12 މެންބަރުންގެ މައްސަލަ

ޝާހު، މުހަންމާ، މުސްތަފާ އަދި ޝަހުދީގެ ގޮނޑީގެ މައްސަލަ ފަށަނީ

އިލެކްޝަން ކޮމިޝަން، އީސީއިން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މުހައްމަދު މުސްތަފާ އާއި އަލީ ޝާހާއި ހުސެއިން ޝަހުދީ އަދި މުހައްމަދު އަބްދުﷲ، މުހަންމާގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

މާދަމާއަށް ތާވަލުކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ އާއި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ މައްސަލަ އެވެ. ބުރާސްފަތި ދުވަހަށް ތާވަލްކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމާ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ މައްސަލަ އެވެ.

އެ ހަތަރު މެންބަރުންގެ އަޑުއެހުންތައް ތާވަލްކުރިއިރު މިއަދު ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ގޮނޑީގެ މައްސަލާގައި އަޑުއެހުންތައް ނިންމާލާފަ އެވެ. މީގެކުރިން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލާގެ އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ހަތަރު މެންބަރުންގެ މައްސަލާގައި ދެން އޮންނާނީ ހުކުމެވެ.

މި އަށް މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވި މެންބަރުންނެވެ.

އެ މެންބަރުން އެ ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން ޕީޕީއެމްއިން އަންގާ، ސޮއި ނުނެގުމުން ޕާޓީއިން ވަނީ ސުލޫކީ ފިޔަވަޅު އަޅާ އެ ޕާޓީއިން މެންބަރުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނަށް އަންގާފަ އެވެ. އެ ފިޔަވަޅު އެ މެންބަރުންނަށް ޕީޕީއެމްއިން އެޅީ ހުރިހާ މެންބަރުން ވެސް ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. އެގޮތަށް ހުށަހެޅީ ފްލޯ ކްރޮސިންގެ ހުކުމުގެ ކުރިންނެވެ.

އެ ހުކުމްގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ހުކުމް ނެރުނު ދުވަހުގެ ފަހުން އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ބަދަލުވެއްޖެނަމަ އެވެ.

ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން އިއްވި ހުކުމަށް ރިޔާއަތްކޮށް އިލެކްޝަން ކޮމިޝަނުން ޖުމްލަ 12 މެންބަރުންގެ ގޮނޑި ގެއްލުވާލި އެވެ. އޭގެ ތެރެއިން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ.

ހަތަރު މެންބަރުންގެ މައްސަލާގައި އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރެފައިވާ އެއްވެސް އުސޫލެއް އެ ހުކުމް ނެރުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން ތަތުބީރު ނުވާނެ ކަމަށެވެ. އެހެންވެ، އަމީތާއި ސައުދާއި ލަތީފް އަދި ވައްޑެއަށް އެޅި ސުލޫކީ ފިޔަވަޅަކީ ސައްހަ ސުލޫކީ ފިޔަވަޅެއް ކަމަށް ބެލި ނަމަވެސް، އެ ހުކުމަށް ރިޔާއަތްކޮށް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ސަބަބެއް ކަމަށް ހުކުމްގައި ބުނެފައި އޮތީ، ސުލޫކީ ފިޔަވަޅު އެޅި އަމަލު ކަމަށްވާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމަކީ ހުކުމްގެ ކުރިން ހިނގާފައިވާ އަމަލެއް ކަމަށްވާތީ ކަމަށެވެ. އެ މެންބަރުންނާމެދު އެޅި ފިޔަވަޅުގެ އިޖުރާއަތްތައް ފެށިފައިވަނީ ހުކުމްގެ ކުރިން ކަމަށްވާތީ އެ ހުކުމަށް ރިޔާއަތްކޮށް މެންބަރުންގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށް ބުނެފައިވެ އެވެ.