ވިޔަފާރި

ބީއެމްއެލްގެ ސީއީއޯ އިނގިރޭސި ފައިނޭންސް ކުންފުންޏަކަށް

Oct 24, 2018
1

ރާއްޖޭގެ ގައުމީ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި އެންޑްރޫ ހީލީ އެ މަގާމު ދޫކޮށްލެއްވުމަށް ފަހު، އިނގިރޭސިވިލާތުގެ ފައިނޭންސް ކުންފުންޏެއް ކަމަށްވާ ލީކް ޔުނައިޓެޑް ކުންފުނީގެ ސީއީއޯ ކަމާ ހަވާލުވާން ނިންމަވައިފި އެވެ.

ޕްރޮޕަޓީ މޯގޭޖް ކުރުމާއި އިންޝުއަރެންސްގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އިނގިރޭސި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ލީކް ޔުނައިޓެޑް ކުންފުނިން ބުނެފައިވާ ގޮތުގައި 51، އަހަރުގެ ތަޖުރިބާކާރު ސީއީއޯ ހީލީ އެ ކުންފުންޏާ ގުޅިވަޑައި ގަންނަވާނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.

އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ގައުމީ ބޭންކާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވެސް ހަމަވާނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

ލީކް ޔުނައިޓެޑް ކުންފުނިން ބުނެފައިވާ ގޮތުގައި ހީލީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ހަވާލުވެވަޑައި ގަންނަވަނީ އެ ކުންފުނީގައި 14 އަހަރު ހިދުމަތް ކުރެއްވި ކެވިން ވިލްސަން އެ މަގާމުން ވަކިވުމާ ގުޅިގެންނެވެ.

ރާއްޖޭގެ ގައުމީ ބޭންކު ހިންގެވުމާ ހީލީ ހަވާލުވަޑައިގަތީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ހީލީ އަކީ ފައިނޭންޝަލް ދާއިރާގައި މަސައްކަތް ކުރާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު ބޭންކަރެކެވެ. އަދި ބޭންކްތަކުގެ ބޯޑާއި ސީއީއޯގެ މަގާމު ފުރުއްވާތާ ވަނީ 10 އަހަރު ވެފަ އެވެ. އޭނާގެ ސީއީއޯ ކަމުގައި ގައުމީ ބޭންކުން ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ.