ދުނިޔެ

ޚާޝުގްޖީގެ މަރާ ބެހޭ ރިޕޯޓް ފުރިހަމައެއް ނޫން

ތުރުކީގެ އިސްތަންބޫލްގައިވާ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ބެހޭ ގޮތުން ސައުދީން މިހައިތަނަށް އާއްމުކޮށްފައިވާ ރިޕޯޓާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ގިނަ ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިންނާއި އެމެެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ޚާޝުގްޖީ ގެއްލުމުން ސައުދީން ފުރަތަމަ ބުނަމުން ދިޔައީ އެ ކޮންސިއުލޭޓުން އޭނާ ނުކުމެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ތުރުކީ ފުލުހުން ކޮންސިއުލޭޓަށް ވަދެ ހިންގި ތަހުގީގުތަކަަށް ފަހު ސައުދީ އެއްބަސްވެފައި ވަނީ ކޮންސިއުލޭޓްގެ ތެރޭގައި މީގެ ދެހަފުތާކުރިން އޭނާ މަރުވެފައިވާ ކަމަށެވެ. ހޮނިހިރު ދުވަހު ސައުދީ ސަރުކާރުން ބުނީ ޚާޝުގްޖީ މަރުވީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައި ކަމަށެވެ. ޖަމާލް ޚާޝުގްޖީއަކީ ސައުދީ އަރަބިއްޔާގައި މިހާރު އެންމެ ނުފޫޒު ގަދަ ، އެގައުމުގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާނަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި މީހެކެވެ.

ޚާޝުގްޖީ މި އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހު އިސްތަންބޫލުގައިވާ ސައުދީ ކޮޮންސިއުލޭޓަށް ދިޔައީ ތުރުކީ މީހަކާ ކައިވެނި ކުރުމަށްޓަކައި އޭނާގެ ވަރިއާ ބެހޭ ލިޔެކިއުންތައް ނެގުމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޖަރުމަނުން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ބެހޭ ގޮތުން ސައުދީން މިހައިތަނަށް ހާމަކޮށްފައިވާ މިންވަރުން ނުފުދޭ ކަމަށެވެ. އަދި ގައުމުތަކުން ސައުދީއަށް ހަތިޔާރު ވިއްކުމަކީ ރަނގަޅުކަމެއްތޯ އެގައުމުން ވަނީ ސުވާލު އުފައްދާފައެވެ. ފްރާންސާއި ޔޫރަޕިއަން ޔޫނިއަނުން ގޮވާލާފައި ވަނީ ޚާޝުގްޖީގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޚާޝުގްޖީގެ މަރާ ބެހޭ ގޮތުން ސައުދީން ހާމަކޮށްފައިވާ މިންވަރާ މެދު ހިތްޕުޅުހަަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

" އަހަރެމެންނަށް ޖަވާބު ނުލިބެނީސް ހިތްހަމައެއް ނުޖެހޭނެ،" ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ރިޕޯޓުގައި ވެއެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވެ، ސައުދީ އަރަބިއްޔާގެ ވިޔަފާރިއާއި އިގުތިސާދަށް ވަނީ އެކަމުގެ ނުބައި އަސަރުކޮށްފައެވެ.

ޚާޝުގްޖީ މަރުވީ ތަޅާފޮޅުމެއްގެ ތެރެއިން ކަމަށް ސައުދީން ބުންޏަސް ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނަމުން ދަނީ އޭނާ މަރައިލީ ރާވައިގެން ކަމަށާއި އޭނާގެ ހަށިގަނޑު ކޮށާލާފައިވާ ކަމަށެވެ.