(21 އޮކްޓޯބަރ 2018 އާ ގުޅޭ) -- އަރްސަލް ކުރިއަށްހުރެ އޭނާގެ ތަންކޮޅެއް ފަހަތުން ރާދިންއާއި ޒިވަން ކެފޭއިން ނުކުމެގެން ދިޔަ މަންޒަރު ބަލަން ނިމްރާ އިނެވެ. އެހިނދު އަމިއްލަ ހިތާ ކީފާއަށް ސުވާލުކޮށްލެވުނެވެ. ހަޤީޤަތުގައި އޭނާއަށް އަރްސަލް ގެއްލުނީތޯއެވެ. އޭނާ ހާސްވާގޮތްވީ ދެނެވެ. އަރްސަލްއާއި ރާދިންގެ އިތުރުން ޒިވަންގެ ވާހަކަތައް ހިތަށް އެރުމުން ކީފާ ހިތްބިރުގަތެވެ. އޭނާ ފޯނު ނަގައި މިޢުވާނުގެ ނަންބަރަށް ޑައިލް ކުރިއެވެ.
މިހާތަނަށް ނިމްރާއާއި އަރްސަލްގެ ދެމެދަށް ވަދެ އެ ދެ މީހުން ދުރުކުރުވޭތޯ ކީފާ ކުރަމުން އައި މަސައްކަތް ނާކާމިޔާބުވެއްޖެކަން އަމިއްލަ ޟަމީރު ވިސްނައިދިން ނަމަވެސް އެކަން ޤަބޫލުކުރަން ކީފާ ބޭނުމެއްނޫނެވެ. ހުރިހާކަމެއް އަރްސަލްއަށް ފަޅައި އަރައިފިކަން އެނގުމުން ވެސް މިޢުވާނާ ވާހަކަދައްކަން ކީފާ ބޭނުންވީ އިތުރު ގޮތެއް އޮވެދާނޭ ހިތާއެވެ. ނިމްރާގެ ދިރިއުޅުން ފުރަތަމަ ފަހަރަށް ހަލާކުކޮށްލި މީހަކީ މިޢުވާނުކަން ކުރިން ވެސް ކީފާއަށް އެނގެއެވެ. އެހެންވިޔަސް ކީފާގެ ހިތުގައި އަރްސަލްގެ މައްޗަށް އޮތް ޖަޒުބާތުތައް ނިމްރާއާއި އަރްސަލް ގުޅުމަކަށް ފުރުޞަތެއް ނުދެއެވެ.
އެތައް ފަހަރަކު މިޢުވާނުގެ ނަންބަރަށް ކީފާ ގުޅިއެވެ. ރިންގުވީ ނަމަވެސް ފޯނަށް ޖަވާބެއް ނުދެއެވެ. ހާސްކަމުގެ ތެރޭ ކީފާއަށް ޗުސް ކަނޑާލެވުނެވެ.
"މިޢުވާނަށް ވެސް ހުރިހާކަމެއް އެނގުނީބާ؟" ކުއްލިއަކަށް ކީފާގެ ހިތަށް އެރިއެވެ. އެއާއެކު ސިކުނޑީގައި މުޅިން އައު ޚިޔާލުތަކެއް އެނބުރެން ފެށިއެވެ. އެއްވެސް ވަރަކަށް މިޢުވާނަށް ފުރިހަމަ އިތުބާރެއް ކީފާއަކަށް ވެސް ނުކުރެވެއެވެ. އޭނާ ވެސް ހަމައެކަނި މިޢުވާނާ ގުޅުން ބޭއްވި ސަބަބަކީ އަރްސަލްގެ ދިރިއުޅުމުން ނިމްރާ ދުރުކުރުމެވެ. ނަމަވެސް ކީފާއަށް ޔަގީންނުވާ ކަމަކީ ނިމްރާ ބޭނުންވެގެން މިޢުވާނު އުޅޭ ސަބަބެކެވެ. އަރްސަލްގެ ވިޔަފާރިއާ ބެހޭ އެއްވެސް ވާހަކައެއް މިޢުވާނަށް ކީފާ ކިޔައިދީފައެއްނުވެއެވެ.
ސިކުނޑިއަށް ބަރުވެ ފިކުރުތަކުން މީހާ ބަނދެވިފައި ވަނިކޮށް ކީފާ ހަޤީޤަތަށް ގެނުވީ މޭޒުދޮށުގައި ހުއްޓިލައިގެން ހުރި ބިދޭސީ ވެއިޓަރެވެ. އޭނާ އައިސް ހުރީ ބިލު ހިފައިގެންކަން އެނގުމާއެކު އޭގައި އޮތް އަދަދެއް ވެސް ބަލާނުލައި ރާދިން ބޭއްވި ސަތޭކަ ރުފިޔާ ނަގައި ވެއިޓަރަށް ދިއްކޮށްލިއެވެ. އޭނާ ފައިސާ ހިފައިގެން އެނބުރި ހިނގައި ގަތުމުން ކީފާ އަތްދަބަހުގެ ވާގަނޑު ކޮނޑުގައި އަޅުވާލައި ގޮނޑިން ތެދުވެ ހަލުވިކޮށް ހިނގައިގަތީ ގެއަށް ދިއުމަށެވެ.
* * * * *
ހުރިހާ ހަޤީޤަތެއް އަރްސަލްއަށް އެނގުނު ފަހުން ދެތިން ދުވަސް ފާއިތުވެ ދިޔައިރު ވެސް އޭނާ ނިމްރާއާ ބައްދަލުކުރާކަށް ނާދެއެވެ. އެހެންނަމަވެސް ފޯނުން ނިމްރާއަށް ގުޅައި ހާލުބަލައި ހަދައެވެ. އެއިން ކޮންމެފަހަރަކު ވަރަށް ލޯބިވާކަން ހާމަކުރެއެވެ. އަދި ވަރަށް އަވަހަށް ނިމްރާގެ ގާތަށް ދާނަން ކަމަށް ވެސް ބުނެއެވެ. ޕެންޓްހައުސް އެޕާޓްމެންޓްގެ ތެރޭ އެކި ދިމާލުން ފެންނަނީ ތަފާތު މާވަށިގަނޑުތަކަށް ޖަހާފައި ހުރި ރަތްފިނިފެންމާ ތަކެވެ. އަރްސަލް ކޮންމެ ދުވަހަކުހެން މާބޮނޑިއެއް ނިމްރާއަށް ފޮނުވައެވެ. ޒިވަން އާއި ރާދިން އެ އެޕާޓްމެންޓަށް އައި ފަހަރު ވެސް އަރްސަލްއެއް ނާދެއެވެ. އެކަމާ ނިމްރާގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ.
"ރާދު، ވާހަކައެއް އަހަންތަ؟" އޮފީސް ގަޑި ނިންމާފައި އައިސް ނިމްރާގެ އެޕާޓްމެންޓުގައި އިން ރާދިންގެ ގާތުގައި އޭނާ އެއްސެވެ.
"ޔެސް ޑާލިންގް" ނިމްރާ ގެނެސްދިން ޕަފް ފޭސްޓްރީއެއް ކާން އިނދެ ރާދިން ބުނެލީ އަނގަ ވެސް ހުސްނުވަނީހެވެ.
"ކީއްވެ އަރްސަލް ނާންނަނީ، އަހަންނަށް ކަމެއް ކުރެވުނީތަ؟ ނޫނީ ރާދު އެއްޗެއް ބުނީތަ އޭނައަށް" މިފަހަރު އެއްވެސް ޖެހިލުމެއްނެތި ނިމްރާގެ ހިތުގައިވާ އެއްޗެއް ފާޅުކޮށްލިއެވެ.
"ކީކޭ އޭނަ ބުނީ" ރާދިން އަހާލިއެވެ.
"ކަމެއްގައި އުޅޭ ވާހަކަ ބުނީ، ވަރަށް އަވަހަށް ދާނަމޭ ބުނޭ، އެކަމަކު... އަހަންނަށް ފީލްވަނީ އަރްސަލް ނާންނަން ހުންނަނީއޭ، ކޮންމެވެސް ކަމެއް ވެއްޖެ ދޯ" ނިމްރާ ބުންޏެވެ.
"އަރްސަލް ވަރަށް ބިޒީކޮށް އުޅެނީ، އަހަންނަށް ވެސް ގިނައިރު އޮފީހުގައި މިހާރު އިންނާނޭ ވަގުތެއް ނުވޭ، މެރީ ކުރަން ވާއިރަށް އޮފީހުގެ ކަންތައްތައް ކޮންމެވެސް ގޮތަކަށް ހަމަޖައްސަން ޖެހޭނެއެއްނު، އަހަރެން ނެތީމަ އަރްސަލްއަށް ވަރަށް ބުރަވާނެއެއްނު، އާންމުކޮށް އެހެންޏާ އޭނާ ދޯ ބްރޭކް ނަގާނީ، އެކަހަލަ އިރެއްގައި އަހަރެން ވެސް އުޅެނީ ނޭވާ ނުލައެއްނު، ހާސްނުވޭ ޑާލިންގް، ސައުވީސްގަޑިއިރު އޭނާ ހަމައެކަނި ޚިޔާލުކުރާ އަންހެންކުއްޖަކީ ތީ، ދުނިޔޭން މޮޔަވިއްޔާ އޭނާ މިފަހަރު މޮޔަވާނެ، އެހާވަރުވެފައި އެ ހުންނަނީ" ރާދިން ހިނިއައިސްފައި އިނދެ ބުނެލިއެވެ. އޭނާގެ ވާހަކަތަކުން ނިމްރާއަށް ހީނލެވުނެވެ. ހިތަށް ހަމަޖެހުމެއް ލިބުނެވެ.
