ސިނަމާލެ ބްރިޖްގެ މަސައްކަތްކުރާ ޗައިނާ މަސައްކަތު މީހުން މިޔަރު ބާނާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ބްރިޖްގެ މަސައްކަތްކުރާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ ކޮންސްޓްރަކްޝަން
ކުންފުނިން ބުނެފި އެވެ.
ސީސީސީސީ އިން މިގޮތަށް ބުނެފައިވަނީ، ބްރިޖްގެ މަސައްކަތްކުރާ ޗައިނާގެ މަަސއްކަތުމީހުން ގިނަ އަދަދެއްގެ މިޔަރު ބާނާ ކަމުގެ ޝަކުވާއާއެކު ސޯޝަލްމީޑިއާގައި ފޮޓޯތަކެއް ދައުރުވަމުންދާ މައްސަލައާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯ ތަކުގައި ޗައިނާ މަސައްކަތު މީހުން ދިރިއުޅޭ ކޮމްޕައުންޑްގެ ބައެއް ގެތަކުގައްޔާއި ފަތުރާފައި ހުރި ޓިނުތަކެއްގެ މަތީގައި ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަވީލާފައި ހުންނަތަން ފެނެ އެވެ.
އެކަމާ ގުޅިގެން ސީސީސީސީ ގެ ތަރުޖަމާން ވަންގް ޝާއޯ ވިދާޅުވީ، 2016 ވަނަ އަހަރު އެ ކުންފުނިން ބްރިޖްގެ މަސައްކަތަށް ރާއްޖެ އަށް މީހުން ގެނެސް، ރާއްޖޭގެ މާހައުލާއި، ގުދުރަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން، ދިވެހި މުއައްސަސާތަކާ ގުޅިގެން ހާއްސަ ތަމްރީންތަކެއް ދިންކަމަށެވެ. އެހެންކަމުން ތިމާވެއްޓަށް ގެއްލުންލިބޭ އެފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށާއި އެހެންކަމުން އެކަން ކުރިނަމަ ކުރި ބަޔަކު ހޯދުމަށް އެތެރޭގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށް ވެސް ޝާއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި މިޔަރު ހިފުމާއި މެރުމަކީ ގާނޫނާ ހިލާފުކަމެއްކަން ބްރިޖްގެ މަސައްކަތްކުރާ ހުރިހާ ސްޓާފުންނަށް އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކަށް އެ ކުންފުނީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްގެންދާނެ ކަމަށެވެ.
"ރާއްޖެ ފަދަ ގުދުރަތީ ވެއްޓަކަށް ދުނިޔޭގެ އެންމެން އުންމީދުކުރޭ. ރާއްޖޭގެ ކަނދުގެ ދިރުންތަކުގެ ތެރެއިން ރީތީ މުރަކަ އެކަންޏެއް ނޫން. މި ދިރުންތަކުގެ ތެރޭގައި ކޯމަސް، މިޔަރު، ވެލާ ކަހަނބު ފަދަ ދިރުންތައް ވެސް ހިމެނޭ. މި ތަކެއްޗަށް ގެއްލުންވެދާނެ ފަދަ އެއްވެސް ކަމެއް މި ކުންފުނިން ބަލައެއް ނުގަންނާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
ސީސީސީސީ ގެ މުވައްޒަފުން ދިރިއުޅޭ ކޮމްޕައުންޑުގައި މިޔަރު އުރަހަ އަވީލާފައިވާ ފޮޓޯތަކެއް އާންމުވެފައިވަނީ މި ދިޔަ ބުރާސްފަތު ދުވަހު އެވެ. އެކަމާ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮސް އެކަން ހުއްޓުވުމަށް ގޮވާލާފަ އެވެ.