ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި މީހުންގެ ނަންތައް ހާމަކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ.
ހައިލަމް ނެރުއްވި ނޫސްބަޔާނާއެކު ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފް ވިދާޅުވީ ހައިލަމްގެ ބަޔާނުން ސަރުކާރުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ ބިލުގައި އެޅިގެންދިޔައީ ވަރަށް ބޮޑު އިލްޒާމެއް ކަމަށެވެ.
އަދި އެގޮތަށް އަމަލު ނުކުރައްވާ ނުފޫޒު ފޯރުވިކަމަށް ވާނަމަ އެ ބައެއްގެ ނަންތައް ހާމަކުރުމަށް ހަސަން ގޮވާލެއްވިއެވެ. މީގެ އިތުރުން އެ މީހުންގެ މައްސަލަތައް ހުށައެޅުމަށްވެސް ހަސަން ލަތީފް ވަނީ ގޮވާލައްވާފައެވެ.
"ގާޒީ ހައިލަމް... ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ތިޔަ އިލްޒާމް ނާޅުއްވާ، ނުފޫޒު ފޯރުވިކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވާ. އަދި އެ މައްސަލަ ހުށައަޅުއްވާ." ހަސަން ލަތީފް ވިދާޅުވިއެވެ.
ގާޒީ ހައިލަމް... ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ތިޔަ އިލްޒާމް ނާޅުއްވާ، ނުފޫޒު ފޯރުވިކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވާ. އަދި އެ މައްސަލަ ހުށައަޅުއްވާހަސަން ލަތީފް | އެމްޑީޕީގެ ޗެއާޕާސަން
ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.
"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.