ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރެވުނު ދުވަހަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޣާޒީއެއްގެ ލަގަބު ހައްގުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްްޕެއިނާއި ގުޅިގެން އެމަނިކުފާނު ހައްޔަރު ކުުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލެއްވުމާއި ގުޅިގެންނެވެ. ހަސަން ވިދާޅުވީ "އިންޑިއާ އައުޓް" ކެމްްޕެއިން އަމާޒުކޮށްފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހިދުމަތްތެރިންނާ ދެކޮޅަށް ކަމަށެވެ. އަދި ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަތަކެއް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ހައްޔަރު ކުރެއްވުމަށް ހަސަން ގޮވާލެއްވިއެވެ.
ޔާމީންގެ މައްސަލަ މަޖިލީހުން ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަން ޖެހޭ، މި ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް މިހާރު ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ،" ކޮމަންޑޫގައި އޮތް ޖަލްސާއެއްގައި ހަސަން ވިދާޅުވިއެވެ.
އެކަމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވަކާލާތު ކުރެއްވުމަކީ ރައީސް ޔާމީން ހައްޔަރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރެވުނު ދުވަހަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޣާޒީއެއްގެ ލަގަބު ހައްގުވާނެ ކަމަށް ވިދާޅުވިއެވެ.
"ހައްޔަރު ކުރަންވީ ހީލަތްތެރިކޮށް ޓެކްސްޓް ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އެންގި މީހުން،" ހަސަން ލަތީފަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވިއެވެ.