ހަބަރު

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ނުވަތަ ކޮންގްރެސް ޕާޓީ އިލެކްޝަން ކޮމިޝަން (އީސީ) އިން ރަޖިސްޓްރީކޮށްދީފި އެވެ.

މިއަދު އެ ޕާޓީ ރަޖިސްޓްރީކޮށްފައިވާއިރު އެކަމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު މިރޭ 10:00 ގައި އީސީގައި ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.

އެ ޕާޓީ ރަޖިސްޓްރީ ކޮށްދީފައި މިވަނީ އެކަމަށް ލަސް ކުރާ ކަމަށް ބުނެ އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންގެ ފާޑުކިޔުންތައް އީސީއަށް އަމާޒުކޮށްފައި ވަނިކޮށެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުގެ ކުރިން އެ ޕާޓީއިން ހުށަހެޅި ފޯމްތަކުގެ މައްސަލަ ޖެހުނެވެ. އެކަން އެ ޕާޓީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ހަމައަށް ގެންދިޔަ އެވެ. ފަހުން ކުއްލި ގޮތަކަށް އިލެކްޝަން ކޮމިޝަނުން 3،000 މެންބަރުންގެ ސައްހަ ފޯމް ލިބިއްޖެ ކަމަށް ނިންމައި ހުއްދަ ދޫކުރި އެވެ.

ހުއްދަ ދޫކުރުމަށްފަހު ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގަވައިދު އިސްލާހުކޮށްފަ އެވެ. އެ ގަވައިދު އިސްލާހު ކުރީ އާ ޕާޓީއެއް އުފެއްދުމަށް މިހާރު އޮތް ޕާޓީއެއްގެ ވަސީލަތްތަކާއި ޕާޓީގެ ލީޑަޝިޕް ގެއްލޭ ގޮތަށް އަމަލު ކުރާނަމަ ހުއްދަ ބާތިލް ކުރެވޭ ގޮތަށެވެ.

ކޮންގްރެސް ޕާޓީ އުފައްދަނީ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެ ޕާޓީއަށް ގެންގޮސްގެންނެވެ. އެ މައްސަލަ އީސީއިން ބެލި އެވެ. ނަމަވެސް އިއްޔެ ނިންމާފައިވަނީ އެ ކަމުގައި ކޮންގްރެސް ޕާޓީއާމެދު ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ ޕާޓީއިން ވަނީ ޕާޓީ އުފެއްދުމުގެ ގޮތުން ބާއްވާ ޖަލްސާ މި ހަފުތާގެ އާދީއްތަ ދުވަހު ބާއްވާފަ އެވެ. އެ ޖަލްސާގައި ޕާޓީގެ ވަގުތީ ރައީސްއަކަށް ހޮވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީއެއް ކަމަށާއި ފިކުރަކީ ވެސް ރައީސް ޔާމީންގެ ފިކުރު ކަމަށެވެ.