* * * * *
ފިނިނޭވާއެއް ދޫކޮށްލުމާއެކު ކީފާ އަނެއްކާ ވެސް ވެއްޓިގަތީ އެނދުމައްޗަށެވެ. ރޮއެރޮއެ އޭނާގެ ދެ ލޯ ހުރީ ރަތްވެފައެވެ. ލޫންއާ އިންނަން އަރްސަލް ނިންމިކަން އެނގުމުން އެފަހަރު ކީފާ ނިންމީ އޭނާގެ ދިރިއުޅުމުން ދުރަށް ދާށެވެ. ނަމަވެސް ދެވަނަ ފަހަރަށް އަރްސަލް ދޫކޮށްލަން އޭނާގެ ހިތް އެއްބަސްނުވީއެވެ. ލޫންއަށްވުރެ ވެސް ބޮޑަށް ނިމްރާދެކެ އަރްސަލް ލޯބިވާކަން ކީފާއަށް ފެނުމުން އެކަންވީ އޭނާއަށް ތަހައްމަލުކުރަން ނޭނގުނު ވޭނަކަށެވެ. ނިމްރާއާ ދެކޮޅަށް ކުރެވެން ހުރި ހުރިހާކަމެއް އޭނާ ކުރުމުން ވެސް ކާމިޔާބެއްނުލިބުނެވެ.
"ކީ... ޔޫ ދެއާ" ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު އިވިގެންދިޔައީ ފިރިހެނެއްގެ އަޑެވެ. ކީފާ އެއްވެސް އެއްޗެއް ނުބުނެ އޮތީއެވެ. އިރުކޮޅަކުން އަނެއްކާ ވެސް ދޮރުގައި ޓަކި ޖަހާލިއެވެ. އަދި ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަނީ އާދައިގެ އިސްކޮޅެއްގައި ހުރި ޒުވާނެކެވެ.
"ވަޓްސް ރޯންގ ކީ، ބައްޕަ ގުޅައިގެން އަހަރެން މިއައީ، ހީ އިޒް ރިއަލީ ވޮރީޑް" ކީފާ ގާތު އެނދުގައި އިށީން މާޒިން ބުންޏެވެ. މާޒިންއަކީ ކީފާއާ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ދެ މީހުންގެ ދެމެދުގައި ހުރީ އެންމެ އަހަރެއްގެ ތަފާތެވެ. ކީފާ މާޔޫސްވާ ވަގުތު އެންމެ ބޮޑު ހިތްވަރެއް އަބަދުވެސް ލިބޭ ފަރާތަކީ އޭނާގެ ކޮއްކޮއެވެ.
"އަހަރުތަކެއް ކުރީން ތިހެން ކީ އުޅޭތީ އަހަރެން ދުށިން، އޭރު އެއްކޮށް އުޅުނު މީހުންނާއެކު މިފަހަކަށް އައިސް ކީ އުޅޭކަން އަހަންނަށް އޮތީ ޚަބަރުލިބިފައި... އަހަންނަށް ބުނެވިދާނެތަ މިފަހަރު ވެސް ކީގެ ތި ބަދަލުވުމަކީ އަރްސަލްއާ ގުޅުން ހުރި ކަމެކޭ" މާޒިން ބުންޏެވެ. ކީފާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ގިނައިރެއްނުވެ ދެން އިވުނީ ކީފާ ގިސްލާ ރޯއަޑެވެ. ރަޖާއިން މީހާ ފޮރުވިގެން އަރިއަކަށް އޮތް އިރު އޭނާގެ މޫނެއް ނުފެނެއެވެ. ބާލީހެއްގައި ބައްދާލައިގެން އޭގައި މޫނު ފޮރުވައިގެން އެ އޮތީ މާޒިން ދެނެގަތެވެ. މަޑުމަޑުން ދެފަރާތަށް މާޒިން ބޯހޫރުވާލިއެވެ.
"ކީ... އައި ނޯ ޔޫ ލަވް ހިމް، ބަޓް އިޓްސް ނޮޓް ސޭމް ފޯ ހިމް" ކީފާގެ ކޮނޑުގައި ފިރުމަމުން މާޒިން މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ކީފާގެ ރުއިންވީ އިތުރެވެ. މާޒިން އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރުމުގެ ބަދަލުގައި ކެތްތެރިކަމާއެކު އިނީއެވެ. ކީފާގެ ރުއިން މަޑުވަންދެނެވެ.
"ދިސް ފީލިންގް، އިޓްސް ނޮޓް ގޮއިން އަވޭ، އައި ކާންޓް ހެލްޕް އިޓް، އިޓްސް ޓޫ ޕެއިންފުލް" މާޒިންއަށް ފުރަގަސްދީގެން އޮވެ ކީފާ ބުނެލިއެވެ.
"އެހެންވެއޭ އޭނާއާ ދުރުގައި ހުންނަންވީ، ލޯބިވާ މީހާއާ އެކުވެރިކަން ބޭއްވުމަކީ މޮޔަކަމެއް، އެއީ އަހަރެން ޤަބޫލުކުރާގޮތް، އޭނާ ލޯބިވެރިންނާއެކު އުފާކޮށް މަޖާކުރާތަން ބަލަން ހުރުމުގެ ބޭނުމަކީ ކޮބާ، އެކަންތައްތަކުން ލިބޭނެ ހިތްހަމަޖެހުމެއް އެބައޮތްތަ، ލޯބި އުފެދުމަށްފަހު އެ ލޯބީގެ މަތިން ހަނދާންނައްތާނުލެވިއްޖެނަމަ ފުރިހަމަ އެކުވެރިންނަކަށް ނުވެވޭނެ، އަބަދުވެސް ކޮންމެވެސް އެކަކަށް އެކަމުން ހިތްދަތިކަން ލިބޭނެ، ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި މީހާ ހުންނާނީ ހުއްޓިފައި، އެކަން ކީއަށް އެނގެއެއްނު، ކުރީން ވެސް އަހަރެން ކީއަށް ވިސްނައިދިން، އަރްސަލް އެކަންޏެއްނޫން، ކޮންމެ މީހަކު ވެސް އޭނާ ޝައުގުވެރިނުވާ މީހަކާ ގުޅޭކަށް ބޭނުމެއްނުވާނެ، އަނެކާ ކިތަންމެ ބޭނުންވިޔަސް އިޖާބަނުލިބެނީ އެހެންވެ، ދެ ހިތުގައި އެކައްޗެއް ނުވާތީ" މާޒިން ވާހަކަދެއްކީ އޯގާތެރިކަމާއެކުއެވެ. ލޯތްބަކީ ކީފާ ބަލިކަށި ކުރާ އެއްޗެއްކަން މާޒިންއަށް އެނގޭ ކަހަލައެވެ. އޭނާއަށް އަރްސަލް ހުރީ ފެނިފައެވެ. އޭނާއާ ހެދި ކީފާ އުޅޭގޮތް ވެސް އެނގެއެވެ. އެކަމަކު ޚުދު އޭނާއަށް ވެސް އަރްސަލްގެ ފަރާތުން ކީފާ އެދޭފަދަ ޝައުގުވެރިކަމެއް ނުފެންނަކަން އެނގެއެވެ. ބައެއްފަހަރު އެކުވެރިއެއްގެ ގޮތުގައި ބަލައިގަނެވޭ ފަރާތަކީ ހަޔާތުގެ ބައިވެރިއަކަށް ހަދަން އެންމެ އެކަށޭނެ ފަރާތެއްނޫންކަން މާޒިންއަށް ވިސްނެއެވެ. އެކަމަކު އަރްސަލްދެކެ ލޯބިވުމަކީ ކީފާގެ ވެސް ކުށެއްނޫންކަން މާޒިން ޤަބޫލުކުރެއެވެ. ލޯތްބަކީ ވަގުތު ކަނޑައެޅިގެން ޝަރުތުތަކަކާއެކު އުފެދޭ ޖަޒުބާތެއްނޫނެވެ.
"އައި ޑޯންޓް ނޯ ވަޓް ޓު ޑޫ އެނީމޯ" ކީފާ ބުންޏެވެ. އަދި ރަޖާގަނޑު ހިއްލާލައި އޭނާ ތެދުވަން އުޅުމުން މާޒިން އެހީތެރިވިއެވެ.
"ކަމް ހިއާ މައި ކްރައިބެއާ" ކީފާގެ ކޮނޑުގައި ހިފައި ގާތްކޮށްލުމާއެކު އޭނާގެ ގައިގާ ބައްދާލައި ބުރަކަށީގައި ފިރުމާލިއެވެ.
