ހަބަރު

ސޮއި ކުރި ސަބަބު ހޯދަން ޕީޕީއެމްއިން މެންބަރުންނާ ސުވާލު ކުރަނީ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ މެންބަރުން ސޮއި ކުރެއްވި ސަބަބު ހޯދުމަށް އެ މެންބަރުންނާ ސުވާލު ކުރަން ފަށައިފި އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރެއްވި މެންބަރުންނަކީ ކޮބައިތޯ އާއި އެ މެންބަރުންގެ ހިޔާލު ބަދަލުވީ ކޮން ސަބަބަކާ ހެދިތޯ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މެންބަރުންނާ ބައްދަލުކޮށްގެންނާއި ބައެއް މެންބަރުންނާ ފޯނުން ގުޅައިގެން އޮޅުން ފިލުވަމުން އަންނަ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ މެންބަރުންތައް އެ މައްސަލާގައި ސޮއި ކުރީ ކީއްވެ ކަމެއް، އެހެންވެ ޕާޓީ އިން ދެން އަމަލު ކުރާނެ ގޮތެއް ވެސް އެނގޭނީ އެމެންބަރުންގެ ވިސްނުން ބަދަލުވި ގޮތް ބަލާފައި، އެކަން މިހާރު މި ކުރަނީ، މެންބަރުންނަށް ގުޅާ ވާހަކަދައްކަވަމުން އެބަދަން،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ގިނަ މެންބަރުންގެ ސޮއި ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކުން މިއަދު ދެ ގަރާރެއް މަޖިލީހަށް ވެއްދި އެވެ. އެއީ 49 މެންބަރުން ސޮޔާއެކު ކުރީގެ ރައީސް މުހައްމަދު ރައީސް ނަޝީދުގެ މިނިވަން ކުރުމަށް ގޮވާލި ގަރާރާއި 51 މެންބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް މައްސަލަ އެވެ.

ދެ ގަރާރުގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ރައީސް ޔާމީންއާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހިނެމެ އެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއެކު މަސައްކަތް ކުރެއްވި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އާއި މަޑެވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވެސް ހިމެނެ އެވެ.

ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އޭދަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ދެ ގަރާރުގައި ސޮއި ކުރައްވާފަ އެވެ. އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދު އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކު އެވެ.