ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ގޮނޑި އިތުރުވާނީ ހެންވޭރާއި މައްޗަންގޮޅިއަށް: އީސީ

އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގައި ދެ ގޮނޑި އިތުރުވާނީ ހެންވޭރު އަދި މައްޗަންގޮޅި ދާއިރާއަށް ކަމަށް ބެލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވީ، ގާނޫނު އޮތް ގޮތުން އެއް ގޮނޑި ވެސް އިތުރު ކުރެވިދާނެ ކަމަށާއި އަދި ގޮނޑިތަކެއް އިތުރުނުކޮށް މިހާރު މެންބަރުން ތިބި އަދަދަށް ވެސް މަޖިލީހުގެ ފޯމޭޝަން ބޭއްވިދާނެ ކަމަށެވެ. އަދި އިންތިހާބު އިއުލާން ކުރުމުގެ ކުރިން ދާއިރާތައް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެކަން ކުރުމުގައި ޕާޓީތަކާއި ދާއިރާތަކުގެ ރައްޔިތުންގެ ބަސް ހޯދައިގެން އެކަން ކުރުމަކީ އީސީގެ ވިސްނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފަހަރު ދެ ގޮނޑިއެއް އިތުރުވާނީ މާލެއަށް ކަމަށެވެ.

"ދެ ދާއިރާއެއް އިތުރު ކުރަން ޖެހޭ ކަމަށް މިހާތަނަށް މި ބެލެވެނީ. އެއީ މަންޗަންގޮޅި އާއި ހެންވޭރަށް އިތުރު ދާއިރާއެއް އަންނާނެކަމަށް މިބެލެވެނީ. އެކަމަކު އެ ކަންކަން ކުރުމުގެ ކުރިން އަޅުގަނޑުމެން މި އުޅެނީ ޕާޓީތަކާއި އެހެން ވެސް ކަމާ ގުޅޭ ފަރާތްތަކުގެ ލަފަޔާ އެކު އެކަން ކުރަން މި ވިސްނަނީ. އެކަމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށް މި ގެންދަނީ،" އަކުރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާބާދީއާ އައި ބަދަލާ އެކު މަޖިލީހުގައި ހުރި ދާއިރާތަކުގެ ނަންތަކަށް ވެސް ބަދަލުތައް އަންނާނެ އެވެ. ހާއްސަކޮށް އައްޑު އާއި ފުވައްމުލަކުގެ ދާއިރާތަކުގެ ނަންތަކަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެ ނަންތައް ކަނޑައެޅުމުގައި ކައުންސިލްތަކާ މަޝްވަރާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ދާއިރާތަކުގެ އާ ނަންތަކާއި އަލަށް އިތުރުވާ ދާއިރާތައް ހުރި ނަމަ އެ ކަންކަން ވެސް އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

"އަބަދުވެސް ދާއިރާތަކަށް ނަންދީފައި މި ހުންނަނީ އެ ދާއިރާގައި ހުންނަ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުން. މި ފަހަރުވެސް އަޅުގަނޑުމެން ބަލާނީ އެހެން. އެކަމަކު އެ ކަންކަން ނިންމާނީ ކައުންސިލްތަކާ ވެސް މަޝްވަރާކޮށްގެން އެންމެންނަށް ބުރަވެވޭ ގޮތަކަށް،" އަކުރަމް ވިދާޅުވި އެވެ.

އީސީއިން ނިންމާފައި ވަނީ މާޗްމަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓް ހޯދުމަށް މިހާރު ފިނޭންސްގައި އެދިފައިވާ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.