"ޔޫ ވިލް ބީ އޯލްރައިޓް، ޔޫ ހޭވް އަ ގުޑް އެންޑް ސްޓްރޯންގް ހާޓް" މާޒިން ބުންޏެވެ.
"އައި ހޭވް ޑަން ބޭޑް ތިންގްސް ދިސް ޓައިމް، ހީ ވިލް ނެވާ ފޮގިވް މީ" ކީފާ މަޑުމަޑުން ބުނެލިއެވެ. އަދި މާޒިންއާ ދުރަށް ޖެހިލިއެވެ.
"ޓެލް މީ އެވްރިތިންގް" ހައިރާންކަމާއެކު މާޒިން އަހާލިއެވެ. އެ މޫނުމަތީގައިވި އަސަރުތަކުން ކީފާއަށް ކުށްވެރިއެއްކަމުގެ އިޙްސާސް ކުރެވުނެވެ.
"ކީ... ދެޓްސް ރިއަލީ ރޯންގް... އެ ދެމީހުންގެ ކުށެއް އެބައޮތްތަ؟ އެ އަންހެންކުއްޖާ ކީއަށް ޖެއްސުމައްތަ އަރްސަލްއާ ރައްޓެހިވީ" ކީފާ ހުރިހާ ވާހަކައެއް ކިޔައިދިނުމުން މާޒިން ބުންޏެވެ. ކީފާ ދެފަރާތަށް ބޯހޫރުވާލައި ވާހަކަދައްކަން ފެށިއެވެ.
"އަރްސަލް ފޯލްވީ އޭނާއަށް، ހިތަށް އެރީ އޭނާ ނައިނަމަ އަރްސަލްއާ އަހަންނަށް ފުރުޞަތެއް އޮތީހޭ" ކީފާ ތެދަށް ބުންޏެވެ.
"ކީ... ޑެސްޓިނީ ބްރޯޓްދެމް ޓުގެދާ... އެ އަންހެންކުއްޖާ ނައިނަމަ އަރްސަލް ހުންނާނީ އޭނާގެ ވައިފްއާއެއްކޮށް، އެހެނެއްނޫންތަ ވާނީ، އޭރުން ވެސް ކީއަށް ޗާންސެއް ނޯންނާނެ" މާޒިން ބުންޏެވެ. އެއާއެކު ކީފާއަށް ވިސްނާލެވުނެވެ. ތަޤްދީރުގައި އޭނާއާއި އަރްސަލް ގުޅުމަށް ކަނޑައެޅިފައި ނެތީއެވެ.
"މިޢުވާނު... އޭނާ... އޭނާއާ ހެދި ނިމްރާއާ އަރްސަލް ބައްދަލުވީ، އޭނާއާ ހެދި އަހަރެންގެ އަމިއްލަ އެދުން ބޮޑުވީ، އަހަންނަށް އަރްސަލް ލިބިދާނެކަން ޔަގީންކޮށްދިނީ އޭނާ، އަހަންނަށް ވެސް ޤަބޫލުކުރެވުނީ އެކަމަށް ބޭނުންވެފައި ހުރިވަރުން" ކީފާގެ އަޑު އިހުނަށްވުރެ ވެސް މަޑުވިއެވެ. މާޒިން އޭނާގެ ދައްތަގެ ދެއަތުގައި ހިފާލިއެވެ.
"އެ ދެ މީހުން ދުރުކޮށްފައި ކީއަށް ހެޕީ ލައިފްއެއް ލިބިދާނެތަ؟ ބައްޕަ ކީކޭ އަހަރެމެން ކުދީން ގާތު ބުނަނީ، ނުހައްޤު ގޮތުގައި އެއްވެސް އެއްޗެއް ހޯދަން ނުވިސްނައްޗޭ، އޭގެ ބަދަލު ހިތިވާނޭ، އެކަކަށް ދެރައެއްދީފައި އަނެކަކަށް އުފަލުގައި އުޅެވިދާނެ، އެކަމަކު އޭނާގެ އެ ޢަމަލުތައް މުޅިއުމުރަށް ނުފިލާ ލައްގަނޑަކަށްވާނެ، ތިމާ ކަންތައްކުރި ފަދައިން އެހެންމީހަކު ވެސް ކަންތައްކޮށްފާނޭ އަބަދުވެސް ހިތުގައި އޮންނާނީ، އެފަދަ ވިސްނުމެއްގައި ހުރެ ހެލްތީ ލައިފެއް އުޅެވިދާނެތަ؟" މާޒިންގެ ހަރުދަނާ ވާހަކަތަކުން ކީފާގެ ހިތަށް އަސަރުކުރިއެވެ. އޭނާއަށް އެޅުނު ކަތިފިޔަވަޅުތަކުގެ ނަތީޖާއާ މެދު ވިސްނާލެވުނެވެ.
* * * * *
ފުން ވިސްނުމަކަށް ގެއްލިފައި އިން ނިމްރާ ގޮނޑިން ތެދުވެގެން އައިސް ކެބިންގެ ބިއްލޫރި ފާރުގެ ކައިރީ މަޑުކޮށްލިއެވެ. ބްލައިންޑްސް އިން މުޅި އެ ފާރު ނިވާކޮށްލެވިފައި ހުރުމުން ނިމްރާ އެއްފަރާތަށް ކުޑަކޮށް ބްލައިންޑްސްތައް ކަހާލިއެވެ. ސާފު ބިއްލޫރިގަނޑުން މާލޭގެ އިމާރާތްތައް ފެންނަން ހުއްޓެވެ. ރާއްޖޭގެ ސަރަޙައްދަށް ކުރަމުން އައި ވިއްސާރައިގެ ސަބަބުން އުޑުމަތި އޮތީ ބަނަކޮށެވެ. ނަމަވެސް ވާރޭއެއް ނުވެއެވެ. އެހެން ހުއްޓާ މޭޒުމަތީ އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ނިމްރާ އައިސް ފޯނު ބަލާލުމާއެކު ހިނިތުންވުމެއް ތުންފަތަށް ވެރިވެގެންދިޔައެވެ. އޭނާއަށް ގުޅަނީ އަރްސަލްއެވެ.
"އަރްސަލް" ނިމްރާ ގޮވާލިއެވެ.
"ޑޫ ޔޫ ހޭވް ޕްލޭންސް ޓުނައިޓް" އަރްސަލް އަހާލިއެވެ.
"އާން! ވަރަށް ބިޒީ" ހިނިއައިސްފައި ހުރެ ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ހީނގަތް އަޑުއިވުނެވެ.
"އަހަންނާއެކު ޑޭޓަކަށް ހިނގައިދާނަންތަ" އަރްސަލް އަހާލިއެވެ.
"ވިސްނާލަން ޖެހޭނީ" ހިނިއައިސްފައި ހުރެ ނިމްރާ ބުނެލިއެވެ.
"ސް.ކާ.ލެ.ޓް" އަރްސަލް ހަރުކަށިވެލިއެވެ. ނިމްރާ ހީނލީއެވެ.
"އޯކޭ، ގަޑިބުނޭ" ނިމްރާ ބުނެލިއެވެ.
"މިރޭ ނުވައެއް ޖަހާއިރު ދާނަން ބަލާ" އަރްސަލް ބުންޏެވެ.
"އޯކޭ" ނިމްރާ ބުންޏެވެ. އެއާއެކު އިތުރު އެއްޗެއް ނުބުނެ ފޯނުކޯލު އަރްސަލް ކަނޑާލައިފިއެވެ. ނިމްރާ ފޯނަށް ބަލާލިއެވެ. އަރްސަލްއާ ތަންކޮޅެއް ގިނައިރު ވާހަކަދައްކާލަން އޭނާ ހުރީ ބޭނުންވެފައެވެ.
"އަރްސަލް ސާރއާ ނިމް އޯކޭވީމަ އަހަރެން ވަރަށް ހެޕީވެފައި މީނީ، އެ ދުވަހު ހާދަ ބިރެއްގަތޭ އަރްސަލް ސަރ ހަޅޭލަވައިގަތީމަ، ވަރަށް ބިރުން ހުރީ ނިމްއަށް ކަމެއްކޮށްފާނެތީ، އެކަމަކު ޒިވަންއާއި ރާދު ސަރ ބުނި ހާސްނުވާށޭ، ފަހުން ހަލަފް ގުޅީމަ އަހަރެންނަށް އެނގުނު ހުރިހާކަމެއް އޯކޭވެއްޖެކަން... ދެން ކޮންދުވަހަކުން މެރީކުރަނީ" ނިމްރާއަށް ބަލަން އިނދެފައި އީވާ އަހާލިއެވެ.
"އަރްސަލް... އޭނާގެ ކޫސަނި ރުޅިއެއް ހުއްޓަސް އޭނާއަކީ ގޯސްމީހެއްނޫން، ދެން މެރީ ދޯ... އަދި މިވަގުތައް އެކަން މަޑުޖައްސާލީ" ނިމްރާ ބުންޏެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ކައިވެނީގެ ޚިޔާލުތައް އެނބުރެމުންދިޔައެވެ. އެކަމާ ބެހޭގޮތުން އަރްސަލް އެއްވެސް އެއްޗެއް ނުބުނާތީއެވެ.
