ރައްޔިތުންގެ މަޖިލިސް މިއަދު މިނިވަންވެގެން ދާނެ ކަމަށާއި އެއީ ލިބޭނެ ބޮޑު އުފަލެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު މިހެން ވިދާޅުވިއިރު މިއަދު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެންބަރުންގެ ސޮޔާއެކު މިއަދު ހުށަހަޅަން ވަނީ ނިންމާފަ އެވެ.
މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅުއްވާ އަމީތު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަސީހު އަމިއްލައަށް އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. މަޖިލީހުގައި ހުންނަ މަސީހުގެ ކޮޓަރިން އޭނާގެ ޕާސަނަލް ހުރިހާ އެއްޗެއް ވެސް އިއްޔެ ގެންގޮސްފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިވީ ދުވަސްތަކުގައި ހިނގަމުން ދަނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގައިި މަޖިލިސް ހިންގާއިރު ގަވައިދުން ޖަލްސާތައް ވެސް ނުބާއްވަ އެވެ. އިދިކޮޅު މެންބަރުން ފަހުން ވަނީ މަޖިލިސް ބޮއިކޮޓް ވެސް ކޮށްފަ އެވެ.
މަސީހުގެ ވަކި ކުރުމުގެ މައްސަލާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ވެސް ގަރާރެއް މަޖިލީހަށް ހުށަހަޅާނެ އެވެ. އެ ގަރާރުގައި ވެސް 41 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. އަދި ޕީޕީއެމްގައި އިސްކޮށް އުޅުއްވި ރިޔާޒު ރަޝީދު ރޭ ވަނީ ވަރަށް އަވަހަށް ނަޝީދު މިނިވަން ވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މަޖިލީހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ކަމުގެ މައްސަލަ ހުށަހެޅޭނީ 15 މެންބަރުންގެ ސޮޔާއެކުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އަ އަދަދަށް ސޮއި ހޯދައިގެން މަސީހު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ޕީޕީއެމް އިން ވަނީ އެ އަދަދު 42 އަކަށް ހަދާ ގަވައިދު ބަދަލުކޮށްފަ އެވެ.
މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި 43 މެންބަރުންގެ ސޮޔާއެކު މަސީހު ވަކި ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ހަތަރު މެންބަރުންގެ ގޮނޑި ސަލާމަތްކޮށްފަ އެވެ.