ވާހަކަ

ބުނެދޭށޭރުހެމޭ

(18 އޮކްޓޯބަރ 2018 އާ ގުޅޭ) -- "ރަނގަޅެއްނު، އޭނާ ކިފާދެކެ ލޯބިވަންޏާ ނެތެއްނު މައްސަލައެއް، ތިބުނީ މަޢާފަށް އެދިފައި ދެން އެކަހަލަ ކަމެއް ނުކުރާނަމޭ ވެސް ބުންޏޭ، ކީފާ ވެސް ނުލާހިކު ގަޔާވެޔެއްނު މިޢުވާނުއާ" އެއްވެސް އަސަރެއްނެތް ގޮތަކަށް އަރްސަލް ބުނެލިއެވެ. ކީފާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެ މޭޒުގެ ދޮށުގައި އައިސް އިށީން ދެ ޒުވާނުންނަށް ކީފާ ބަލާލިއެވެ.

އަރްސަލްއަށް ކީފާ ބަލާލީ މިވަނީ ކިހިނެއްހޭ އަހާލާ ފަދަ ގޮތަކަށެވެ. އޭނާއާއި އަރްސަލްއާއެކު އިތުރު ބަޔަކު އެ މޭޒުދޮށުގައި ބައިވެރިވާނެއޭ އަރްސަލް ކުރިއަކު ނުބުނެއެވެ. އުންމީދުކޮށްގެން ހުރީ އަރްސަލްއާއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެކަމަށެވެ. ޚާއްޞަކޮށް އަރްސަލް އިސްވެ ކީފާއަށް ގުޅައި ބައްދަލުކޮށްލަން އެދުމަކީ ކީފާގެ ރޭވުންތައް ކާމިޔާބުވަމުން ދާކަމުގެ ކޮޅުމަތިކަމުގައި އޭނާއަށް ހީކުރެވުނެވެ.

"ކީފާ" ކީފާގެ ވައަތް ފަރާތު ގޮނޑީގައި އިން ރާދިން ގޮވާލިއެވެ. އެ މޭޒު ދޮށުގައި ދެން އިނީ ޒިވަންއެވެ. އޭނާ އިނީ އަރްސަލްއާއި ރާދިންގެ އަރިމައްޗަށް، ކީފާއާ ކުރިމަތިވާ ގޮތަށް ހުރި ގޮނޑީގައެވެ. އޭނާ ވެސް އިނީ ކީފާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ރާދު މިތާ ކީއްކުރަނީ؟" ކީފާ އަހާލިއެވެ.

"އަހަރެން އެ މީހުން ގެނައީ، އެއީ ދުރުބައެއް ނޫނެއްނު... ޒިވަން އެނގެއެއްނު، ކުރީން ވެސް ފެނިފައެއްނު ހުރީ" އަރްސަލް ބުނެލިއެވެ.

ކީފާ މަޑުމަޑުން ބޯޖަހާލީއެވެ. އެހެންނަމަވެސް އެ މީހުން އައުމުގެ ސަބަބުން ކީފާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ އަސަރުތަކުން ތިން ޒުވާނުން ދެނެގަތެވެ. އަރްސަލް އޭނާގެ ޖީބުން ނެގި ފޯނު މޭޒުމަތީ ބޭއްވިއެވެ. އެ ފޯނަށް އޭނާ އިރުކޮޅަކު ބަލަން އިނެވެ. އެއީ ނިމްރާ ގެންގުޅުނު ފޯނެވެ.

"އެނގޭތަ، ކީފާއާއި މިޢުވާނު އުޅެނީ ރައްޓެހިވެގެންކަން" ފޯނަށް ހުއްޓިފައި ހުރި ނަޒަރު ކީފާއަށް ހުއްޓާލަމުން އަރްސަލް ބުންޏެވެ.

"އަރްސަލް" ކީފާއަށް އަރްސަލްގެ ނަމުން ގޮވާލެވުނީ އޭނާ ދައްކަން އުޅޭ ވާހަކައިގެ މިސްރާބު އެނގިގެނެވެ. އަދި އަވަސް ނަޒަރެއް ރާދިންއާއި ޒިވަންއާ ބަދަލުކޮށްލިއެވެ.

"ކިހިނެއްވީ؟ ތެދެއްނު މިބުނީ، ރާދުއަށް ވެސް އެނގެންވާނެއެއްނު، ދެން މީނދަ ޒިވަންއަށް ވެސް މިޢުވާނަކީ ކާކުކަން އެނގޭނެ.... އެއީ ނިމްރާގެ އެކްސް... ދޯ ކީފާ" އަރްސަލް ބުންޏެވެ. އޭނާގެ ވާހަކަ ހުރި ގޮތް އެއްގޮތަކަށް ވެސް ކީފާއަކަށް ކަމަކު ނުދިޔައެވެ.

"ތީ ކޮންވާހަކައެއް... އަހަރެންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މުޅި ދުނިޔެއަށް ޢިއުލާން ކުރަން ޖެހޭތަ؟" ކީފާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ.

"މުޅި ދުނިޔެއެއްނޫނެއްނު މީ... މިތާ ކިރިޔާ ވެސް ދުރު މީހަކަށް އިނީ ޒިވަން އެކަނި، އެކަމަކު އޭނާއަކީ ސިއްރު ހިފަހައްޓަން އެނގޭ މީހެއް" އަރްސަލް ބުންޏެވެ.

"އެހެންވިޔަސް ހެޔޮ... އަހަރެން މިތާ އިންނަ ހިތެއް ވެސް ކެނޑިއްޖެ، އަހަރެން ގެއަށް ދާން މިދަނީ" ފޫހިކަން ދައްކާލާފައި ކީފާ ތެދުވަން އުޅުނު ހިނދު އޭނާގެ ދެފަރާތުން އަތުގައި ހިފީ ރާދިންއާއި އަރްސަލްއެވެ.

"އިށީނދޭ... ހަމަ މިހާރު އިށީނދޭ" އަރްސަލް ދަތްކުނޑިވިކާލިއެވެ. ކީފާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. އިށީންނަން ބޭނުންނުވިޔަސް އޭނާ އިށީނެވެ.

"އަޑުއެހިން މީހަކާ އެންގޭޖުވެ ވަރަށް އަވަހަށް އިންނާށޭ އުޅެނީ، އޭނާ ޕްރޮޕޯސްކޮށް ރިންގެއް ވެސް ދިންކަމަށްވަނީ" ރާދިން ވާހަކަދެއްކިއެވެ.

"އެއްމަސް ފަހުން" އަރްސަލް އިތުރުކޮށްލިއެވެ. ކީފާއަށް ހިންދިރުވާލެވުނީ އަރްސަލްއާއި ރާދިންގެ ވާހަކައި މިސްރާބު އެހުރީ ކޮންކަމަކާ ގުޅުވާފައިކަން އެނގިގެންނެވެ. ކުރީން ފެންނަ ހަމްދަރުދީގެ އަސަރެއް އަރްސަލްގެ ބެލުމުގައި ނުވަނީ ކީއްވެކަން ކީފާއަށް ވިސްނާލެވުނީ ދެނެވެ.

"އަހަރެން ގާތު ބުނަން ޖެހޭ ވާހަކައެއް އެބައޮތްތަ؟" އަރްސަލް އެހިއެވެ.

"އަހަންނަކަށް ނޭނގެ ތިކިޔާ އެއްޗެއް" އެނގި ހުރެ ވެސް ނޭނގޭކަމަށް ކީފާ ހެދުނެވެ.

"ބިޗް ޔޫ ހާޓް ހާ، ޑޯންޓް ޕްލޭ އިނޮސެންޓް، ޔޫ ހޭވް ޓު ޓޭކް ރެސްޕޮންސިބިލިޓީ ފޯ ޔޯ އެކްޝަންސް" ނީނދެވިގެން ކަހަލަ ގޮތަކަށް ޒިވަން ބުނީ ނިކަން ހަރުކަށިކަމާއެކުއެވެ.