"ރާދު ސަރ ޗުއްޓީ ނަގަން އުޅޭކަން އެނގޭ ދޯ" އީވާ ބުންޏެވެ. ނިމްރާ މަޑުމަޑުން ބޯޖަހާލިއެވެ.
"މެރީ ކުރަން އެހާ ކައިރިވެފައި އޮތްއިރު އޮފީހުގެ ކަންކަމާ ސްޓްރެސްއައުޓްވާނެތީ އަރްސަލް ވެސް ބުނެފަ އޮތީ ޗުއްޓީގައި ހުންނާށޭ" ނިމްރާ ބުންޏެވެ.
އޮފީސް ނިންމާފައި އެޕާޓްމެންޓަށް ނިމްރާ ވަންއިރު ކޮފީމޭޒުމަތީ މާބޮޑިއަކާއެކު ހުދުކުލައިގެ ބޮޑު ކޮތަޅެއް ބަހައްޓާފައި ހުއްޓެވެ. އަވަސް އަވަހަށް އައިސް އޭގައި ހުރި އެއްޗެއް ބެލިއެވެ. ކޮތަޅުގައި އޮތް ދެފޮށިގަނޑު ފެނުނެވެ. ނިމްރާ އެޕާޓްމެންޓު ތެރެ ހޯދާލީ އަރްސަލް އުޅެނީއޭ ހީވެގެންނެވެ. ނަމަވެސް އޭނާއަށް އެކަކު ވެސް ނުފެނުނެވެ.
އަރްސަލް އަންނަ ގަޑި ޖެހެންވާއިރަށް ނިމްރާ ހުރީ ތައްޔާރުވެގެންނެވެ. ފަހު ފަހަރަށް ލޯގަނޑު ކުރިމައްޗަށް ހުއްޓި ފަރިބަލާލީ އަރްސަލް ގެނެސްދިން ހެދުމުގައި ހުރި ގޮތް ބަލާލުމަށެވެ. ހެނދުންތައް ހުރި ބައިން ނުކުމެ އެނދުމަތީ ހުޅުވާފައި ހުރި ފޮށިގަނޑުގެ ތެރެއިން ނެގި ބޫޓު ހިފައިގެން ނިމްރާ ހަލުވިކޮށް ކޮޓަރިން ނުކުމެގެން އައެވެ. ސިޓިންރޫމު ފެންނަންވިއިރަށް އޭނާއަށް ހުއްޓުން އެރީ ސޯފާތައް ކައިރީ ހުރި އަރްސަލް ފެނުމުންނެވެ. ހީވީ އެތައް ޒަމާނަކަށްފަހު ދެ މީހުން ބައްދަލުވީ ހެންނެވެ. ދެ މީހުންގެ މޫނުމަތިން ވެސް ފުޅާ ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ.
"ޔޫ ރެޑީ" އަރްސަލް އަހާލިއެވެ. އެއާއެކު ނިމްރާ ބޯޖަހާލިއެވެ. އަދި އަތުގައި އޮތް ބޫޓަށް އަރައި އަރްސަލްގެ ކުރިމަތީ ދެކޮޅަށް އެނބުރިލިއެވެ.
"ހައު ޑޫ އައި ލުކް" ނިމްރާ އަހާލިއެވެ.
"ބިއުޓިފުލް... ޕާފެކްޓް... އައި ލަވް ޔޫ" ނިމްރާގެ އަތުގައި ހިފާލަމުން އަރްސަލް ބުންޏެވެ.
ދެ ޒުވާނުން އެޕާޓްމެންޓުން ނުކުމެގެން އައިސް އަރްސަލްގެ ކާރަށް އެރިއެވެ. ދަނީ ކޮންތާކަށް ކަމެއް އަރްސަލް ނުބުންޏެވެ. ދުއްވަމުންދިޔަ މަގުތަކުން އަރްސަލްގެ މިސްރާބު ހުރީ ހުޅުމާލެއަށްކަން އެނގުނެވެ. ކާރުގައި އިން އިރު ވެސް އަރްސަލްގެ އެއްއަތް އޮތީ ނިމްރާގެ އަތްތިލައާ ގުޅުވާލެވިފައެވެ. ދޭތެރެއަކުން ނިމްރާއަށް ބަލާލައި ހިނިތުންވެލައެވެ. އެވަގުތުގެ ހިމޭންކަން ނިމްރާއަށް ވެސް ކަމުދިޔައެވެ. ކާރު މަޑުކޮށްލުމާއެކު ނިމްރާގެ ގާތުގައި ނުފައިބާ އިނުމަށްބުނެ އަރްސަލް ކާރުން ފޭބިއެވެ. ދުވެލާފައި އައިސް ނިމްރާ އިން ފަޅީގެ ދޮރުފަތް އަރްސަލް ހުޅުވިއެވެ. މަގުގެ އަނެއްފަރާތުން ފެންނަން ހުރީ އަރްސަލްއާއި ރާދިން ހުޅުމާލޭގައި އުޅުނު ގެއެވެ.
