ހަބަރު

ރައީސް ޔާމީން ބަންދުކޮށް ތަހުގީގު ފަށަން ގޮވާލައިފި

ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ރާއްޖެ ދޫކުރައްވައި ވަޑައިގަތުމަށް ފުރުސަތު ނުދީ އެމަނިކުފާނުގެ މައްޗައް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ފަށަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުން ނިންމާލުމުން ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ މައްޗައް ތުހުމަތު ކުރެވޭ ވައްކަމާއި ކޮރޮޕްޝަނާއި މަނީ ލޯންޑްރިންގެ މައްސަލަތައް ފުލުސް އޮފީހަށް ހުށަހެޅިފައިވާއިރު އެ މައްސަލަތައް މިހާރުން މިހާރަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން ފިއްލަވައިގެން ވަޑައިގަނެވޭ ގޮތަށް ބަންދު ކުރަން ޖެހޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

"ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ރައީސް ޔާމީން ފުރާވަޑައިގަތުމުގެ ސަބަބުން ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށް ލަސްވާނަމަ ނުވަތަ އެކަން ނުކުރެވިއްޖެނަމަ ރައީސް ޔާމީން ފުރުވާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތެއް ޒިންމާ ވާން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗައް ކުރެވޭ ކޮރޮޕްޝަންގެ ގިނަ މައްސަލަތަކެއް އިދިކޮޅު ފަރާތްތަކުން ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެއިން އެއްވެސް މައްސަލައެއް ކުރިޔަށްދާ ކަމެއް އެނގިފައެއް ނެތެވެ.