ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑިއާމެދު ހިޔާލު ތަފާތުވެގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އިލެކްޝަން ކޮމިޝަން، އީސީއިން ފިނި ޖަވާބުތަކެއް ދިނުމަށް ފަހު މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ ޕީޕީއެމްއިން ސައުދުﷲގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީއިން ވަކިކޮށް އެކަން ކޮމިޝަނަށް އެންގުމުންނެވެ. އެ ސުލޫކީ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ސައުދުﷲ ކުރެއްވި ސޮއި އަނބުރާ ނަގަން އެންގުމުން އެ ސޮއި ނުނެގުމުންނެވެ. އެ ސޮއި ކުރެއްވީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.
އެ ފިޔަވަޅު ސައުދުﷲއަށް ޕީޕީއެމްއިން އެޅީ ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްއިން ވަކިވާން މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ސައުދުﷲ ސިޓީ ހުށަހެޅުއްވި އެވެ. އަދި އެ ދުވަހު އިލެކްޝަން ކޮމިޝަނަށް އެކަން އަންގައި ސިޓީ ހުށަހެޅުއްވި އެވެ. އެއީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރި އެވެ. އެ ހުކުމް އިއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
ސައުދުﷲގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މެންބަރަކު ޕާޓީއިން ވަކިވާނެ ގޮތް ކަނޑައަޅަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ކަމަށް ކަނޑައަޅާފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން އެދޭ ހިސާބުން ޕާޓީއިން ވަކިވާނެ ކަމަށެވެ. އެހެންކަމުން ޖުލައި 10 ވަނަ ދުވަހު ސިޓީ ހުށަހެޅުމާއެކު ސައުދުﷲއަކީ ޕީޕީއެމްގެ މެންބަރަކަށް ނުވާނެ ކަމަށެވެ.
އެކަން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވެސް އިތުރަށް ސާފުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އެ ހުކުމްތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބަލާއިރު ޕާޓީއިން ވަކިވާން އެދޭ ހިސާބުން އެ މެންބަރެއް ޕާޓީއިން ވަކިވާނެކަން އެނގެން އޮންނަ ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް ރިފްއަތު އަބްދުﷲ ވިދާޅުވީ ސައުދުﷲ ޕާޓީއިން ވަކިވާން ސިޓީ ހުށަހަޅާފައިވާކަން ކޮމިޝަނަށް އެންގުމުން އެކަން ޕީޕީއެމްއިން ސާފުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޖުލައި 13 ވަނަ ދުވަހު ޕީޕީއެމްއިން ވަނީ ސައުދުﷲގެ ސުލޫކީ މައްސަލައެއް އެ ޕާޓީއިން ބަލަމުންދާކަން އަންގާފައި ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު އަބްދުﷲ ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތަށް ސައުދުﷲއާމެދު ސުލޫކީ ފިޔަވަޅު އަޅައި އެކަން އިލެކްޝަން ކޮމިޝަނަށް ޕީޕީއެމްއިން އެންގުމުން އޭނާ ޕާޓީއިން ވަކިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އެންގީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައިވާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރިފްއަތުގެ ވާހަކަ ނިންމަވާލެއްވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ސައުދުﷲގެ ވަކީލް ރިފްއަތު ވިދާޅުވީ ދެ ފަހަރަށް ޕާޓީއިން މީހަކު ވަކި ނުކުރެވޭނެ ކަމަށެވެ. ޖުލައި މަހުގެ 10 ވަނަ ދުވަހު ސައުދުﷲ ޕާޓީއިން ވަކިވާން ހުށަހެޅުމުން އޭނާ ޕާޓީއިން ވަކިވީ ކަމަށާއި ދެން އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ޕީޕީއެމްއަށް ނުބެލޭނެ ކަމަށެވެ. އަދި، ދެވަނަ ފަހަރަށް ސައުދުﷲ ޕީޕީއެމްއަށް ވަނުމަށް އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުކުރާކަން ވެސް ރިފްއަތު ފާހަގަކުރެއްވި އެވެ.
ސައުދުﷲ ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ޕާޓީއިން ވަކިވި ތާރީހަކީ 31 އޮކްޓޯބަރު ކަމަށް ކަނޑައެޅި ގޮތެއް ބުއްދިއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ސިޓީލުމަށްފަހު އޭނާއާ ދެކޮޅަށް ސުލޫކީ މައްސަލައެއް ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ސުލޫކީ ފިޔަވަޅަކީ ވެސް ޕާޓީއިން ވަކިކުރުން ކަމުގައިވާއިރު އަމިއްލައަށް ޕާޓީއިން ވަކިވުމަށްފަހު އެ ފިޔަވަޅު އެޅުމުގެ މާނައެއް ނެތް ކަމަށް ވިދާޅުވި އެވެ.
ސައުދުﷲ މިސާލެއް ވެސް ނެންގެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީހަކު މަރުވި ވަގުތު ކަމަށް ކަނޑައަޅަނީ މަރުވާ ވަގުތު ކަމަށާއި އޭނާގެ ނަން ރަޖިސްޓްރީތަކުން އުނިކުރާ ވަގުތު ނޫން ކަމަށެވެ. ހަމަ އެގޮތަށް އޭނާ ޕާޓީއިން ވަކިވި ތާރިހު ކަމަށް ވެސް ކަނޑައަޅަން ޖެހޭނީ ދަފުތަރުން އޭނާގެ ނަން އުނިކުރި ދުވަސް ނޫން ކަމަށް ވިދާޅުވި އެވެ. އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އޭނާ މާކުރިން ޕާޓީއިން ވަކިވެފައިވާކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
އެ ވާހަކަތަކަށް ރައްދުދީ، ފަހު ވާހަކައެއް ދައްކަން އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ދެއްވި ފުރުސަތުގައި އިލެކްޝަންގެ ވަކީލް ރިފްއަތު އަބްދުﷲ ވިދާޅުވީ މައްސަލާގައި ކޮމިޝަނުން ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ސައުދުﷲ މިއަދު ވަނީ މައްސަލާގައި ވީއެންމެ އަވަހަކަށް ހުކުމް އިއްވައިދިނުމަށް އެދިވަޑައިގެންފަ އެވެ. ސައުދުﷲ ވިދާޅުވި ގޮތުގައި އޭނާއަކީ އިޖުތިމާއީ އަދި ދީނީ މަސައްކަތްތަކެއް ވެސް ކުރާ މީހެއް ކަމަށާއި ގޮނޑިއާމެދު ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވެގެން ދިޔުމަކީ މުޖުތަމައުގައި އޭނާއާމެދު ދެކޭ ގޮތް ބަދަލުވެގެންދާ ކަމެއް ކަމަށެވެ.
މައްސަލާގެ އަޑުއެހުންތައް ނިންމަވާލެއްވިކަން އިއުލާން ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލާގެ ހުކުމް އަވަހަށް އިއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.