12 މެންބަރުންގެ މައްސަލަ

ޝަހުދީ އާއި މުހަންމާގެ ގޮނޑީ މައްސަލާގެ ހުކުމަށް ތައްޔާރުވެއްޖެ

އިލެކްޝަން ކޮމިޝަން، އީސީއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިިވާތީ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، މުހަންމާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ހުކުމް އިއްވުމަށް ތައްޔާރުވެއްޖެ އެވެ.

ދެ މެންބަރުންގެ މައްސަލަ މިއަދު ވަކިވަކިން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސް އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.

މެންބަރު ޝަހުދީ އާއި މުހަންމާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ ޕީޕީއެމްއިން އެ ދެ މެންބަރުންގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީއިން ވަކިކޮށް އެކަން ކޮމިޝަނަށް އެންގުމުންނެވެ. އެ ސުލޫކީ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން އެންގުމުން އެ ސޮއި ނުނެގުމުންނެވެ. އެ ސޮއި ކުރެއްވީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.

އެ ފިޔަވަޅު މެންބަރު ޝަހުދީ އާއި މުހަންމާއަށް އެޅީ ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްއިން ވަކިވާން މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މުހަންމާ ޕީޕީއެމްއަށް ސިޓީ ހުށަހަޅައި އެކަން އިލެކްޝަން ކޮމިޝަނަށް އެންގި އެވެ. ޝަހުދީ ޕީޕީއެމްއިން ވަކިވާން ސިޓީ ހުށަހެޅުއްވީ ޖުލައި ހަތްވަނަ ދުވަހު އެވެ. އެކަން އިލެކްޝަން ކޮމިޝަނަށް ވެސް އެންގި އެވެ. އެއީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރި އެވެ. އެ ހުކުމް އިއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

މެންބަރުންގެ ވަކީލް ހިސާން ހުސެއިން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މެންބަރަކު ޕާޓީއިން ވަކިވާނެ ގޮތް ކަނޑައަޅަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ކަމަށް ކަނޑައަޅާފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން އެދޭ ހިސާބުން ޕާޓީއިން ވަކިވާނެ އެވެ. އެހެންކަމުން ޖުލައި 10 ވަނަ ދުވަހު ސިޓީ ހުށަހެޅުމާއެކު ދެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރަކަށް ނުވާނެ ކަމަށެވެ.

އެކަން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވެސް އިތުރަށް ސާފުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އެ ހުކުމްތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބަލާއިރު ޕާޓީއިން ވަކިވާން އެދޭ ހިސާބުން އެ މެންބަރެއް ޕާޓީއިން ވަކިވާނެކަން އެނގެން އޮންނަ ކަމަށެވެ.

މީގެއިތުރުން ފްލޯ ކްރޮސިންއާ ގުޅޭ ސުޕްރީމް ކޯޓުގެ ހުކުމުން އެންމެ ބޮޑަށް ސާފުވާ ކަމަކީ އެ ހުކުމްގައިވާ އުސޫލުތައް މާޒީއަށް ރުޖޫއަނުވާނެކަން ކަމަށާއި މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރައްވާފައިވަނީ ވެސް އެ ހުކުމްގެ ކުރިން ކަމަށް ހިސާން ފާހަގަކުރެއްވި އެވެ. އެހެންކަމުން ސުލޫކީ ފިޔަވަޅަކީ ސައްހަ ފިޔަވަޅެއް ކަމަށް ބަހުސްގެ ބޭނުމަށް ބެލި ކަމުގައި ވިޔަސް ގޮނޑި ގެއްލޭ އުސޫލު އެ މެންބަރުންގެ މައްޗަށް އެޕްލައި ނުވާނެ ކަމަށެވެ. އެންޓި ޑިފެކްޝަން ގާނޫނުގައި ވެސް ބުނެފައިވަނީ އެ ގާނޫނު ހިނގާނީ 13 ޖުލައި ފަހުން ހިނގާ ކަންކަމުގެ މައްޗަށް ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ފަރާތުން ވަޑައިގެންނެވި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަކަރިއްޔާ، މެންބަރުންގެ ވަކީލުން ފާހަގަ ކުރެއްވި ކަންކަމަށް ރައްދު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް މެންބަރުންގެ މައްސަލާގައި ކަން ހިނގި ގޮތް ވަނީ ސާފުކޮށް ދެއްވާފަ އެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މެންބަރުން ޕާޓީއިން ވަކިވާން ހުށަހަޅައި އެކަން އިލެކްޝަން ކޮމިޝަނަށް އެންގުމުން އެ މެންބަރުން ޕާޓީއިން ވަކިވުމުގެ ކަންކަން ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ސިޓީއަކުން ޖުލައި 12 ވަނަ ދުވަހު އަންގާފައިވާނެ އެވެ. އެގޮތަށް އެންގި ފަހުން މެންބަރުންގެ ގޮނޑި ގެއްލޭނެ އާ އުސޫލުތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅިކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތަށް ދެ މެންބަރުންއާމެދު ސުލޫކީ ފިޔަވަޅު އަޅައި އެކަން އިލެކްޝަން ކޮމިޝަނަށް ޕީޕީއެމްއިން އެންގީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. ޕާޓީގެ ދަފުތަރުން ދެ މެންބަރުންގެ ނަން އުނިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އެންގީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އަދި ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައިވާނެ ކަމަށެވެ.

ފަހު ބަހެއްގެ ގޮތުގައި ވާހަކަ ދައްކަވަން ދެއްވި ފުރުސަތުގައި ހިސާން ހުސެއިން ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތުގެ މަތިން ޕާޓީއިން ވަކިވާން ހުށަހެޅުމަށްފަހު ދެން އިތުރަށް ޕާޓީއާ ގުޅިގެން ކުރަންޖެހޭނެ ނުވަތަ ފުރިހަމަ ކުރަން ޖެހޭނެ އިޖުރާއަތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ދެ މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގަތެވެ.

ފަހު އެއްޗެއް ވިދާޅުވާން ދެއްވި ފުރުސަތުގައި އިލެކްޝަންގެ ހަސަން ޒަކަރިއްޔާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެ މައްސަލާގައި ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ޝަހުދީ އާއި މުހަންމާގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލިއިރު މީގެކުރިން ވަނީ ހަ މެންބަރުންގެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފަ އެވެ. އެ އަށް މެންބަރުންގެ ގޮނޑީގެ މައްސަލާގައި އަންނަ ހަފުތާ ހުކުމް ކުރާނެ ކަމަށްވެ އެވެ.