އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި އެވެ.
ދެ މެންބަރުންގެ މައްސަލަ މިއަދު ވަކިވަކިން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސް އަޑުއެހުންތައް ނިންމާލިއިރު އިތުރު ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ނިންމާލާފަ އެވެ. މާދަމާ ވެސް ދެ މެންބަރެއްގެ ގޮނޑީގެ މައްސަލަ ވަނީ ތާވަލްކޮށްފަ އެވެ.
މެންބަރު މުސްތަފާ އާއި ޝާހްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ ޕީޕީއެމްއިން އެ ދެ މެންބަރުންގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީއިން ވަކިކޮށް އެކަން ކޮމިޝަނަށް އެންގުމުންނެވެ. އެ ސުލޫކީ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން އެންގުމުން އެ ސޮއި ނުނެގުމުންނެވެ. އެ ސޮއި ކުރެއްވީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.
އެ ފިޔަވަޅު މުސްތަފާ އާއި ޝާހްއަށް އެޅީ ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްއިން ވަކިވާން މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ދެ މެންބަރުން ވެސް ސިޓީ ހުށަހެޅުއްވި އެވެ. އަދި އެ ދުވަހު އިލެކްޝަން ކޮމިޝަނަށް އެކަން އަންގައި ސިޓީ ހުށަހެޅުއްވި އެވެ. އެއީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރި އެވެ. އެ ހުކުމް އިއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
މުސްތަފާ އާއި ޝާހްގެ ވަކީލުން ކަމަށްވާ ހިސާން ހުސެއިން އާއި ސަފާ ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މެންބަރަކު ޕާޓީއިން ވަކިވާނެ ގޮތް ކަނޑައަޅަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ކަމަށް ކަނޑައަޅާފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން އެދޭ ހިސާބުން ޕާޓީއިން ވަކިވާނެ އެވެ. އެހެންކަމުން ޖުލައި 10 ވަނަ ދުވަހު ސިޓީ ހުށަހެޅުމާއެކު ދެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރަކަށް ނުވާނެ ކަމަށެވެ.
އެކަން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވެސް އިތުރަށް ސާފުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އެ ހުކުމްތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބަލާއިރު ޕާޓީއިން ވަކިވާން އެދޭ ހިސާބުން އެ މެންބަރެއް ޕާޓީއިން ވަކިވާނެކަން އެނގެން އޮންނަ ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް ރިފްއަތު އަބްދުﷲ އާއި އައިޝަތު ސުމެއިނާ ވިދާޅުވީ މުސްތަފާ އާއި ޝާހް ޕާޓީއިން ވަކިވާން ސިޓީ ހުށަހަޅާފައިވާކަން ކޮމިޝަނަށް އެންގުމުން އެކަން ޕީޕީއެމްއަށް ސިޓީ ފޮނުވައިގެން ސާފުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޖުލައި 13 ވަނަ ދުވަހު ޕީޕީއެމްއިން ވަނީ ދެ މެންބަރުންގެ ސުލޫކީ މައްސަލައެއް އެ ޕާޓީއިން ބަލަމުންދާކަން އަންގާފައި ކަމަށް ވިދާޅުވި އެވެ.
ރިފްއަތު އަބްދުﷲ ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތަށް ދެ މެންބަރުންއާމެދު ސުލޫކީ ފިޔަވަޅު އަޅައި އެކަން އިލެކްޝަން ކޮމިޝަނަށް ޕީޕީއެމްއިން އެންގުމުން އޭނާ ޕާޓީއިން ވަކިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އެންގީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައިވާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރިފްއަތުގެ ވާހަކަ ނިންމަވާލެއްވި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަނީ އިލެކްޝަން ކޮމިޝަނަށް ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތް ކަމުގައި މެންބަރުން ސޮއި ކުރައްވާފައިވަނީ ފްލޯ ކްރޮސިންގެ ހުކުމްގެ ފަހުންތޯ ނުވަތަ ނޫންތޯ އެއްސެވި އެވެ. ވަކީލް ވިދާޅުވީ ސޮއި ކުރެއްވީ އެ ހުކުމްގެ ކުރިން ކަމަށެވެ. އެހެންކަމަށްވީއިރު ފްލޯ ކްރޮސިންގެ އުސޫލުތައް އެ މެންބަރުންގެ މައްޗަށް އެޕްލައިވޭތޯ ކޮމިޝަނުން ބެލިންތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
އިލެކްޝަންގެ ވަކީލް ވިދާޅުވި ގޮތުގައި މެންބަރުންގެ މައްޗަށް ސުލޫކީ ފިޔަވަޅު އެޅީ ސޮއިކޮށްގެން ނޫން ކަމަށާއި އެ ސޮއި ނަގަން އެންގުމުން ނުނެގުމުން ކަމަށެވެ. ސޮއި ނަގަން އެންގީ ފްލޯ ކްރޮސިންގެ ހުކުމްގެ ފަހުން ޖުލައި 17 ވަނަ ދުވަހު ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ. އެހެންކަމުން ފްލޯ ކްރޮސިންގެ އުސޫލުތައް އެޕްލައިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ދެ މެންބަރުންގެ ވަކީލުން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ދެ ފަހަރަށް ޕާޓީއިން މީހަކު ވަކި ނުކުރެވޭނެ އެވެ. ޖުލައި މަހުގެ 10 ވަނަ ދުވަހު ދެ މެންބަރުން ޕާޓީއިން ވަކިވާން ހުށަހެޅުމުން އޭނާ ޕާޓީއިން ވަކިވީ ކަމަށާއި ދެން އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ޕީޕީއެމްއަށް ނުބެލޭނެ ކަމަށެވެ. އަދި، ދެވަނަ ފަހަރަށް ޕީޕީއެމްއަށް ވަނުމަށް އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުކުރާކަން ވެސް ވަކީލުން ފާހަގަކުރެއްވި އެވެ.