ދުނިޔެ

ޗައިނާގެ ފަރާތުން މަކާއޯގައި ހުންނަވާ ވެރިޔާ އިމާރާތަކުން ވެއްޓި އަވަހާރަވެއްޖެ

ޗައިނާގެ ފަރާތުންް މަކާއޯގައި ހުންނަވާ ވެރިޔާ ޒެން ޒިއާއޯސޮން އޭނާ ދިރިއުޅުއްވި އިމާރާތުން ވެއްޓިވަޑައިގެން އަވަހާރަވެއްޖެއެވެ.

ޗައިނާ ސަރުކާރާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ޒެން އަވަހަރާވިކަން ހާމަކުރުމަށް ޗައިނާގެ މައި ސަރުކާރުން ނެރުނު ބަޔާނުގައި އެހާދިސާއާ ބެހޭ މާބޮޑު ތަފުސީލެއް ނެތް ކަމަށެވެ. އެގޮތުން ހަމަ އެކަނި ބުނެފައި ވަނީ އޭނާ އަވަހާރަވީ ދިރިއުޅުއްވާ އިމާރާތުން ވެއްޓިވަޑައިގެންނެވުމުގެ ސަބަބުން ކަމަށާއި އޭނާ އަކީ ޑިޕްރެޝަން ތަަހައްމަލުކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.

މަކާއޯއަކީ ހޮންކޮންގް އާއި ޓައިވާނު ފަދައިންް ވެސް ޗައިނާގެ ދަށުގައި އޮންނަ، އެހެން ނަމަވެސް އެތެރޭގެ ހިންގުމުގެ މިނިވަންކަން އެތަނުގެ މީހުންނަށް އޮންނަ ތަނެކެވެ.

މަކާއޯގައިވާ ޒެންގެ އޮފީހުން ނެރުުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަވަހާރަވީ ދުވަހުގެ ކުރީ ދުވަހު ވެސް އޮފީހަށް ވަޑައިގެން މަސައްކަތް ކުރެެއްވި ކަމަށެވެ. އެގޮތުން އެދުވަހު މަކާއޯގެ ތިންކް ޓޭންކެއްގެ އޮފިޝަލުންނާ ބައްދަލުކުރެއްވި ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެެއެވެ.

ޒެން އަކީ އިނގިރޭސިވިލާތުގެ ދަށުން ޗައިނާގެ ދަށަށް ހޮންކޮންގް ބަދަލު ކުރި އިރު އެކަމުގެ މަޝްވަރާތަކުގައި ޗައިނާގެ ފަރާތުުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.