ދުނިޔެ

ޚާޝުގްޖީގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: މުހައްމަދު

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އެގައުމުގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ޚާޝުގްޖީ މަރާލި ހާދިސާއާ ގުޅިގެން ބައިނަލް އަގުވާމީ މުޖުތަމައުގެ ފާޑުކިއުން ވަރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ އަދި ބައެއް ފަރާތްތަކުގެ ތުހުމަތުގެ އިނގިލިތައް ވެސް އަމާޒުވެފައިވާ އަމީރު މުހައްމަދުު ޚާޝުގްޖީގެ މަރާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. އަލްޖަޒީރާ ބުނީ ޚާޝުގްޖީގެ މަރާ ބެހޭ ގޮތުުން މުހައްމަދު ވާހަކަފުޅު ދެއްކެވީ ވެރިރަށް ރިޔާޒުގައި މިހާރު ކުރިއަށްދާ އިންވެސްޓްމެންޓް ފޯރަމްގައި ކަމަށެވެ.

"ފިއުޗާ އިންވެސްޓްމެންޓް އިނިޝޭޓިވް" ގެ ނަމުގައިި ބާއްވާ އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވިދާޅުވީ ޚާޝުގްޖީގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނީ ތުރުކީގެ އެހީގައި ކަމަށެވެ. އެއާ އެކު އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޚާޝުގްޖީ ގަތުލުކުރި ހާދިސާގެ ބޭނުންކޮށްގެން ތުރުކީ އާއި ސައުދީއާ ދެމެދު އޮތް ގުޅުން ކިލަނބު ކުރަން ބަޔަކު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑު އެމީހުންނަށް މެސެޖެއް ދޭން ބޭނުން. ކަލޭމެންނަކަށް ތިޔަކަމެއް ނުކުރެވޭނެ އަހަރެމެންގެ ސަލްމާން ބިން އަބުދުލް އަޒީރު ނަމަކަށް ކިޔާ ރަސްކަލަކާއި މުހައްމަދު ބިން ސަލްމާން ނަމަކަށް ކިޔާ ވަލީ އަހުދެއް އަދި ތުރުކީގެ ރައީސް އަކަށް ރަޖަބް ތައްޔިބު އުރުދުޣާން ހުންނެވިހައި ދުވަހަކު،" މުހައްްމަދު ވިދާޅުވި ކަމަށް އަލްޖަޒީރާގެ ރިޕޯޓުގައި ވެއެވެ.