"ހައު ޑެއާ..." ޒިވަންއަށް ލޯ އަޅާލަމުން ކީފާ ބުނަން އުޅުނު ބަސްތައް ހުއްޓުވީ އަރްސަލްއެވެ.

"ހީ އިޒް ރައިޓް... ޔޫ ވާ ޕްލައިންގް ވިތް ހާ ވިތް ޔޯ ޗީޕް ޓްރިކްސް، ކޮންފިއުޒިންގް ހާ... ޔޫ އާ ނޯ ފްރެންޑް އޮފް މައިން" އަރްސަލް ބުންޏެވެ.

"ކީކޭ ކިޔަން ތިއުޅެނީ" ރުޅި އައިކަން ކީފާ ދައްކާލިއެވެ.

"އަހަރެން ސާފު އިބާރާތުން ކަލޭ ގާތު އެތައް ފަހަރަކު ބުނިން އަހަރެން ނިމްރާ ނޫން އަންހެންކުއްޖަކު ޚިޔާރެއްނުކުރާނަމޭ، އެކަން ކަލެއަށް ހަޖަމެއްނުވި... ނިމްރާގެ ނަންބަރު މިޢުވާނަށް ދިނީ ކަލޭ، އަހަރެން އޭނާއަށް ދީފައި އޮންނާނީ ޕްރައިވެޓް ނަންބަރެއް، ކޮންމެ މީހަކަށް އެ ނަންބަރެއް ނޭނގޭނެ، އެ ނަންބަރު އެނގޭނެ މީހަކީ ކަލޭ، މިޢުވާނު ޕާޓީ ޑްރަގްސް ނިމްއަށް ދިން ރޭ ހޮޓެލްގެ ގޭޓު ކައިރިން ކަލޭ މިޢުވާނާ ބައްދަލުކުރިކަމުގެ ހެކި އެބަހުއްޓޭ، އަހަންނާއި ނިމްރާގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށްނު ކަލޭ މިޢުވާނުއާ ރައްޓެހިވީ، ބޭނުންވީ ނިމްރާގެ ހިތުގައި އަހަންނާއި މެދު ޝައްކު އުފައްދާކައްނު، ނިމްރާގެ ހަޤީޤަތް އެނގިހުރެ އެކަން އޭނާއާ ދެކޮޅަށް ބޭނުންކުރާކައްނު" އަރްސަލް އިނީ ރުޅިއައިސް ރަތްވެފައެވެ. މޭޒުމަތީ ބޭއްވި ފޯނު އަރްސަލް ހުޅުވާލުމާއެކު ނިމްރާއަށް ފެންނާނޭހެން އޭނާއާ ކައިރިއަށް ޖައްސާލިއެވެ. އަދި އެ ފޯނަށް ކީފާ ފޮނުވާފައި ހުރި ފޮޓޯތަކާއި މެސެޖުތައް އަރްސަލް ދެއްކިއެވެ.

