ހަބަރު

ނޫސްވެރިޔާގެ މަރުގެ ތަހުގީގު ރަނގަޅަށް ކުރާނެކަމުގެ ޔަގީންކަން އެބައޮތް: ރާއްޖެ

ތުރުކީގެ އިސްތަންބޫލްގަައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ހާދިސާގެ ދެފުށް ފެންނަ ފުރިހަމަ ތަހުގީގެއް ސައުދީން ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ރާއްޖޭން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުރިހަމަ ތަހުގީގެއް ކޮށް އެއަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

" ... އެގޮތުން ތަހުގީގަކީ ދެފުށް ފެންނަ އިންސާފުވެރި ތަހުގީގަކަށް ހެދުމަށް ދެހަރަމްގެ ޚާދިމު، ރަސްގެފާން ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔަމެވެ، " ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސައުދީ ސަރުކާރަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝުގްޖީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަަމަށް ސައުދީ ސަރުކާރުން އެއްބަސްވީ އޭގެ ކުރިންް ދެގޮތަކަށް ވާހަކަދެއްކުމަށް ފަހުގަ އެވެ. އެގޮތުން ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ޚާޝުގްޖީ ގެއްލުނު ކަމަށް ތުރުކީގެ ނޫސްތަކާއި ބައިނަލް އަގުވާމީ ނޫސްތަކުން ބުނުމުން ސައުދީން ފުރަތަމަ އެކަން ދޮގުކުރި އެވެ. އަދި އެއަށް ފަހު އެހާދިސާއާ ބެހޭ ތަފުސީލުތައް ތުރުކީގެ އޮފިޝަލުން ނުރަސްމީކޮށް ދޭން ފެށުމުން ފަހުން އެއްބަސްވީ ކޮންސިއުލޭޓްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެއްބަސްވީ ކޮންސިއުލޭޓްގެ ތެރޭގައި ޚާޝުގްޖީ މަރާލީ ރާވައިގެން ކަމަށެވެ. ނަމަވެސް އޭރުވެސް އޭނާގެ ހަށިގަނޑަށް
ވީގޮތެއް ނުބުނެ އެވެ.