ހަބަރު

އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބުދުލްގަފޫރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޖަލަށް ލާފައިވާތާ ތިން އަހަރުވެފައިވާ ކަަމަށެވެ. އަދި ހުރިހާ ކުށްވެރިންފަދައިން، އަދީބާ ދޭތެރޭ ވެސް އިންސާނިއްޔަތުކަމާއެކު އަމަލު ކުރަންޖެހޭނެ ކަމަށާއި، ޑޮކްޓަރުން ދީފައިވާ އިރުޝާދުތަކާއެކު، އަދީބަށް ފަރުވާ ލިބިދިނުމަށްޓަކައި ބޭރަށް ފޮނުވަންޖެހޭ ކަމަށެވެ.

ރައީސް މައުމޫން އެމޭރުމުން ޓުވީޓް ކުރައްވާފައިވާއިރު، ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން ފެބްރުއަރީ 5 ވަނަ ދުވަހު ހައްޔަރު ކުރި ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގެން ބޭސް ފަރުވާ އަށް ރައީސް މައުމޫންވެސް މިވަގުތު ހުންނެވީ މެލޭޝިއާގަ އެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ އެތެރެ ހަށީގައި ސިސްޓު އަދި ހިލަަތަކެއް އުފެދި ސިއްހީ ހާލު މާ ބޮޑަށް ގޯސްވެފައިވާ ކަމަށް އޭނާގެ ސީޓީ ސްކޭނުން ދައްކާ ކަމަަށެވެ. އެހެންވެ އަދީބު ގެއަށް ބަދަލުކޮށްދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި އެކަން ކުރެއްވުމަށް އެދޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

އަދީބު ގެއަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާ ދީފައިވާއިރު އޭނާގެ ލޮލަށް ޖެހިފައިވާ ބައްޔަށް ވެސް ފަރުވާ ދިނުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އަދީބު ރާއްޖެއިން ބޭރަށް ފޮނުވާދީ، އެ ބައްޔަށް ފަރުވާ ކުރުމަށް އާއިލާގެ ފަރާތުން އެދިފައިވީ ނަމަވެސް ސަރުކާރުން އެކަމަށް ވަނީ އިންކާރުކޮށް، އަދީބަށް އެ ފުރުސަތު ނުދީފަ އެވެ.

އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.