"މީ... މީ އަހަރެން ނިމްރާއަށް ޓަކައި ހެއްދި އަނގޮއްޓިއެއް، ކަލޭ ވަގަށް ނެގީ، އަހަރެން އެ އަނގޮއްޓީ ހާދަ ވަރަކަށް ހޯދީމޭ، އެ އަނގޮއްޓި ފެންނާނޭ ހަމައެކަނި މީހަކީ ކަލޭ، އަހަރެން ކަލެއާ ބައްދަލުކުރާ ކޮންމެ ފަހަރަކު މިޢުވާނަށް ޚަބަރު ދެމެންނު، އަހަރެމެން މޭޒުދޮށުގައި ތިއްބާ ފޮޓޯތަކާއި އެއްޗެހި ނަގައި ނިމްރާއަށް ފޮނުވުމުގެ ބޭނުމަކީ ކޮބާ، ކަލޭ ތިހެން ކަންތައް ކުރީމަ އަހަރެން ލިބޭނޭކަމަށްތަ ހީކުރީ، ހުވަފެނުގަ ވެސް އަހަރެން ކަލެއާ ގާތެއްނުވާނަން... މިހެން ބުންޏަސް ކަލެއަށް ގެޓެއްނުވާނެކަން އަހަރެންނަށް އެނގޭ، އެހެންނޫންނަމަ ކުރިން ވެސް ގެޓުވީސް އަހަރެން ލޯބިވަނީ ހަމައެކަނި ނިމްރާދެކެއޭ ބުނީމަ، ލޫންގެ މަރާލި މީހަކީ ނިމްރާއެއްނޫން، އެ ނުލަފާ މީހަކީ މިޢުވާނު، އޭނާގެ ބޭނުމަކީ ނިމްރާގެ ދުވަސްދުއްވާލުން، އެކަމަކު އެހެންނުވީ، އެ އަންހެންކުއްޖާ އަހަންނާ ހަމައަށް ފޯރުކޮށްދިނީ ތަޤުދީރު، މީ ކަލެއަށް ވިސްނޭނޭ ކަންތައްތަކެއްނޫން، އަހަރެން... އަހަރެންގެ މުޅި އުމުރުގައި ވެސް ކުރެވުނު އެންމެ މޮޔަކަންތައް އެއީ ކަލޭ ކަހަލަ އަންހެނެއްގެ ވާހަކަ ޤަބޫލުކުރެވުން، މިޢުވާނާ އެއްބައިވާނީ އޭނާ ކަހަލަ ގޮތެއްފޮތެއްނެތް ރަޙުމްކުޑަ އިންސާނެއް، އަހަރެން ދުވަހަކުވެސް ކަލޭ ގާތުގައި ކީއްކުރަން އެކަކު ގާތުގައި ވެސް ނިމްރާއާއި އަހަންނާ ދެމެދު ހިނގާ ކަންތައްތަކުގެ ވާހަކައެއް ނުދައްކަން، އެކަމަކު ކަލޭ ގަސްދުގައި ނިމްރާގެ ކޮންފިޑެންސް ބްރޭކްކޮށްލީ، ޔޫ ކޯލް ހާ ގާބޭޖް، ނޫންތަ؟ ނިމްރާ ކެތްތެރިވި ފަދައިން ކަލޭ އަންހެނަކަށްވިޔަސް ކެތްނުކުރެވޭނެކަން އަހަންނަށް އެނގޭ، ކަލެއާ މިޢުވާނު ހަމަ ވަރަށް ގުޅޭ، އޭނާ ކަހަލަ ފިރިހެނަކު ކަލޭގެ ދިރިއުޅުމަށް އަންނަންވީ، އަދި ލަދުހަޔާތްކުޑަވެގެން ވީޑިއޯ ފޮނުވައިފިޔޭ... އަހަރެން އެ އެޕާޓްމެންޓަށް ދިޔައީ ކަލެއާއެކު ރޭކުރަންވެގެންތަ؟... އާ އެހެންޏާ، މިއުޅެނީ ދުނިޔެމަތިން އަންހެނުން ހުސްވެގެންވިއްޔާ" ރުޅިގަނޑު ކޮންޓްރޯލުން ނައްޓައިގެން އަރްސަލްއަށް މޭޒުމަތީ ޖަހާލެވުނެވެ. ކީފާ ދިޔައީ ސިއްސައިގެންނެވެ.

"މި ހުރިހާކަމެއް ކީފާގެ ބައްޕައަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްކަން އެނގޭތަ؟" ރާދިން ބުނެލިއެވެ. ކީފާ ދެ ލޯ ބޮޑުކޮށްލިއެވެ.

"މީ ރާދުއާ ބެހޭކަމެއްނޫން" ކީފާ އަދިވެސް ބޭނުންވީ ގޮތްދޫނުކޮށް އޭނާގެ ގޮތުގައި ހިފަހައްޓާށެވެ.

"ބެހޭކަމެއް... ނިމްއާ މެދު އަހަރެން ވެސް ކެއާކުރަން، އަރްސަލްއާއި ނިމް ގުޅެން އަހަރެން ވެސް ބޭނުންވަނީ، ޝީ އިޒް ފެމެލީ، ރައްޓެއްސެއްކަމަކު ފެމެލީގެ ތެރެއަށް ވަދެ ގަޑުބަޑު އުފައްދަން މަސައްކަތްކުރާނަމަ އެއީ އަހަރެންގެ ހަތުރެއް، އަރްސަލްގެ ދިރިއުޅުމާ ދުރުގައި ހުރެފައި އެނބުރި އަންނަން އެއްބަސްވީ އޭނާގެ ދިރިއުޅުމުން ލޫން ވަކިވެގެން ދިއުމުންކަން އަހަންނަށް ވިސްނުނީ ފަހުން، ކީފާ އައިސް އުޅެންފެށި ގޮތުން، އަރްސަލް ފާޅުގައި ކީފާ ރިޖެކްޓް ކުރަމުން އައީ، އެކަމަކު ކީފާ ކިހިނެއް ހެދީ، އެއީ އެއްނޫން ހެޔޮ އެދޭ ރަނގަޅު ރަޙުމަތްތެރިން ކަންތައްކުރާނޭ ގޮތަކީ، ކީފާއަށް ދުވަހަކުވެސް އަރްސަލް ނޫނީ ނިމްރާ ދެރައެއްދިންތަ؟، ދެން ކީއްވެ އެ މީހުންގެ ދިރިއުޅުން ހަލާކުކޮށްލަން ތި ހުރިހާ މަސައްކަތެއް ތިކުރަނީ، އަދި އެއްވެސް މިޢުވާނު ކަހަލަ ފިރިހެނަކާ ގުޅިގެން، އެހާ ދަށުދަރަޖައަށް ކީފާ ވެއްޓިދާނޭކަން މިއަދު އަހަރެންނަށް ޔަގީންވެއްޖެ، ތީ ރަޙުމަތްތެރިއަކަށް ޚިޔާރުކުރަންވާނޭވަރު މީހެއްނޫން، އަރްސަލްދެކެ ލޯބިވުމެއްނޫންތީ، އަރްސަލް ރުހިގެން ދިނިއްޔާ ނޫނީ އޭނާގެ ލޯތްބެއް ނުހޯދޭނޭ އަހަރެން ކުރީން ވެސް ކީފާ ގާތު ބުނިން، ލޯތްބަކީ ގަދަބާރު މިލްކު ކުރެވޭނޭ އެއްޗެއްނޫން، މިއަދު އަރްސަލްއާއި ނިމްރާ ވަކިވިޔަސް އޭނާ ކީފާ ޚިޔާރުކުރާނެކަމުގެ ކޮން ޔަގީންކަމެއް އޮތީ، ކީފާ ތިކުރި ކަންތަކުން އަހަރެންގެ ނަޒަރުގައި ތީ އެއްވެސް އަގެއްނެތް އަންހެނަކަށް ވެއްޖެ، ފަހަރެއްގައި އަހަރެން ދެކޭގޮތް ކީފާއަށް މުހިންމު ނުވެދާނެ، އެކަމަކު ބުނަން... މިރެއަށްފަހު ނިމްއާ ދިމާކުރަން ހިތަށް ވެސް ނާރުވާތި، އޭނާއާ ކަލެއާ ދުވަހަކުވެސް އެއްވަރެއް ނުވެވޭނެ، އޭނާގެ ހިތްވަނީ ކަލޭގެ ހިތްހެން ކަޅުވެފައެއްނޫން" ރާދިން ބަލަން އިންގޮތުން ހީވަނީ ނުތާހިރު އެއްޗަކަށް ބަލަން އިންހެނެވެ. އެކަން ކީފާއަށް ވެސް އިޙްސާސް ކުރެވުނެވެ.

"ހަޤީޤަތުގައި މިޢުވާނު އެހުރީ ނިމްރާގެ ހުރިހާ އެއްޗެއް ފޭރިގަނެގެން، އޭނާ ކަހަލަ މީހަކާ އެއްބައިވުމަކީ ކަލޭގެ މޮޔަކަން، އަހަރެން ހީކުރީ ކަލޭ ކިޔަވައިގެން ހުރެފައި، ވަކީލަކަށްވުމުން ވިސްނުން ރަނގަޅުވާނޭ، އެކަމަކު އެހެނެއްނުވިތާ، މިޢުވާނަކީ އޭނާ އަޑިއަށްދާއިރު އޭނާއާއެކު ހުންނަ މީހާ ވެސް ގަންބާލާފައި އަމިއްލަ ފުރާނަ ސަލާމަތްކުރާނޭ މީހެއް، ނިމްރާއަކީ އާދައިގެ އަންހެންކުއްޖެއްކަމައްތަ ކަލޭ ހީކުރީ، އެއްގޮތަކަށް ވެސް އެހެނެއްނޫން، މިޢުވާނު ގާތު އަހާބަލަ އޭނާ ފަށައިގެން އުޅޭ ވިޔަފާރިއަކީ ކާކުގެ ވިޔަފާރިއެއްތޯ، އޭނާގެ އަރުގައި މުއްސަނދިކަމުގެ ރަހަ ލީ ވެސް ނިމްރާއާ ގުޅުމުން، ނިމްރާއަކީ މާލޭގައި ގެދޮރުހުރި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރަމުން އައި ޢާއިލާއެއްގައި ހުރި ހަމައެކަނި ކުއްޖާ، މުސްތަޤުބަލުގައި ހުރިހާ މުދަލެއްގެ ހައްޤުވެރި ފަރާތް، އެ ހުރިހާ އެއްޗެއް ފޭރިގަތީ މަކަރާއި އޮޅުވާލުމުން، އެވަރުން ނުވެގެން އޭނާގެ ފުރާނަ ވެސް ދުއްވާލަން މިޢުވާނު ގަސްދުކުރީ، އަރްސަލް ބުނިހެން އެކަން އެހެންނުވީ، އެކަމަކު އޭނާގެ ސަބަބުން ފުރާނަތަކެއް ގެއްލިގެންދިޔަ، އަހަރެންނަކީ އަހަރެންނަށް މުހިންމު އެއްޗެހި އަހަރެންގެ ފުރާނައަށްވުރެ ވެސް ބޮޑަށް ރައްކާތެރިކުރަން ބޭނުންވާ މީހެއް، ދެވަނަ ފަހަރަށް ނިމްރާއަށް ނިކަމެތިކަމެއް ލިބެން އުޅުނީ ކަލޭގެ ސަބަބުން، އަހަރެން ބޭނުންނަމަ ކަލޭގެ ބައްޕަގެ ލޯފާމް ގަނެވެސް ލެވިދާނެ، ނޫނީ އިނދަވެސް ޖައްސާލެވިދާނެ، މާލޭގެ ކޯޓަކަށް ކަލެއަށް ނުވަދެވޭވަރު ވެސް ކުރެވިދާނެ، އަހަރެން ގަސްދުވެސް ކުރީ އެހެން ހަދަން، އެކަމަކު... މީދަ އަރްސަލް... ކަލޭ އޭނާގެ ދިރިއުޅުން ހަލާކުކޮށްގެން ފައިވިއްދާލި އަރްސަލް... އޭނާ ބުނި ބުނުން އަހަރެން ހުއްޓުވީ، އެއީ އަހަރެންގެ ގާތް އެކުވެރިއަކަށްވުމާއެކު އަހަރެންގެ ކޮއްކޮ އެންމެ ލޯބިވާ އިންސާނާ" ޒިވަންގެ ފަހު ޖުމްލައާއެކު ކީފާ ބަލާލީ ހައިރާންކަމާއެކުއެވެ.

"އަހަންނަށް އިންޒާރުދޭން ކަލޭތީ ކާކު؟ ނިމްރާގެ ޢާއިލާ އެކަކު ވެސް ނެތޭބުނެފައި އޭނާ ކަލޭގެ ކޮއްކޮއަކަށް ވާންޖެހޭ ސަބަބެއް ނުވިސްނޭ، ކަލޭ ވެސް އެ އަންހެނާގެ ޖާދޫގައި ޖެހުނީތަ؟" ކީފާ ބޮޑާކަމާއެކު ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް އެންމެންގެ ވާހަކަތަކުން އޭނާއަށް އަސަރުކޮށްފިއެވެ. އަޑުގައިވި ޖެހިލުންވުން މޫނުމަތިން ފޮރުވާލެވުނަސް އަޑުގައި ހުރި ތުރުތުރެއް ނުކެނޑުނެވެ.

"އަހަރެންނާއި ނިމްގެ އޮތީ ލޭގެ ގުޅުން، އެކަމުގެ ތަފްޞީލު ކަލެއަށް ދޭކަށް ނުޖެހޭ، އަހަރެން ހަޤީޤަތް ވެސް ކަލެއަށް އެނގޭކަށް ނުޖެހޭ، ކަލޭގެ ކޮޅު ބަލިވެއްޖެ، އެހެންވީމަ ބަލި ޤަބޫލުކޮށް ދުރުގައި ހުރިއްޔާ ކަލެއަށް ވެސް ފައިދާވާނީ" ޒިވަން ހީނލީ މަލާމާތުގެ ރާގަކަށެވެ. އޭނާއަށް އޭނާގެ އަމިއްލަ ބާރާމެދު އޮތް ޔަގީންކަން ރަމްޒުކޮށްދޭ ފަދައެވެ. އަރްސަލްއާއި ރާދިންއާ މެދު ޖެހިލުންނުވާ ވަރަށް ކީފާ އިނީ ޒިވަންގެ ވާހަކަތަކުން ޖެހިލުންވެފައެވެ. ނިމްރާ ރައްކާތެރިކުރަން އެ މޭޒުދޮށުގައި ތިބި ތިން ޒުވާނުން ވެސް ތިބީ ތައްޔާރަށްކަން އެ މީހުން ކީފާއަށް ޔަގީންކޮށްދީފިއެވެ. ޒިވަން ބުނިހެން ކީފާއަށް ވެސް އޭނާ ބަލިވެއްޖެކަމުގެ އިޙްސާސް ކުރެވިއްޖެއެވެ.

"ކީފާ ތިހެންކަންތައް ނުކުރިނަމަ އަހަރެމެން ދެ މީހުންގެ ދެމެދުގައި ކޮންމެވެސް ގުޅުމެއް އޮތީސް، އެކަމަކު ދެން ބޭނުމެއްނޫން، އަހަރެން ބޭނުމެއްނޫން އަހަރެންގެ ކުރިމައްޗަށް ކަލޭ އަންނާކަށް، އެވްރިތިންގް އިޒް އޯވާ، އަހަރެން ކަލެއަށް ގެއްލުމެއް ދޭކަށް ބޭނުމެއްނޫން، އެކަމަކު ދުވަހަކުވެސް ކަލޭ ތިކުރި ކަންތަކުން އަހަރެންގެ ހިތް ހެވެއްނުވާނެ، އެއްވެސް ކަހަލަ ގުޅުމެއް ކަލެއާ ބާއްވާކަށް ބޭނުމެއްނޫން، އަހަންނާއި ނިމްރާއާ ދުވަހަކުވެސް ބައްދަލުކުރަން ވެސް މަސައްކަތްނުކުރާތި، ކަލޭގެ ވަސްޖެހޭ ހިސާބުގައި ވެސް ހުންނާކަށް އަހަރެން ބޭނުމެއްނޫން، އެހާ ވެސް ކަލެއަށް ނަފުރަތުކުރަން، މީ ކަލޭ އަމިއްލައަށް ފޭހުނު އިލޮށިގަނޑެއްގެ ނަތީޖާ، އަހަރެންގެ ނަޒަރުގައި ކަލެއެކޭ މިޢުވާނުއެކޭ ހަމަހަމަ، އަހަރެން މިރޭ ކަލެއާ ބައްދަލުކުރަން ބޭނުންވީ މި ވާހަކަތައް ބުނަންވެގެން، އަހަންނަށް ކީފާ މަރުވެއްޖެއޭ ބުނަންވެގެން، މިރެއަށްފަހު އަހަރެންގެ ނިމްރާއާ ކަލޭ ދިމާކޮށްފިއްޔާ އެކަމުގެ ބަދަލު ކަލޭގެ ކިބައިން އަހަރެން ހިފާނަން، ޒިވަންއަކީ އޭނާގެ ބަހުގައި ހިފަހައްޓާ މީހެއް، އަހަރެންގެ އެންމެ އިޝާރާތަކާއެކީ އޭނާ ކަލޭ އަނދާ އަޅިއަށް ހަދާނޭކަން އަހަންނަށް ޔަގީންވޭ، އަހަރެން މިދެއްކި ވާހަކަތައް ކަލޭ މުޅި އުމުރަށް ހަނދާން ބަހައްޓާތި... އަދި ބުނަން... ކަލޭ ތިހާވަރުން ބޭނުންވެގެން ވަގަށް ނެގި އަނގޮއްޓި ވެސް ކަލޭގެ އަތުގައި ބާއްވައި، ކަލޭ އޭގައި އަތްލުމުގެ ސަބަބުން އޭގެ އަގު ވެއްޓި ނަޖިސްވެއްޖެ، އަނބުރާ ބޭނުމެއްނޫން" އަރްސަލް ބުންޏެވެ. އަދި ރާދިންއާއި ޒިވަންއަށް އިޝާރާތްކޮށްލީ ދާން ހިނގާށޭ ބުނާ ފަދައިންނެވެ.

