ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފި އެވެ. އެނގިފައިވާ ގޮތުގައި ރައީސް މައުމޫން ވަޑައިގެންނެވީ މެލޭޝިއާއަށެވެ.
އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާއެކު ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނު ފުރުވުމަށް އާއިލާ ބޭފުޅުންނާއި ތާއިދުކުރާ ބައެއް ބޭފުޅުން ރޭ އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
ރައީސް މައުމޫން ބޭސް ފަރުވާއަށް ފުރާވަޑައިގެންފައިވާއިރު އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި އިއްވާފައިވާ ޖަލު ހުކުމް ވަނީ ހައިިކޯޓުން ބާތިލްކޮށްފަ އެވެ.
އެއާއެކު އެމަނިކުފާނު މިނިވަންވެފައިވީ ނަމަވެސް އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަދިވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.
ޖަލުގައި ރައީސް މައުމޫން ހޭދަ ކުރެއްވި ދުވަސްތަކުގައި އަލާސްކަންފުޅު ގޯސްވެ ޖަލަށް ޑޮކްޓަރުން ވެސް ގެންދަން ޖެހުނެވެ. އެމަނިކުފާނު އާންމުކޮށް ބޭސްފަރުވާއަށް ވަޑައިގަންނަވަނީ މެލޭޝިއާއަށެވެ. ރައީސް މައުމޫންގެ މި ދަތުރުފުޅުގައި ދެ ހަފުތާއެއްހާ ދުވަހު މެލޭޝިއާގައި ހުންނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.