ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އިލެކްޝަން ކޮމިޝަން، އީސީއަށް އަމާޒު ކުރައްވައި މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ ޕީޕީއެމްއިން އިލްހާމްގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީއިން ވަކިކޮށް އެކަން ކޮމިޝަނަށް އެންގުމުންނެވެ. އެ ސުލޫކީ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި އިލްހާމް ކުރެއްވި ސޮއި އަނބުރާ ނަގަން އެންގުމުން އެ ސޮއި ނުނެގުމުންނެވެ.
އެ ފިޔަވަޅު އިލްހާމަށް ޕީޕީއެމްއިން އެޅީ ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްއިން ވަކިވާން އެ ޕާޓީއިން ނުވައެއް ޖުލައިގައި އިލްހާމް ސިޓީ ހުށަހެޅުއްވި އެވެ. އަދި 10 ޖުލައި އިލެކްޝަން ކޮމިޝަނަށް އެކަން އަންގައި ސިޓީ ހުށަހެޅުއްވި އެވެ. އެއީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރި އެވެ. އެ ހުކުމް އިއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އިލްހާމްގެ ވަކީލް ނަދީމް އިބްރާހިމް ވިދާޅުވީ، ސުލޫކީ ފިޔަވަޅު އަޅާފައިވަނީ އިލްހާމް އެ ޕާޓީއިން ވަކިވެފައިވަނިކޮށް ކަމަށެވެ. އޭނާ ޕާޓީއިން ވަކިވެފައިވާ ތާރިހު ކަމަށް ބަލަން ޖެހޭނީ ނުވައެއް ޖުލައި ކަމަށެވެ.
އޭގެ ސަބަބެއް ކަމަށް ނަދީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މެންބަރަކު ޕާޓީއިން ވަކިވާނެ ގޮތް ކަނޑައަޅަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ކަމަށް ކަނޑައަޅާފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން އެދޭ ހިސާބުން ޕާޓީއިން ވަކިވާނެ ކަމަށެވެ. އެކަން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވެސް އިތުރަށް ސާފުކޮށްދީފައިވާ ކަމަށެވެ. އެ ހުކުމްތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބަލާއިރު ޕާޓީއިން ވަކިވާން އެދޭ ހިސާބުން އެ މެންބަރެއް ޕާޓީއިން ވަކިވާނެކަން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ފްލޯކްރޮސިންގެ ހުކުމްގައިވާ އެއްވެސް އުސޫލެއް އިލްހާމްގެ މައްޗަށް ނުހިނގާނެ ކަމަށް ނަދީމް ވިދާޅުވި އެވެ. ހުކުމްގެ ކުރިން ހިނގާފައިވާ އެއްވެސް ކަމަކަށް ހުކުމްގެ އުސޫލުތައް ތަތުބީރު ނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް އައިޝަތު ޝުމެއިނާ ވިދާޅުވީ އިލްހާމްގެ މައްޗަށް 20 ޖުލައިގައި ސުލޫކީ ފިޔަވަޅު އެޅީ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށާއި އިލްހާމް ޕާޓީއިން ވަކިކޮށް އެކަން މަޖިލީހަށް އެންގީ އެހެންވެ ކަމަށެވެ. ޖުލައި 10 ވަނަ ދުވަހު އިލްހާމްގެ ސިޓީއެއް އިލެކްޝަން ކޮމިޝަނަށް ލިބުމުން ޕާޓީއިން ވަކިވުމުގެ ކަންކަން އިޖުރާއަތާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އަންގާފައިވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ ޕާޓީއިން ވަކިވާން ހުށަހެޅުމުން ޕާޓީއިން ޖަވާބެއް ނުދީ 14 ދުވަސް ވެއްޖެނަމަ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި މެންބަރަކު ޕާޓީއިން ވަކިވެއްޖެ ކަމަށް ކަނޑައަޅާނީ އެ މެންބަރެއްގެ ނަން ދަފުތަރުން އުނިކުރާ ދުވަހުން ފެށިގެން ކަމަށް ޝުމެއިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައިވާ ގޮތުން ޕާޓީތަކުގެ ދަފުތަރު ބަލަހެއްޓުމަކީ ކޮމިޝަންގެ ޒިންމާއެެކެވެ. އަދި މެންބަރަކު ޕާޓީއެއްގައި ރަޖިސްޓްރީވެއްޖެ ކަމަށް ވެސް ބަލަނީ ދަފުތަރުގައި ހިމެނުމުން ކަމަށެވެ.
