ހަބަރު

އީސީ ވަނީ ޕީޕީއެމާ ދޭތެރޭ ޒާތީވެފައި: އަދުރޭ

ޕީޕީއެމްގެ ކޮންގްރެސް އިން އިންތިހާބުކޮށްފައިވާ އެ ޕާޓީގެ އާ ލީޑަޝިޕް ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެޕާޓީއާ ދޭތެރޭ އީސީ އިން ޒާތީވެފައިވާތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އާ ލީޑަޝިޕް ގަބޫލު ނުކުރެވޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރަނީ ކޮންގްރެސްގެ ކުރިން އޮތް އެ ޕާޓީގެ ލީޑަޝިޕް ކަމަށް އެ ކޮމިޝަނުން ރޭ ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްގެ މުސްތަޝާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ އެކު ޕީޕީއެމްއިން ކުއްލި ގޮތަކަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ދަރުބާރު ގޭގައި އެ ޕާޓީގެ ކޮންގްރެސްއެއް ބާއްވައި، ޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށް އަދި އާ ނައިބު ރައީސުންނާއި ޕާޓީގެ ކައުންސިލް އަލުން އެކުލަވާލި އެވެ. އެހެން ނަމަވެސް އީސީއިން ވަނީ އެ ނިންމުންތައް ބަލައި ނުގަނެވޭނެ ކަމަށް ބުނެފަ އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، އިލެކްޝަން ކޮމިޝަން ވަނީ ޕީޕީއެމާ ދޭތެރޭ ވަރަށް ބޮޑަށް ޒާތީވެފަ ކަމަށެވެ. އެހެން ނޫންނަމަ ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަންނާނެ ކަމަށް މިހާރު ވިދާޅުވާން ނުޖެހޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ޕީޕީއެމް ކޮންގްރެސް ބޭއްވުމަށް ރަސްމީކޮށް ލިޔެކިޔުމުން އެކަން އެންގުމުން އެކަމަށް ހުއްދަ ދެއްވާފައިވާ ކަމަށެވެ. އަދި އެކަމަށް ހުއްދަ ދެއްވާފައިވަނިކޮށް ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމުގެ އަމުރަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އީސީއަށް ހުށަހެޅުއްވި ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"އެބޭފުޅުން އޮންނާނެ ރަސްމީކޮށް ޖަވާބުދެއްވާފަ ޕީޕީއެމް ކޮންގްރެސް ހުއްޓަންޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއްނެތޭ، ކޮންގްރެސް ބާއްވަން އަޅުގަނޑުމެން ދެންނެވީމަ ކޮންގްރެސް އޮބްޒާވް ކުރަން ބޭފުޅުން ފޮނުވާ ދެއްވުމަށްވެސް އެދުނިން، އޮބްޒާވަރުންވެސް ފޮނުއްވި، ކޮންގެރެސް ހިނގަމުން ގެންދިޔައިރު، އެބޭފުޅުން އެތާ ތިއްބެވި،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އީސީއިން ކޮންގްރެސް އޮބްޒާވް ކުރަން ފޮނުވި ފަރާތްތަކަށް ހުށަހެޅުނު އިސްލާހުތައްވެސް އިނގޭނެ ކަމަށާއި ކޮންގްރެސްގައި ހުށަހެޅުނު ހުރިހާ ކަމެއްވެސް ހުށަހެޅީ އެބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ކޮންގްރެސް ފެށިގެން ނިމުނު އިރުވެސް އިޖްރާއީ އެއްވެސް މައްސަލައެއް އޮތް ކަމަށް އެބޭފުޅުން ވިދާޅުނުވާ ކަމަށާއި އީސީއިން ހުށަހެޅި އިސްލާހުތައްވެސް ހިމަނައި ހުރިހާ ކަމެއް ނިންމާފައިވާނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ރަނގަޅަށް ހިނގާފައި އޮއްވާ މި ވީގޮތަކީ ޝަރީފްގެ އޯޑިއޯއެއް ލީކްވީ، ލީކްވުމާއި ހަމައިން ކުއްލިއަކަށް ޒާތީވެވަޑައިގަންނަވައިފި، މިއީ ހަމަ ޒާތީވެގެން ކުރެއްވި ކަމެއް، އަޅުގަނޑު މިހާރުވެސް ދަންނަވާނީ މީހަމަ ޒާތީވެގެން، ކުރި ކަމެއް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އޭގެ ފަހުން ކޮންގްރެސް ބަލައި ނުގަނެވޭ ކަމަށާއި އިޖްރާއަތްތައް ފުރިހަމަނުވާ ކަމަށްބުނެ އީސީއިން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ފުރިހަމަ ނުވާ އިޖްރާއަތްތައް ބަޔާންކޮށްދީފައެއްނުވާ ކަމަށެވެ.

