ހަބަރު

ސިޔާސީ އެއްވެސް ކަމެއް ސިފައިންގެ ތެރެއިން ނުފެނޭ: މިނިސްޓަރު

ރިޔާސީ އިންތިހާބުގެ ފަހުންވެސް، އެއްވެސް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ކަޅުތުއްކަލާ ކޮށި ތެރެއަށް ޗީފް އޮފް ޑިފެންސްފޯސްއަށްދޭ މެސެޖެއް ކަމަށްބުނެ ގަނޑުތަކެއް އަޅާފައިވާކަމަށް ބުނާ ދަނޑިވަޅެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންނަކީ ގާނޫނު އަސާސީއާއި ސިފައިންގެ ގާނޫނުން ލާޒިމް ކުރާ ޒިންމާތަކެއް އުފުލަންޖެހޭ ބައެއް ކަމަށެވެ.

މީގެ އިތުރުން ސިފައިންނަކީ ސިޔާސީ ކަންކަމާއި ދުރުހެލި، އަދި ދުރުހެލިވާންޖެހޭ ބައެއްކަމަށާއި، ރިޔާސީ އިންތިހާބުގެ ފަހުންވެސް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ފެނިފައިނުވާކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

ފޭސްބުކު ގައި ޑިފެންސް މިނިސްޓަރު ކުރެއްވި ޕޯސްޓް

ސިފައިންގެ ތެރެއަށް އަޅާފައިވާކަމަށް ބުނާ ގަނޑުތަކުގައި ބުނެފައިވަނީ، ރިޔާސީ އިންތިޙާބު ކާމިޔާބުކުރި، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިފައިން އެއްބަރުލުން ދޭނެ ކަމަށާއި، ވެރިކަން ގަޑުބަޑު ކުރުމަށް އެއްވެސް ކަމެއް ނުކުރަން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ސިފައިން ތިބޭނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ވޯޓުގެ ނަތީޖާ ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ގަނޑުތަކުގައި ވަނީ ބުނެފައެވެ. ފަނޑިޔާރުންނަށް ބިރު ދައްކައި ނަތީޖާ ބަދަލު ކުރުމަށް ކުރަމުންދާ ހުރިހާ ކަމެއް ހުއްޓާލުމަށްވެސް އެ ގަނޑުތަކުގައި ވަނީ ގޮވާލާފަ އެވެ.