ހަބަރު

ގިނަ ބަޔަކު ބޮއިކޮޓް ކުރި ސައުދީ ފޯރަމްގައި ޑރ. ވަހީދު

"ފިއުޗާ އިންވެސްމެންޓް އިނީޝޭޓިވް 2018" ގެ ނަމުގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި މިއަދު ފެށި އިންވެސްޓްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގެންފި އެވެ.

ޑރ. ވަހީދު އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ރާއްޖެ ތަމްސީލުކުރައްވަން ކަމެއް ނުވަތަ ސައުދީ ޝާހީއާއިލާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ދައުވަތަކަށް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިކަންް ހާމަކުރައްވައި އެމަނިކުފާނު ވަނީ ސޯޝަލް މީޑިއާގައި ފޮޓޯއެއް އާއްމުކުރައްވާފަ އެވެ.

ޑރ. ވަހީދު އާންމު ކުރެއްވި ފޮޓޯއިން އެެމަނިކުފާނުގެ އިތުރުން ދެން ފެންނަނީ އަބޫދާބީގެ ވެރިޔާ ޝައިޚު މުހައްމަދު ބިން ރާޝިދާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އެވެ.

ސައުދީ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. ވަހީދު ބައިވެރިވަޑައިގެންނެވި އިރު އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ދުނިޔޭގެ ބޮޑެތި ގިނަ ކުންފުުނިތަކަކުން ވަނީ އެ ފޯރަމް ބޮއިކޮޓް ކޮށްފަ އެވެ. އަދި ބައިނަލް އަގުވާމީ ގިނަ މީޑިއާތަކަކުން ވެސް ވަނީ އެ ފޯރަމް ބޮއިކޮޓް ކޮށްފަ އެވެ.

ގައުމުތަކާއި ކުންފުނިތަކުން ސައުދީ ފޯރަމް ބޮއިކޮޓް ކުރީ ތުރުުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި އެގައުމުގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައި ވާތީ އެކަން ކުށްވެރިކުރުމުގެ ގޮތުންނެވެ. އިންވެސްޓްމެންޓް ފޯރަމް މިއަދު ފެށި އިރު ޚާޝުގްޖީގެ މަރާ ބެހޭ ތަފުސީލުތައް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ހާމަކުރެއްވީ ވެސް މިއަދުއެވެ.

ތުރުކީ ޕާލަމެންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ކައިވެނި ކުރުމަަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަ ކުރުމަށް ޚާޝުގްޖީ ސައުދީ ކޮންސިއުލޭޓަށް ފުރަތަމަ ދިޔައީ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަރައިލުމުގެ ރޭވުން ރާވަން ފެށީ އެދުވަހުން ފެށިގެން ކަމަށް ދެކެވަޑައިގަންނަވާ ކަަމަށެވެ.

"އަޅުގަނޑު ދެކެނީ އޭނާގެ ގަތުލު ރާވައި އެކަމުގެ މަގު ޗާޓް ކުރަހަން ފެށީ އެވަގުތުން ފެށިގެން ކަމަށް،" އޭނާ ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ސައުދީ ކޮންސިއުލޭޓްގެ ބައެއް އޮފިޝަލުން ވަރަށް އަވަހަށް އެނބުރި ސައުދީ އަރަބިއްޔާއަށް ދިޔަ ކަަމަށާއި އެމީހުން ދިޔައީ ރޭވުން ފުރިހަމަ ކުރަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަދުގެ ތަގުރީރުގައި އުރުދުޣާން ވަނީ ސައުދީ ސަރުކާރަށް ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާއިން އޭރުގައި ތުރުކީއަށް އައި 15 މީހުން އައީ ކީއްވެތޯ އާއި އިސްތަންބޫލުގައި އެމީހުން އެއްތަންވީ ކީއްވެތޯ ސުވާލުކުރެއްވި އެވެ. އަދި އެމީހުންނަށް އެގޮތަށް ކަންތައް ކުރަން އިރުޝާދު ދިނީ ކާކުތޯ ވެސް ސުވާލުކުރެއްވި އެވެ. އަދި ޚާޝުޖުގްޖީގެ ހަށިގަނޑު އިސްތަންބޫލް މީހަކާ ހަވާލުކުރި ކަމަށް ބުނެފައި ވާއިރު އެމީހެއްގެ ނަމަކީ ކޮބައިތޯ ވެސް ސުވާލުކުރެއްވި އެވެ. ދެން ވިދާޅުވީ އެހުރިހާ ސުވާލެއްގެ ޖަވާބު ލިބެން ޖެހޭ ކަމަށެވެ.

ޚާޝުގްޖީ މަރާލި ހާދިސާއާ ގުޅޭ ގޮތުން ތުރުކީ ފުލުހުން ނުރަސްމީކޮށް ނޫސްތަކަށް ދީފައިވާ ގިނަ މައުލޫމާތުތަކެއް އުރުދުޣާން ތެދުކުރެއްވި އެވެ. އަދި ވިދާޅުވީ އޭނާ މަރާލާފައި އެވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ.

ޚާޝުގްޖީގެ ގާތިލުންގެ ޝަރީއަތް އިސްތަންބޫލުގައި ކުރުމަށް ވެސް އުރުދުޣާން ހުށަހެޅުއްވި އެވެ. އަދި އެމީހުންގެ ނަންތަ ހާމަކުރުމަށް އޭނާ ސައުދީ އަރަބިއްޔާއަށް އޭނާ ގޮވައިލެއްވި އެވެ. ކޮންސިއުލޭޓަށް ޚާޝުގްޖީ ވަނުމަށް ފަހު އޭނާގެ ހަބަރެއް ނުވެގެން ތުރުކީގެ ކަބާ ބެހޭ ފަރާތްތަކަށް އެންގި ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީއާ ހެދި އޭރުގައި އެތަނަށް ނުވަދެވުނުކަން ވެސް އުރުދުޣާން ފާހަގަ ކުރެއްވި އެވެ.

ޖަމާލް ޚާޝުގްޖީއަކީ ސައުދީ ޝާހީއާއިލައާ ކުރިން ގާތް ގުޅުމެއް އޮތް އަދި އެއާއިލާއިން ހިންގާ މީޑިއާތަކުގައި އިސް މަގާމުތަކެއް އަދާކޮށްފައިވާ މީހެކެވެ. ނަމަވެސް ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމަށް ފަހު އޭނާ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި އެވެ. އޭގެ ފަހުން ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާނަށް ފާޑުކިޔައި ކޮލަމްތައް ވެސް ލިއުނެވެ.