ހަބަރު

ފަޒާދުގެ ގޮނޑި ގެއްލުނު ކަމަށް އެންގި ސިޓީ ބާތިލްކޮށްފި

Oct 23, 2018
3

ޕީޕީއެމްގެ މެންބަރު ކަމުން ފުވަމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަކި ކުރި މައްސަލަ އިލެކްޝަންސް ކޮމިޝަން އިން އަލުން ބަލަން ފަށައިފި އެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމް އިން ފަޒާދު ވަކި ކުރީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ބުނެ މެންބަރު ފަޒާދު އީސީއަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށާއި އެހެންވެ އެ މައްސަލާގައި ކުރިން މަޖިލީހަށް ފޮނުވާފައިވާ ސިޓީ ކެންސަލްކޮށްފައިވާ ކަމަށެވެ.

ފަޒާދު ވަކިކޮށްފައި ވަނީ އިސްތިއުނާފުގެ މަރުހަލާ ވެސް ވަކި ނުކޮށް ކަމަށާއި އެހެންކަމުން އެކަންކަން ބެލުމަށް މައްސަލަ އަލުން ރިވިއު ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވި ފަޒާދު ވަނީ ކެމްޕެއިން ތެރޭގައި އިބްރާހިމް މުހައްމަދު ސޯލިހުއާ ގުޅިވަޑައިގެންފަ އެވެ. އަދި އިބޫގެ ކެމްޕެއިންގައި ފަޒާދު ވެސް ބައިވެރިވި އެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދެއްކެވި އެވެ. ފަޒާދު ޕީޕީއެމް އިން ވަކި ކުރީ އެ މައްސަލާގަ އެވެ.

އެންޓި ޑިފެކްޝަން ގާނޫން އޮންނަ ގޮތުން ޕާޓީ އިން ވަކި ކުރާ ކޮންމެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ގޮނޑި ގެއްލޭނީ އީސީ އިން އެގޮތަށް ކަނޑައަޅާ މަޖިލީހަށް އަންގާ ހިސާބުންނެވެ.