ފައިނަލުގައި، ޓޮޓެންހަމް ހޮޓްސުޕާސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިދިޔަ އަހަރު، ޔޫކްރޭންގެ ވެރިރަށް ކިއޭވްގައި، ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި، ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވީ ހިތްދަތި ގޮތަކަށެވެ.
އޭގެ އެއް އަހަރު ފަހުން ފައިނަލުގައި މެޑްރިޑްގެ ވަންޑާމެޓްރޯ ޕޮލިޓާނޯ ސްޓޭޑިއަމްގައި ލިވަޕޫލުން ވަނީ ތާރީހީ ބޮޑު ކާމިޔާބެއް ހޯދަފަ އެވެ. ލިވަޕޫލްގެ ކާމިޔާބާއެކު އެ ޓީމު ވެފައި ވަނީ ޗެމްޕިއަންސް ލީގްގެ ތާރީހްގައި ތިން ވަނައަށް އެންމެ ކާމިޔާބު ޓީމަށެވެ.
މިއީ އެ ޓީމުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ. ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމަކީ، ހަތް ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައިވާ އިޓަލީގެ އޭސީ މިލާން އެވެ. ލިވަޕޫލުން ޗެމްޕިއަންސް ލީގް ކާމިޔާބު މި ކުރީ 14 އަހަރަށް ފަހު އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރާ ވަންޑާމެޓްރޯ ޕޮލިޓާނޯ ސްޓޭޑިއަމްގެ މެޗަށް ނިކުތްއިރު، ޓޮޓެންހަމްގެ ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ، އެ ޓީމުގެ ތަރީ ހެރީ ކޭން މެޗަށް ފިޓްވެ އޭނާއަށް ކުޅެވޭ ގޮތް ވުމެވެ. އޭޕްރީލް ނުވަ ވަނަ ދުވަހު ކްއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގައި ކޭންގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވުމުން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ.
ރޭ ގެ ފައިނަލަކީ، ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހްއަށް ހާއްސަ ފައިނަލެކެވެ. މިދިޔަ އަހަރު ފައިނަލުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ސަލާހްއަށް ލިބުނު އަނިޔާއެއްގައި މެޗުގެ ކުރީ ކޮޅު އޭނާ ބަދަލު ކުރަން ޖެހުނެވެ.
ރޭ ގެ މެޗުގައި ލިވަޕޫލަށް އެންމެ ފުރަތަމަ ގޯލް ޖަހައިދިނީ ސަލާހް އެވެ. އޭނާ ލަނޑު ޖެހީ މެޗު ފެށިގެން ދެވަނަ މިނެޓްގައި ލިބުނު ޕެނަލްޓީންނެވެ. މެޗުގައި ފުލުކޮށް އޭނާ ކުޅުނުއިރު އިއްޔަ އޭނާ ހުރީ ރޯދަ އަށެވެ.
ލިވަޕޫލްގެ ދެ ވަނަ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޑިވޯކް އޮރީޖީ އެވެ.