"މި ގެއަށްތަ މިއައީ" އިމާރާތަށް ބަލާލަމުން ނިމްރާ އަހާލިއެވެ. އަރްސަލް ހިނިތުންވެލުމާއެކު ނިމްރާގެ އުނަގަނޑުގައި ހިފައިގެން ގޭޓުން އެތެރެއަށް ވަދެ މައިދޮރު ހުޅުވާލިއެވެ. އަދި ލިފްޓަށް އެރިއެވެ. އެއާއެކު ކުރީގެ ހަނދާންތަކެއް ނިމްރާއަށް އާވެގެންދިޔައެވެ. ލިފްޓް ހުއްޓުމުން ނިމްރާ ގޮވައިގެން އަރްސަލް އެރީ ރޫފްޓޮޕްއަށެވެ. ކުދިބޮކިތަކުން އެތަން ވަނީ ޒީނަތްތެރިކުރެވިފައެވެ. އެ ދެ މީހުންނަށް ޓަކައި ޚާއްސަކުރެވިފައި ހުރި މޭޒެއް ހާމަފެންޑާގެ މެދުގައި ހުއްޓެވެ. ވަށައިގެން ފެންނަ މަންޒަރުގައި ހުވަފެނީ ގޮތެއްވިއެވެ. ނިމްރާ ހުރީ އަޖައިބުވެފައެވެ.
"ޔޫ ޑިޑް އޯލް ދިސް" ނިމްރާއަށް އަހާލެވުނެވެ.
"ވެލް... އައި ވޯޒް ނޮޓް އެލޯން، ބަޓް އައި ޓްރައިޑް މައި ބެސްޓް، އޯކޭތަ" އަރްސަލް އެއްލޯ މަރާލިއެވެ. އުފަލުން ހިނިއައިސްފައި ހުރި ނިމްރާ ބޯޖަހާލިއެވެ. އަރްސަލް ޖީބުގައި އޮތް ފޯނު ނެގައި މީހަކަށް ގުޅާލިއެވެ. އަދި ނިމްރާ ގެނެސް މޭޒުދޮށުގައި ހުރި ގޮނޑި ދުރަށް ޖައްސާލައި ބޭންދިއެވެ. މޭޒުގެ އަނެއްފަރާތުގައި ނިމްރާއާ ކުރިމަތިވާގޮތަށް ހުރި ގޮނޑީގައި އަރްސަލް އިށީނެވެ. އަދި ނިމްރާއަށް ބަލާލިއެވެ.
"އައި މިސްޑް ޔޫ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ.
"ދެން ކީއްވެ ނާންނަނީ؟ އަހަންނަށް އެއްޗެކޭ ބުނެވުނީތަ؟" ނިމްރާ ބުންޏެވެ. ނަމަވެސް އަރްސަލް ޖަވާބެއް ނުދެނީސް އެތަނުން އިތުރު މީހެއްގެ ހިލަންވިއެވެ. ވެއިޓަރު ޔުނީފޯމުގައި ހުރި ބިދޭސީ ފިރިހެނަކު އައިސް އޭނާގެ އަތްމަތީ ހުރި ތަބަކުގައި ހުރި ތަށިތައް ނަގައި މޭޒުމަތީ އަތުރަން ފެށިއެވެ. އަދި މެނޫއެއް ދިއްކޮށްލިއެވެ.
"ސްކާލެޓް ބޭނުން އެއްޗެއް ބުނޭ، ތިރީ ރެސްޓޯރެންޓުގެ މެނޫތީ" އަރްސަލް ބުނެލިއެވެ.
"އަރްސަލް" ނިމްރާ ގޮވާލީ ތަފާތު ގޮތަކަށެވެ.
"ވީ ވިލް ޓޯކް ލޭޓާ، ލެޓްސް އިންޖޮއި ދި ޑިނާ" އަރްސަލް ހިނިތުންވުމެއް ދިނެވެ. ނިމްރާ ބޯޖަހާލައިފައި ކުރިމަތީ އޮތް މެނޫއަށް ބަލަން ފެށިއެވެ. އަރްސަލް ވެސް ނިމްރާ ގޮވައިގެން ނުކުތީ މުހިންމު ވާހަކަތަކެއް ނިމްރާއާ ދައްކަން ގަސްދުކޮށްގެންނެވެ. (ނުނިމޭ)