ކުޅިވަރު

އިކާޑީގެ ލަނޑާއެކު މިލާން ޑާބީ އިންޓާ ކާމިޔާބުކޮށްފި

Oct 22, 2018

އިޓަލީ ލީގުގައި އިންޓާ މިލާނުގެ ކައްޕި މައުރޯ އިކާޑީ އެންމެ ފަހު މިނެޓުގައި ކާމިޔާބު ކުރި ލަނޑާއެކު، ވާދަވެރި އޭސީ މިލާނުގެ މައްޗަށް ކުރި ހޯދައިފި އެވެ.

އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމު ވެސް އެއްވަރު ކުޅުމެއް ދެއްކި މެޗުގައި، އިކާޑީގެ ލަނޑުގެ ކުރިން އެންމެ ފާހަގަކޮށްލެވުނީ އިންޓާގެ ރާޖާ ނައިންގޯލަން ލިބުނު އަނިޔާ އެވެ.

މެޗު އެއްވަރުވާން ދަނިކޮށް އިންޓަ އިން ގޯލް ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. ވެޗީނޯ ނެގި ހުރަސް ހިފޭނެ ކަމަށް ބަލައި މިލާނުގެ ގޯލްކީޕަރު ޑޮނަރުއްމާ އެރި ނަމަވެސް، އޭނާގެ އަތް ނުޖެހި ދިޔަ ބޯޅަ އިކާޑީ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

މި މޮޅާއެކު އިންޓަ ތިން ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 25 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އެއް މެޗު މަދުން ކުޅެފައިވާ މިލާން އޮތީ 12 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.