ސުޕްރީމް ކޯޓް

އަލުން ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދޭންޖެހޭ: ފާއިޒު

އިޖުރާއަތްތަކާ ހިލާފަށް ހިންގާފައި ހުރި މައްސަލަތައް އަލުން ރިވިއު ކުރުމުގެ ބާރު ގާނޫނުން ސުޕްރީމް ކޯޓަށް ދޭން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ފާއިޒު މިހެން ވިދާޅުވިއިރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ އޭނާގެ މައްސަލަ އަލުން ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ކުރިން އެ ކޯޓުން ވަނީ އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެފަ އެވެ.

ސުޕްރީމް ކޯޓަށް އެ ކޯޓުގެ ހުކުމްތައް އަލުން ރިވިއު ކުރެވޭނެ ކަމަށް ނުވަތަ ނޫން ކަމަށް ވެސް ގާނޫނުގައި ނެތެވެ. ގާނޫނު އަސާސީގައި އޮތީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމްތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

ފާއިޒު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިއު ޕްރޮސެސްއަށް ނުބެލި ނިމިފައިހުރި މައްސަލަތައް އަލުން ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. ރިވިއު ކުރަން ޖެހޭ މައްސަލަތަކުގެ ތެރޭގައި މަރުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް ފާއިޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިހާތަނަށް ނިންމާފައިވަނީ މަރުގެ ތިން ހުކުމެކެވެ. އެއީ މަރަން ހުކުމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލު ހުސެން ހުމާމް އަހުމަދާއި ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި އަހުމަދު
މުއްރަތާއި 2009 ގައި މަރާލި އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލްގެ މައްސަލަ އެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ރިވިއުކުރުމުގެ ބާރު އެ ކޯޓަށް ނުލިބޭނަމަ އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ ހަވަނަ ނަންބަރުގެ ބޭނުމެއް ނެތެވެ. އެ މާއްދާ އެގޮތަށް ނޯންނާނެ އެވެ. އެ މާއްދާގައި ބުނަނީ މިސްކަރޭޖް އޮފް ޖަސްޓިސް ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުންކޮށްފައިވާ ހުކުމަކަށް ވެއްޖެނަމަ، އެ ހުކުމެއް އައިސްފައިވާ މީހަކަށް ބަދަލު ދިނުން ގާނޫނީ އިމުގެ ތެރެއިން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ.