ބޭރު ކުޅިވަރު

މެސީ ނެތަސް ބާސާއަށް ފަސޭހަ މޮޅެއް

Oct 25, 2018

ބާސެލޯނާ (އޮކްޓޯބަރު 24) - ރޭ ޗެމްޕިއަންސް ލީގުގައި، އިންޓާއާއި ދެކޮޅަށް ކުޅުނު މެޗު 0-2 އިން ކާމިޔާބު، މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ 100 ޕަސަންޓް ރެކޯޑް ދަމަހައްޓައިފި އެވެ.

އަނިޔާގެ ސަބަބުން، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނެތި ބާސާ މެޗާއި ކުރިމަތިލި ނަމަވެސް، މެޗުގެ 32 މިނެޓުގައި ލުއިސް ސުއާރޭޒް ނެގި ހިތްގައިމު ހުރަސް، ގޯލްގެ ތެރެއަށް ވައްދާލައި، ބާސާއަށް ލީޑު ނަގައިދިނީ ރަފީނިޔާ އެވެ.

ބާސާގެ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އިންޓާގެ ގޯލްކީޕަރުގެ ގިނަ ސޭވް ތަކާއެކު، ނަތީޖާ ހަމަހަމަ ކުރުމުގެ ފުރުސަތު އިންޓާއަށް އޮތެވެ.

ނަމަވެސް، މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، އިވާން ރެކިޓީޗް ނެގި ހުރަހަކުން، ޖޯޑީ އެލްބާ ވަނީ، ބާސާއަށް މެޗު ކަށަވަރުކޮށްދީފައި އެވެ.

މެޗުން ބަލިވި ނަމަވެސް، އިންޓާ އަދިވެސް އޮތީ ހަ ޕޮއިންޓާއެކު ގްރޫޕު ބީ ގެ ދެވަނައިގަ އެވެ. ރޭ ކުޅުނު އަނެއް މަޗުގައި، ޕީއެސްވީ އާއި ޓޮޓެންހަމް ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެ ނަތީޖާއާއެކު ދެ ޓީމަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބާސާ ގްރޫޕުގެ ކުރީގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ.