ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް އެނބުރިވަޑައިގަންނަވާއިރު އެމަނިކުފާނަށް މަރުހަވާ ދެންނެވުމަށް ބާއްވާ ހަރަކާތް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެފަދަ އެންމެ ބޮޑު ހަރަކާތަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީިސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދަނީ ކުލަގަދަ އީދެއް ގޮތަށް އެކަން ކުރިއަށް ގެންދަން އަމާޒުކޮށްގެން ކަމަށެވެ.
"ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އަޅުގަނޑުމެންނަށް ގުޅަމުން އެގެންދަވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަރަށް ކުލަގަދަކޮށް ބޮޑު އީދެއް ކަހަލަ ގޮތަކަށް މިއިވެންޓް ބޭއްވުމަށް ވަރަށް ގިނަ ފަރާތްތަކުން އެދޭތީވެ އަޅުގަނޑުމެން މި އިންތިޒާމްތައް ހަމަޖައްސަމުން މިގެންދަނީ،" އިމްތިޔާޒް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް އެމްޑީޕީން މިހާރު ވަނީ ކޮމިޓީއެއް އެކުލަވާލައި، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގުޅާނެ ހޮޓްލައިނެއް ވެސް ގާއިމްކޮށްފައެވެ. އެހަރަކާތުގައި ހިމެނެނީ މައިގަނޑު ދެބައެކެވެ. އެގޮތުން ހުޅުލެއާއި މާލެއާ ދެމެދަށް އުޅަނދުތަކުގައި ނުކުމެ ކަނޑުމަތިން މަރުހަބާ ދެންނެވުމުގެ ހަރަކާތަކާއި މާލެއިން މަރުހަބާ ދެންނެވުމުގެ ހަރަކާތެއް ބާއްވަން ވަނީ ހަމަޖައްސާފައެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްްތައް އިންތިޒާމްކުރާ ކޮމެޓީގައި ހިމެނިވަޑައިގަންވާ އަދި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު ވިދާޅުވީ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ކަނޑުމަތީގައި ހިންގާ ހަރަކާތްތަކުގައި އެކި ސައިޒުގެ ގިނަ އަދަދެއްގެ އުޅަނދު ފަހަރުގައި މީހުން ނުކުންނާނެ ކަމަށެވެ.
" ... ބޮޑެތި ކަންނެލި އޮޑިތަކާ މުދާ އުފުލާ އޮޑިތަކާ ބޮއްކުރާ ފަދަ ކުދި ކުދި އުޅަނދުތައް ވެސް އެބަހުރި ބައިވެރިކޮށްފައި، އެކި ފަރާތްތަކުން އެބަހުރި ނޯޓްކޮށްފައި. ދެން މިދުވަހަކީ ވަރަށް ހާއްސަ ދުވަހެއް ކަމަށް އެމްޑީޕީން ދެކެނީ،" އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެމްޑީޕީން މިފަދަ ގޮތަކަށް ތައްޔާރުވަމުން އަންނަ އިރު އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. އެހެންވެ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވުމުން ޖަލަށް ވަޑައިގަންނަވަން ޖެހުމަކީ މިހައިތަނަށް ކަންތައްތަައް ހުރި ގޮތުން ދުރުކަމެއް ނޫނެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެެންނެވުމަށް އެފަދަ ހަރަކާތެއް ހިންގަން ސަރުކާރުން ފުރުސަތު ދީފާނެ ކަމަށް ގަބޫލުކުރައްވަންތޯ ދެންނެމުން އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދަކީ މިނިވަނެއް ކަމަށާއި ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރަކީ މިހާރު ނިމިފައިވާ ސަރުކާރެއް ކަމަށެވެ.
" ރައީސް ޔާމީނުގެ ސަރުކާރަކީ މިހާރު ނިމިފައިވާ ސަރުކާރެއް. މިހާރު ދިވެހިރާއްޖޭގެ ރައްޔިތުންް އިންތިހާބުކޮށްފައި ވަނީ އެމްޑީީޕީގެ ބޭފުޅެއް ރައީސުލް ޖުމްހޫރިއްޔާ ކަމަށް. އެހެންވީމާ ދެން މިކަމަކަށް ހުރަސްއަޅުއްވާނެ އެއްވެސް ފަރާތެއް ނޯންނާނެ،" އިމްތިޔާޒް ވިދާޅުވިއެވެ.