ބޭރު ކުޅިވަރު

50 ވަނަ ލަނޑާއެކު ލިވަޕޫލްގެ ސަލާހް ތާރީހުގެ ތެރެއަށް

Oct 25, 2018

ލިވަޕޫލް (އޮކްޓޯބަރު 24) - ރޭ ޗެމްޕިއަންސް ލީގުގައި ރެޑް ސްޓާ ބެލްގްރޭޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ދެ ލަނޑާއެކު، މިސްރުގެ ތަރި މުހައްމަދު ސަލާހް ލިވަޕޫލްގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

މިދިޔަ ސީޒަނުގައި ގިނަ ލަނޑުތަަކެއްޖެހި ނަމަވެސް، މި ސީޒަނުގައި އޭނާގެ ފޯމާމެދު ސުވާލު އުފެދިފައިވަނިކޮށް، ރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށް ސަލާހް ވަނީ ލިވަޕޫލުގެ ތާރީހުގައި އެންމެ އަވަހަށް 50 ގޯލް ޖެހި ކުޅުންތެރިޔާގެ ލަގަބު ހޯދައިފަ އެވެ.

ލިވަޕޫލުން މުޅި މެޗު ކޮންޓްރޯލް ކުރި އިރު، އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފިރުމީނޯ އެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް، ސަލާހް ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްފައި އެވެ. ލިވަޕޫލް ޖޯޒީގައި ސަލާހްގެ 50 ވަނަ ލަނޑު ކާމިޔާބުކުރީ، ސާދިއޯ މާނޭ އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

އޭގެ ފަހުން، މާނޭ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައި އެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ ގްރޫޕް ސީގެ އެއްވަނަ އަށް އަރައިފަ އެވެ.

ގްރޫޕު ސީ ގެ ރޭގެ ކުޅުނު އަނެއް މެޗުގައި، ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ ނެޕޮލީ ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފައި އެވެ.