ދުނިޔެ

އެމެރިކާގައި އިންވެސްޓު ކުރާތީ ޓްރަމްޕް، ސައުދީ ދިފާއު ކުރައްވައިފި

Nov 21, 2018
1

ވޮޝިންގްޓަން (ނޮވެމްބަރު 20) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި މުޅި ދުނިޔޭގެ ފާޑިކިޔުން ސައުދީއަށް އަމާޒުވެފައިވަނިކޮށް، އެ ގައުމާ އޮންނަ ގުޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިފާއު ކުރައްވައިފި އެވެ.

"ސައުދީ އަކީ ދެގޮތެއްނުވާ އެކުވެރިއެއް އަދި އެމެރިކާގައި ރެކޯޑް އަދަދަކަށް އިންވެސްޓު ކުރަން އެއްބަސްވެފައިވާ ގައުމެއް،" ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާކަމަށް ތުހުމަތުކުރެވޭއިރު، އެކަމަށް އިޝާރާތް ކުރައްވައި، ޓްރަމްޕް ވަނީ ސީދާ ވަކި އެއްޗެއް ވިދާޅުވަން ދެކޮޅު ހައްދަވައިފަ އެވެ.

"ވަލީ އަހުދަށް ނޫސްވެރިޔާ މަރާލިކަން އެނގިވަޑައިގެންފައި އޮތުން އެކަށީގެންވޭ، ފަހަރުގައި އެމަނިކުފާނަށް އެކަން އެނގިވަޑައިގެންފައި އޮވެދާނެ، ނޫނީ އެކަން ނޭނގިވެސް އޮވެދާނެ،" އެ ބަޔާނުގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާގެ ގުޅުން ގާއިމުވެފައި އޮންނަނީ ސައުދީ ސަރުކާރާ ކަމަށާއި ވަކި ފަރުދެއްގެ މައްޗަށް ނޫން ކަމަށެވެ.

ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ) އިން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، އެކަމަށް އިންކާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ޚާޝުގްޖީ މައްސަލާގައި ސީއައިއޭ އިން 100 ޕަސަންޓް ނިންމުމެއް ނިންމާފައިވާ ނުވާ ކަމަށެވެ.

ސައުދީން އެމެރިކާގައި އިންވެސްޓް ކުރާ ކަމަށް ޓްރަމްޕް އިޝާރާތް ކުރައްވަނީ، އެތަކެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ގަތުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމަށެވެ.

"އަހަރެމެން ވިސްނާނުލާ އެ އެއްބަސްވުންތައް ބާތިލުކޮށްފިނަމަ، އެކަމުގެ ވަރަށް ބޮޑު ފައިދާއެއް ރަޝިޔާ އަދި ޗައިނާ އަށް ލިބޭނެ،" ޓްރަމްޕް އެ ބަޔާނުގައި އިތުރަށް ވިދާޅުވި އެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.