ދުނިޔެ

ނޫސްވެރިޔާ މަރާލި މައްސަލައިގައި ޓްރަމްޕްގެ ނުސީިދާ ތުހުމަތު މުހައްމަދަށް

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ހާދިސާއާ ގުޅިގެން ސައުދީ ރަސްގެފާނުގެ ދަރިކަލުން އަދި ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނުސީދާ ގޮތެއްގައި ތުހުމަތުކުރައްވައިފިއެވެ.

ސައުދީ ސަރުކާރަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝުގްޖީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަަމަށް ސައުދީ ސަރުކާރުން އެއްބަސްވީ އޭގެ ކުރިންް ދެގޮތަކަށް ވާހަކަދެއްކުމަށް ފަހުގައެވެ. އެގޮތުން ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ޚާޝުގްޖީ ގެއްލުނު ކަމަށް ތުރުކީގެ ނޫސްތަކާއި ބައިނަލް އަގުވާމީ ނޫސްތަކުން ބުނުމުން ސައުދީން ފުރަތަމަ އެކަން ދޮގުކުރިއެވެ. އަދި އެއަށް ފަހު އެހާދިސާއާ ބެހޭ ތަފުސީލުތައް ތުރުކީގެ އޮފިޝަލުން ނުރަސްމީކޮށް ދޭން ފެށުމުން ފަހުން އެއްބަސްވީ ކޮންސިއުލޭޓްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެއްބަސްވީ ކޮންސިއުލޭޓްގެ ތެރޭގައި ޚާޝުގްޖީ މަރާލީ ރާވައިގެން ކަމަށެވެ. ނަމަވެސް އޭރުވެސް އޭނާގެ ހަށިގަނޑަށް ވީގޮތެއް ނުބުނެއެވެ.

ޚާޝުގްޖީ މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަންގާރަދުވަހު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕަށް އަމާޒު ކުރި އެއް ސުވާލަކީ ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާގެ ދައުރެއް ވެދާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ކުރި ސުވާލެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެކަމުގައި ސައުދީ ސަރުކާރުގެ އިސްބޭފުޅެއްގެ ބައިވެރިވުން އޮތް ކަމަށް ވާނަމަ އެބޭފުޅަކަށް ވާނީ މުހައްމަދު ކަަމަށެވެ.

" އެތަނުގައި ކަންތައްތައް ހިންގަވަނީ ޕްރިންސް މި ސްޓޭޖްގައި ( ސަރުކާރުގެ މަތީ ހަރުފަތުގައި) އެހެންވީމާ އެ ފެންވަރުގެ ބޭފުޅެއް ބައިވެރިވެވަޑައިގެންކަމަށް ވާނަމަ އެބޭފުޅަކަށް ވާނީ އޭނާ ،" ވޯލްސްޓްރީޓް ޖާނަލްގެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައި ވެއެވެ.