"އަ.ރް.ސަ.ލް..." ކީފާ ގޮވާލީ ފެންނަ މަންޒަރުތައް ޤަބޫލުނުކުރެވިފައި އިންހެނެވެ. އަރްސަލްގެ އަތުގައި އަތްލަން އުޅުނު ވަގުތު އޭނާ އަތްފޮޅުވާލީ ނިކަން އަވަހަށެވެ. ކީފާއާ ދުރަށް ފަހަތަށް އަރްސަލް ފިޔަވެޅެއް އަޅާލިއެވެ.

"ގެޓް ލޮސްޓް ވުމެން، އައި ޑޯންޓް ނޯ ޔޫ" އަރްސަލް ނުރުހުންތެރިކަމާއެކު ދެބުމަގޮށްޖަހާލައިގެން ހުރެ ބުނެލިއެވެ. އެވަގުތު ރާދިން ވޮލެޓުން ނެގި ސަތޭކަ ރުފިޔާ މޭޒުމަތީ ބޭއްވިއެވެ.

"ގޯ ހޯމް ކީފާ، މީ އަހަރެމެން ބައްދަލުވާނޭ އެންމެ ފަހު ފަހަރު، ދެއާ އިޒް ނަތިންގް ލެފްޓް، އިޓްސް އޯލްރެޑީ އޯވާ" ރާދިން ބުންޏެވެ. ޒިވަން ބަހެއްނުބުނި ނަމަވެސް އޭނާގެ ތޫނު ނަޒަރުގައިވަނީ އިންޒާރެވެ. އެ ތިން މީހުން އެކުގައި ހިނގައިގަތީ މަގުމައްޗާ ދިމާއަށެވެ.

އަރްސަލް ކުރިއަށްހުރެ އޭނާގެ ތަންކޮޅެއް ފަހަތުން ރާދިންއާއި ޒިވަން ކެފޭއިން ނުކުމެގެން ދިޔަ މަންޒަރު ބަލަން ނިމްރާ އިނެވެ. އެހިނދު އަމިއްލަ ހިތާ ކީފާއަށް ސުވާލުކޮށްލެވުނެވެ. ހަޤީޤަތުގައި އޭނާއަށް އަރްސަލް ގެއްލުނީތޯއއެވެ. އޭނާ ހާސްވާގޮތްވީ ދެނެވެ. އަރްސަލްއާއި ރާދިންގެ އިތުރުން ޒިވަންގެ ވާހަކަތައް ހިތަށް އެރުމުން ކީފާ ހިތްބިރުގގަތެވެ. އޭނާ ފޯނު ނަގައި މިޢުވާނުގެ ނަންބަރަށް ޑައިލް ކުރިއެވެ. (ނުނިމޭ)