އެއާއެކު އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވަނީ ޕާޓީއިން ވަކިވާން އެދުމަކީ ޕާޓީއިން ވަކިވާނެ ހާލަތެއް ނޫންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެކަން ގާނޫނުގައި ބަޔާންކޮށްފައި ނެތްތޯ ވެސް ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ޝުމެއިނާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ދެކޭ ގޮތުގައި ޕާޓީއިން ވަކިވާނީ ދަފުތަރުން އުނިވުމުން ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވަނީ އެއީ އިލެކްޝަން ކޮމިޝަނުން ދެކޭ ގޮތް ކަމާއި އެހެން ގާނޫނުގައި އެބަ އޮތްތޯ އައްސަވާފަ އެވެ. އަދި ދަފުތަރުގެ ވާހަކަ ނުދެއްކެވުމަށް އެންގެވި އެވެ.
އެއާއެކު ޝުމެއިނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ އަސާސީ ގަވާއިދުގައި ޕާޓީއިން ވަކިވާން އެދޭ ހިސާބުން ވަކިވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު ވެސް އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުންދާ އުސޫލަކީ ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުން ޕާޓީއަށް ހުށަހަޅާތާ 14 ދުވަސް ތެރޭގައި ޕާޓީއިން އެކަން ނުކޮށްދީފިނަމަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިގެން ވަކިކުރުން ކަމަށެވެ.
ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެއްސެވީ އެ 14 ދުވަސް ނިމެންދެން ޕާޓީއިން ވަކިނުކޮށް މަޑުކުރަން ގަވާއިދުގައި ލާޒިމްކުރޭތޯ އެވެ. އިލެކްޝަންގެ ވަކީލް ވިދާޅުވީ ސީދާ އެހެން ބުނެފައިނުވާ ކަމަށާއި ނަމަވެސް އަމަލުކުރާ އުސޫލަކީ 14 ދުވަހަށް ބެލުން ކަމަށެވެ.
އިލްހާމްގެ ފަރާތުން 10 ޖުލައިގައި ޕާޓީއިން ވަކިކޮށްދޭން އެދުމުން އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ޕާޓީއަށް ގުޅައިގެން އޮޅުންފިލުވިތޯ ވެސް ފަނޑިޔާރު އެއްސެވި އެވެ. ޝުމައިނާ ވިދާޅުވީ ޕާޓީއަށް ގުޅައިގެން އެކަން ސާފުނުކުރާ ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ސީދާ އިލެކްޝަންސް ކޮމިޝަނަށް ޕާޓީއިން ވަކިވާން ހުށަހެޅިދާނެތޯ އައްސަވާފަ އެވެ. ޝުމެއިނާ ވިދާޅުވީ ޒަރޫރީ ހާލަތްތަކުގައި އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުން ވަގުތުން ވަކިކޮށްދޭ ކަމަށެވެ. އަދި ޕާޓީއަށް އަންގަނީ ވެސް މެންބަރު ވަކިކުރުމަށްފަހު އެވެ. ޒަރޫރީ ހާލަތެއްގެ ގޮތުގައި ބަލަނީ ޕާޓީގައި ހުރުމުން ވަޒީފާ އަދާ ނުކުރޭ ފަދަ ހާލަތްތައް ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ސުވާލުތައް ނިންމާލައި އެ މައްސަލާގެ އަޑުއެހުންތައް ވެސް އެ ހިސާބުން ނިންމާލި އެވެ. އަދި ދެން މައްސަލާގައި އޮންނާނީ ހުކުމް އިއްވުންކަން އިއުލާން ކުރެއްވި އެވެ.
މިއަދު މެންދުރުފަހު ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލަ ވަނީ ތާވަލްކޮށްފަ އެވެ. މީގެކުރިން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވެ އެވެ. އެ މައްސަލަތަކުގައި ވެސް ދެން އޮންނާނީ ހުކުމެވެ.