަންމަތީގައި ތިބެގެން ޝަކުވާތަކެއް ކުރިޔަސް އީސީއަށް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ އޮފިސް ކުރިމަތީގައި ބާއްވާ މުޒާހަރާއަކީ އެއްވެއުޅުމުގެ ގާނޫނާ ހިލާފު އެއްވުމެއް ކަމަށެވެ. އަދި އެ ކަންކަން އިސްލާހު ކުރަން ޕީީޕީއެމްއަށް ވެސް އަންގާފައިވާނެ ކަމަށާއި ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައި ވާނެ ކަމަށެވެ. އަކުރަމް ވިދާޅުވީ އީސީގެ އެންގުމަށް އަމަލު ނުކުރާ ނަމަ، ޕީޕީއެމްގެ މައްސަލަ ބަލައި ޕީޕީއެމްއާ މެދު މި ހަފްތާ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އީސީއިން މިހާރުވެސް މައްސަލަ ވާނީ ކަމާ ގުޅޭ ހުރިހާ އިދާރާއަކަށް ހުށަހަޅާފައި. އަޅުގަނޑުމެންނަށް ވަގަށް ގޮވާ މައްސަލަ އާއި އަސްލެއް ނެތް ތުހުމަތުތައް ކުރާ މައްސަލަ އަޅުގަނޑުމެން މި ފެށޭ ހަފްތާ ސިވިލްކޯޓަށް ވެސް އެބަ ހުށަހަޅަން. ކޮމިޝަންގެ މެންބަރަކު ނެތް ކަޅުފައިސާގައި ޖެހިފައެއް. އެކަން ކުރަނިކޮށް އަޅުގަނޑެއް ނުދެކެން. އަދި ކޮމިޝަންގެ މެންބަރަކު އެފަދަ ކަމެއް ކޮށްފާވާނެ ކަމަށް ގަބޫލެއް ވެސް ނުކުރެވޭ. އެބޭފުޅުން މެންބަރުން ރިޝްވަތު ހިފިކަމަށް ބުނާ ނަމަ، އެކަން ކުރި ވަގުތާއި އެ ފައިސާ ދިން މީހަކާއި އެ ފައިސާ ހަވާލުވީ ކާކުކަން ވެސް ހެއްކާ އެކު
ދައްކަވާ،" އަކުރަމް ވިދާޅުވި އެވެ.