ކޮޕާ އެމެރިކާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ދެ ލަނޑުގެ ލީޑެއް ހޯދައިފައިވަނިކޮށް، ދެވަނަ ހާފުގައި ފަހަތުން އަރައި އެއްވަރުކޮށް ޕެރަގުއޭ އިން ވަރުގަދަ އާޖެންޓީނާ އަތުން ޕޮއިންޓެއް ހޯދައިފި އެވެ.
މިިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ދެވަނަ ހޯދި އާޖެންޓީނާ އިން ލީޑު ހޯދީ 29 ވަނަ މިނިޓުގައި ސާޖިއޯ އަގުއޭރޯ ޖެހި ލަނޑުންނެވެ. އަދި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 36 ވަަނަ މިނިޓުގައި ދެވަަނަ ލަނޑު ޖެހީ ކެޕްޓަން ލިއޮނެލް މެސީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ ހަމަލާތައް ހުއްޓުވުމަށް ފުރަތަމަ ހާފުގައި ޕެރަގުއޭ އަށް އުނދަގޫވި އެވެ.
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް އާޖެންޓީނާ އިން ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަަމަވެސް، ދެވަނަ ހާފުގައި ނަތީޖާ ވަނީ ބަދަލުވެފަ އެވެ. މެޗުގެ 60 ވަނަ މިނިޓުގައި ޕެރަގުއޭގެ ފުރަތަމަ ލަނޑު ޖެހީ ނެލްސަން ވަލްޑޭސް އެވެ. އަދި މެޗުގެ ފަހު މިނިޓުގައި ޕެރަުގުއޭގެ ބަރިއޮސް ސަޗޭރަސް ވަނީ ލަނޑެއް ޖަހައި، ޕެރަގުއޭ އަށް މި މެޗުން މުހިންމު ޕޮއިންޓެއް ހޯދައިދީފަ އެވެ.
މި މެޗުގެ ނަތީޖާއާއެކު ގުރޫޕް ބީގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އުރުގުއޭ އެވެ. އުރުގުއޭ ވަނީ ރޭ ކުޅުނު މެޗުގައި ޖެމެއިކާ އަތުން 1-0 އިން މޮޅުވެފަ އެވެ. އާޖެންޓީނާ އާއި ޕެރަގުއޭ އޮތީ އެއް ޕޮއިންޓާއެކު އެވެ.
"އަަހަރެމެންނަށް ކޮންޓުރޯލް ގެއްލުނީ،" މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ގެރާޑޯ މާޓީނޯ ބުންޏެވެ. "ޕެރަގުއޭ އިން ގެނައި ބަދަލުތަކަށް އަހަރެމެންނަށް ރައްދު ނުދެވުނީ. މި މެޗުގައި ގޯސްކޮށް ދިޔަ ކަންތައްތައް ބަލައި، ދެވަނަ މެޗަށް އެކަންތައްތައް ރަނގަޅުކުރަން ޖެހޭ."
އާޖެންޓީނާ މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ. ޕެރަގުއޭއާ ދެކޮޅަށް ނުކުންނާނީ ޖެމެއިކާ އެވެ.
ކޮޕާ އެމެރިކާގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކޮލަމްބިއާ އާއި ވެނެޒުއޭލާ އެވެ. މި މެޗު ފަށާނީ 0000ގަ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި ޕެރޫ އެވެ. މި މެޗު ފަށާނީ ދަންވަރު 2:00ގަ އެވެ. -- ބީބީސީ