ދުނިޔެ

ޚާޝުގްޖީ ގަތުލު: އެމެރިކާއަށް މުހިންމުވީ އަމިއްލަ މަސްލަހަތު

Nov 24, 2018

އިސްޓަންބުލް (ނޮވެމްބަރު 23) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި އިންސާފަށްވުރެ އެމެރިކާގެ އަމިއްލަ މަސްލަހަތު އިސްކުރާކަމުގެ ތުހުމަތު ތުރުކީ
ސަރުކާރުން ކޮށްފި އެވެ.

ޚާޝުގްޖީ މަރާލި މައްސަލާގައި މުޅި ދުނިޔޭގެ ފާޑިކިޔުން ސައުދީއަށް އަމާޒުވެފައިވަނިކޮށް، އެ ގައުމާ އޮންނަ ގުޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދިފާއު ކުރައްވައިފަ އެވެ.

"ސައުދީ އަކީ ދެގޮތެއްނުވާ އެކުވެރިއެއް އަދި އެމެރިކާގައި ރެކޯޑް އަދަދަކަށް އިންވެސްޓު ކުރަން އެއްބަސްވެފައިވާ ގައުމެއް،" ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

އެކަމާއި ގުޅިގެން، ތުރުކީގެ ހާރިޖީ ވަޒީރު މެވްލޫ ޗާވުޒޯގުލޫ ވިދާޅުވީ، ތަހުގީގީ އިދާރާތާކުން ޚާޝުގްޖީގެ މައްސަލާގައި ކޮންމެ ކަމެއްހާމަ ކުރި ނަމަވެސް، އެ ކަންތައްތައް އެމެރިކާއިން ބަލައިނުގަންނާނެކަމަށް ޓްރަމްޕްގެ ވާހަކަފުޅުތަކުން ސާފުކޮށް ދޭހަވާ ކަމަށެވެ.

އަދި ވިޔަފާރީގެ ފައިދާ، އިންސާނެއްގެ ފުރާނާއަށްވުރެ މުހިންމު ނުވާނެކަމަށް ވެސް، މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ) އިން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، އެކަމަށް އިންކާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ޚާޝުގްޖީ މައްސަލާގައި ސީއައިއޭ އިން 100 ޕަސަންޓް ނިންމުމެއް ނިންމާފައިވާ ނުވާ ކަމަށެވެ.

ސައުދީން އެމެރިކާގައި އިންވެސްޓް ކުރާ ކަމަށް ޓްރަމްޕް އިޝާރާތް ކުރައްވަނީ، އެތަކެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ގަތުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމަށެވެ.

"އަހަރެމެން ވިސްނާނުލާ އެ އެއްބަސްވުންތައް ބާތިލުކޮށްފިނަމަ، އެކަމުގެ ވަރަށް ބޮޑު ފައިދާއެއް ރަޝިޔާ އަދި ޗައިނާ އަށް ލިބޭނެ،" ޓްރަމްޕް އެ ބަޔާނުގައި އިތުރަށް ވިދާޅުވި އެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.