ފިނިޕޭޖް

ނޮވެމްބަރު 15ގައި ދިޕިކާ އާއި ރަންވީރު ކައިވެނިކުރަނީ މިހެންވެ

ފާއިތުވި މަހެއްހާ ދުވަހު މުޅި ބޮލީވުޑް ކައްކުވާލާއިފައިވަނީ ބަތަލާއިންނަށް ފިރިހެން ތަރިންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުންގެ ފަރާތުން ކުތިމަތިވަމުން އަންނަ ޖިންސީ ފުރައްސާރަތަކުގެ އަނދިރި ފަރާތުގެ ވާހަކަތައް ބަތަލާއިން ނިކުމެ ކިޔައިދޭން ފެށުމުންނެވެ. ނަން މަޝްހޫރު އެތަކެއް ތަރިންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުންގެ އެ ހަޑި އަމަލުގެ ސަބަބުން ބޮލީވުޑްގެ އެތެރޭގައި އުފެދިފައި އޮތީ ހުސް ނުތަނަވަސް ކަމެވެ.

ނަމަވެސް އެ ނުތަނަވަސް ކަމުން ބޮލީވުޑަށް އުފާވެރިކަން ގެނެސްދިނީ މަޝްހޫރު ދެތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯންގެ ކައިވެނިކުރާ ތާރީހުގެ އުފާވެރި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހު އެ ދެތަރިން ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ އަންނަ މަހުގެ 14 އަދި 15 ދުވަހު ކައިވެނިކުރަން ނިންމާފައިވާ ކަމުގެ އުފާވެރި ހަބަރު އެމީހުންގެ ފޭނުންނާއި ހެޔޮ އެދޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަނޑަކަށް ފަސް އަހަރުވީ މި ދެތަރިން މި އަހަރުގެ ތެރޭގައި ކައިވެނިކުރާނެ ކަމުގެ އަޑުތައް އަރާފައި އޮތް ނަމަވެސް، އާދީއްތަ ދުވަހު އެކަން ހާމަކުރުމާ ހަމައަށް، އެކަމާ ގުޅޭގޮތުން ރަންވީރު ވެސް އަދި ދިޕިކާ ވެސް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.

ކައިވެނީގެ ތާރީހު އިއުލާންކުރުމާ އެކު ދެން އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކަ އަކީ ކައިވެނީގެ ހަފްލާ އޮންނާނީ އިންޑިއާގައި ތޯ ނުވަތަ ކުރިން އަޑުއަރާފައި އޮތް ގޮތަށް އިޓަލީގައި ތޯ އެވެ. އެކަން އަދި ޔަގީން ނުވިޔަސް، މިދެތަރިންގެ ކައިވެނީގެ ތާރީހާ ގުޅޭ ޝައުގުވެރި ކަމެއް މިވަނީ ތިލަވެފަ އެވެ.

އެކްޓަރު ރަންބީރު ކަޕޫރު ދިޕިކާއާ ރުޅިވެ ބަތަލާ ކެޓްރީނާ ކައިފާ ގުޅުނު ހިސާބުން ޒަހަމްވެފައި އޮތް ދިޕިކާގެ ހިތަށް ޝިފާ ހޯދައިދީ އޭނާ ޑިޕްރެޝަނުން ސަލާމަތްކުރަން އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ އެކްޓަރު ރަންވީރު ސިންގް އެވެ.

މި ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ގޯލިއޯންކީ ރާސްލީލާ ރާމް-ލީލާ" ގެ ޝޫޓިން ތެރެއިން ގާތްކަމެއް އުފެދި ވަނީ ލޯބީގެ ގޮތުން ގުޅިފަ އެވެ. އެ ފިލްމު ރިލީޒްކޮށްފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އެވެ.

ބުނެވޭ ގޮތުގައި އެ ފިލްމުގެ ޝޫޓިންގެ ތެރެއިން މި ދެތަރިންގެ މެދުގައި ލޯބީގެ މާތައް ފޮޅިފައިވާތީ، ޒަވާޖީ ހަޔާތް ފަށާއިރު، އެ ހަނދާންތަކާ ގުޅުވާލަން ބޭނުންވާތީ ކައިވެނިކުރާ ތާރީހަކަށް އަންނަ މަހުގެ 15 ދުވަސް ހަމަޖެއްސީ އެވެ.

ކައިވެނީގެ ހަފްލާ އާއި ކައިވެނީގެ އެކި ރަސްމިއްޔާތުތައް އޮންނާނީ އިޓަލީގައި ކަމެއް ނުވަތަ ދިޕިކާ ނިސްބަތްވާ ބެންގަލޫރުގައި ކަމެއް ރަންވީރު ނިސްބަތްވާ ދިއްލީގައި ކަމެއް އަދި ޔަގީނެއް ނޫނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު ކައިވެނިކުރި ބަތަލާ އަނުޝްކާ ޝަރްމާ ގޮތަށް ދެ ފަރާތުގެ އާއިލާ އާއި އެންމެ ގާތްއެކުވެރިންގެ ހާޒިރުގައި ރަންވީރާއި ދިޕިކާ ވެސް ކައިވެނިކުރާނީ އިޓަލީގަ އެވެ. އަދި ބޮލީވުޑްގެ އެކުވެރިންނަށް ބާއްވާ ރިސެޕްޝަން ބާއްވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

ކައިވެންޏަށްފަހު މި ދެތަރިން ހަނީމޫނަށް ހޭދަކުރާ ކަމަށް ބެެވެނީ ވަރަށް މަދު ދުވަސްތަކަކެކެވެ. ސަބަބަކީ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރާ ރަންވީރުގެ "ސިމްބާ" ގެ ޕްރޮމޯޝަންތަކުގައި އޭނާ ބައިވެރިވާން ޖެހޭތީވެ އެވެ.