ހަބަރު

މުއައްސަސާތަކުން ހެދި ގޯސްތައް ބަލައި، ރިފޯމް ކުރަން ޖެހޭ: ފާރިސް

ދައުލަތުގެ ބޮޑެތި އިދާރާތަށް ބޭނުންކޮށްގެން ސިޔާސީ ގޮތުން މި ސަރުކާރުން ހަދާފައިވާ ގޯސްތައް އިބްރާހިމް މުހައްމަދު ސޯލިިހު (އިބޫ)ގެ ސަރުކާރުން ބަލަންޖެހޭނެ ކަމަށާއި އެ ކަންކަން ދޫކޮށްލައިގެންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވާއިދާ ހިލާފަށް ފާރިސް ބޭނުންކޮށްފައިވާ ކަމަށް ބުނެ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލް ކުރުމާއި ގުޅިގެން ފާރިސް ވިދާޅުވީ، އިސްލާހީ މަސައްކަތުގައި އިންސާފު ލިބެން ގިނަ މަސްތަކެއް ހޭދަވެއްޖެ ކަމަށެވެ. ފާރިސް ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި އޭނާ އާއި ސިޔާސީ އެހެނިހެން ފަރާތްތަކާއި މެދު ބޮޑެތި ތުހުމަތުތަކެއްކޮށް، އެކި ގޮތްގޮތަށް ތަޅުވާފައިވާ ކަމަށެވެ.

"މިކަންކަން ކުރުވީ ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުވަން އަޅުގަނޑުމެން ފެށި މަސައްކަތާއި ގުޅިގެން އެކަންތައް ހުއްޓުވަން. މިހާރު ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް ސާބިތު ކޮށްދެވިއްޖެ އެކަންތަކެއްވެސް ނުހުއްޓުވޭނެކަން. އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވި ކެރިގެން އެކަންކަން ބަދަލުކުރަން ނިކުމެވަޑައިގަތް އެތައް ބައިވަރު ބޭފުޅުންނެއް. ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން،" ފާރިސް ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށްވެސް އަދި އެހެން ބޭފުޅުންގެ މައްޗަށްވެސް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެން އެއްވެސް ކަމަކީ، ތުހުމަތެއް ބިނާ ކުރެވޭނެ ފަދަ އެއްވެސް ހެއްކެތް ގަރީނާއެއް އޮވެގެން ކޮށްފައިވާ ތުހުމަތުތަކެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަންކަން ވަރަށް ގާތުން ބަލަންޖެހޭ ކަމަށާއި، ދެން އުފެދިގެން އަންނަ ސަރުކާރުންވެސް އެކަންކަން ހިންގިގޮތް ރަނގަޅަށް ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

"ފުލުސް އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެބޭބޭފުޅުންގެ ތެރޭގައި ކަންތައްތަކެއް ހިގައިފި. ސިޔާސީ ނުފޫޒު ވަދެގެން ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށްޓަކައި، ދައުލަތުގެ ބޮޑެތި މުއައްސަސާތަށް ބައިވެރިކުރުވައިގެން މިއޮތީ މިހާހިސާބަށް ކަންކަން ގެނެސްފައި." ފާރިސް ވިދާޅުވި އެވެ.

މީގެ އިތުރުން ފާރިސް ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، އެ ސަރުކާރެއްގެ ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ދައުލަތުގެ ފުލުހުންނާއި، ޕީޖީ އާއި ކޯޓުތަށް ބޭނުންކުރާތަން ބަލަން ބޭނުން ނުވާކަަމަށެވެ. އަދި އޭނާ އާއި އެއްކޮޅަށް ހުކުމެއް އަޔަސް އެކަންކަން ރަނގަޅުވީކަމަށް ނުދެކޭ ކަމަށާއި، ހުރިހާތަނެއްވެސް ރިފޯމް ކުރަންޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ.