ސައުދީ އަރަބިއްޔާއަށް ކުރިމަަތިވެފައިވާ އިގުތިސާދީ މައްސަލަތަކާ އެކުގައި ވެސް ޕާކިސްތާނަށް ހަ ބިލިޔަން ޑޮލަރުދޭން އެގައުމުން ވަައުދުވެއްޖެއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާ ބުނީ ބެލެންސް އޮގް ޕޭމަންޓް ހަމަ ޖައްސަން އެއް އަހަރު ދުވަަހަށް ތިން ބިލިޔަން ޑޮލަރު ދިނުމަށާއި ލޯނެއްގެ ގޮތުގައި އިތުރު ތިން ބިލިޔަން ޑޮލަރު ދިނުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. ސައުދީން ޕާކިސްތާނަށް ފައިސާ ދޭން އެއްބަސްވީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
އިމްރާން ޚާން ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އެގައުމުގެ ވެރިރަށް ރިޔާޒުގައި އަންގާރަދުވަހު ފެށި އިންވެސްޓްމެންޓް ފޯރަމްގައި ބަައިވެރިވެވަޑައިގެންނެވުމަށެވެ. ދަތުރުފުޅުގައި އިމްރާން ޚާން ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދާއި ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާނާ ވެސް ބައްްދަލުކުރައްވާފައެވެ.
"ފިއުޗާ އިންވެސްމެންޓް އިނީޝޭޓިވް 2018"ގެ ނަމުގައި އިއްޔެ ފެށި ފޯރަމްގައި އިމްރާން ޚާން ބައިވެރިވެވަޑައިގެންނެވި އިރު ޔޫރަޕްގެ ގިނަ ގައުމުތަކުންނާއި ބޮޑެތި ކުންފުނިތަކުން ވަނީ އެފޯރަމް ބޮއިކޮޓްކޮށްފައެވެ. އެއީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައިވާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.