ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލައްވަން ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"އަށް ހަމަލާދިނުމުގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ލޯންޗްކޮޅު ބޭނުންކުރެއްވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް ވިދާޅުވެއްޖެ އެވެ.
ލޯންޗްކޮޅު މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި އަދީބުގެ ވަކީލް މޫސާ ސިރާޖް ވިދާޅުވީ، ލޯންޗްކޮޅަށް އަދީބު އެރުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް ދައުވާކުރާއިރު، އަދީބަށްވުރެ ފަހުން އެ ލޯންޗްކޮޅު ރައީސް މައުމޫން ބޭނުންކުރައްވާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތަހުގީގަށް ރައީސް މައުމޫނާ ސުވާލު ކުރައްވާފައިނުވުމުން ތަހުގީގު އެއްކޮށް ފުރިހަމަނުވާ ކަމަށެވެ.
އަދީބު ފިނިފެންމާ ލޯންޗްކޮޅު ބޭނުން ކޮށްފައިވަނީ އާރަށަށް މަސް ބާނަން ދިޔުމަށެވެ. ސިރާޖް ވިދާޅުވީ، އޭގެފަހުން ރައީސް މައުމޫން އެ ލޯންޗްކޮޅުގައި ދަތުރުކުރައްވާފައިވާ ކަމަށެވެ.
ލޯންޗްކޮޅު މައްސަލާގައި އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. އަދީބު މިއަދ ވަނީ މި ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ. އަދީބުގެ އިތުރުން އަދީބުގެ ދެ ބޮޑީގާޑުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެއީ، މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހްމަދު އާމިރެވެ. މި ދެ މީހުން ވެސް ވަނީ ޓެރަރިޒަމްގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ދައުލަތުން މިއަދު ވަނީ އަދީބާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ލޯންޗްކޮޅުގައި ގޮއްވާލުމަށް އީއައިޑީ ތައްޔާރުކުރި މީހާ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދީބުގެ ވަކީލް ވިދާޅުވީ، ހެކި ހުށަހެޅޭނީ ހުރިހާ ލިޔެކިޔުންތަކެއް ލިބުމުން ކަމަށެވެ.
ދެން މި މައްސަލާގެ އަޑުއެހުމެއް އޮންނާނީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމުން ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.