"މިއީ އެބޭފުޅުންގެ ބޭފުޅުން ތިއްބަވައިގެން އޮބްޒާވް ކުރައްވައިގެން ބޭއްވި ކޮންގްރެސްއެއް، ނިމިގެންދިޔަތާ ތިން ދުވަސްވީ އިރުވެސް ވިދާޅެއްނުވޭ އެއްވެސް މައްސަލައެއް އޮތް ކަމަކަށް، އެތާނގަ އެކަން ހިނގަމުންދިޔައިރު ވާނެ ނޫންތޯ އެބޭފުޅުން އިބްޒާވްކުރިިއިރު، ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ހިލާފަށް ދާކަމަށްވަންޏާ އެކަން ފާހަގަ ކުރައްވަން، އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދޭން، އެއިން އެއްވެސް ކަމެއް ނުކުރައްވާ ބަރާބަރަށް އެހީތެރިކަން ދެއްވާފަ ހުރިހާ ކަމެއް ނިމިގެން ގޮސް އޯޑިއޯ ލީކްވުމާއެކީގައި ޓަށް ކިޔާފަ މި ވިދާޅުވީ އިޖްރާއަތްތައް ފުރިހަމައެއް ނުވޭ އެހެންވީމަ ބަލައި ގަނެވޭކަށް ނެތޭ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެއީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ދެގޮތަކަށް ކޮންގްރެސް ބޭއްވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެއީ އާންމުކޮށް ބާއްވާ ކޮންގްރެސް އާއި ހާއްސަކޮށްގެން ބާއްވާ ކޮންގްރެސް ކަމަށެވެ. ހާއްސަކޮށް ބާއްވާ ކޮންގްރެސްގެ ހުރިހާ ބާރެއް ދީފައިވަނީ ކައުންސިލަށް ކަމަށާއި ކޮންގްރެސް ބާއްވާފައިވަނީ ކައުންސިލްގެ އިއްތިފާގުން ފާސްކުރި ގޮތަށް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އީސީއިން ޕީޕީއެމްގެ ލީޑާޝިޕް ބަލައި ނުގަތަސް މައްސަލައެއްނެތް ކަމަށާއި އެމައްސަލަވެސް ކުރަން ޖެހޭ މަގުން ކޮށްގެން ހައްލު ހޯދާނެ ކަމަށެވެ. ޕާޓީ ހިނގަމުންދަނީ ސައްހަކަމާއެކު ކަމަށާއި އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕް ބަލައި ނުގަންނާނެ ކަމަށް އީސީން ބުނެފައިވާއިރު، ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް އެދި އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް މައްސަލައެއް ވައްދައި އެމައްސަލައިގެ ޝަރީއަތް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަނީ އެ ކޯޓުގައި ފަށާފަ އެވެ. އެކަމާ ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ ސިވިލް ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ޕީޕީއެމްގެ އިން ނިންމާކަންކަން ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި އީސީގެ ރައީސް އަހުމަދު ޝަރީފަށް މިއަދު ސިޓީއެއް ފޮނުވާފަ އެވެ.