އަދިވެސް އިހްލާސްތެރި ވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލާ ގަރާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީން ރަޝީދަކީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އެންމެ ބޮޑަށް ސަރުކާރުގެ ދިފާއުގައި މަސައްކަތް ކުރެއްވި މެންބަރެވެ. އޭނާއަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ ވެސް އަރިސް މަޖިލިސް މެންބަރެކެވެ.
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު ބޮޑު ދެ ގަރާރުގައި ޔާމީން ރަޝީދު ސޮއި ކުރެއްވުމުން ޕީޕީއެމްގެ ބައެއް އާންމު މެންބަރުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް ޔާމީން ރަޝީދު ވިދާޅުވީ ގަރާރެއްގައި ސޮއި ކުރުމާއި އެއަށް ވޯޓު ދިނުމާ އެއީ ވަރަށް ތަފާތު ދެ ކަމެއް ކަމަށެވެ.
"... އެހެންވީމަ ދައްކާ ވާހަކައަށް ފަރުވާތެރިވާތި، އަހަރެންގެ އިހްލާސްތެރިކަން އޮތީ ރައީސް ޔާމީންއާއެކު،" ފާޑުކިޔާ މީހުންނަށް ޔާމީން ރަޝީދު ރައްދު ދެއްވި އެވެ.
ޔާމީން ރަޝީދުގެ އިތުރުން އޭނާއާ އެކުވެރި މަޖިލިސް މެންބަރުން ކަމަށްވާ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އާއި މަޑެވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ދެ ގަރާރުގައި ވެސް ސޮއި ކުރައްވާފަ އެވެ.
ގަރާރުގައި ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވާ އެެއްވެސް މެންބަރެއް ޔާމީން ރަޝީދު ފިޔަވައި އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ޕީޕީއެމްއަށް ނިސްބަތްވާ 14 މެންބަރުން ގަރާރުގައި ސޮއި ކުރައްވާފަ އެވެ. އެ މެންބަރުން އެ ގަރާރުގައި ސޮއި ކުރެއްވި ސަބަބު ޕީޕީއެމްއިން މިހާރު ދަނީ ހޯދަމުންނެވެ.