ދުނިޔެ

އެމެރިކާއާ ޗައިނާއާ ދެމެދު ކުރިއަށް އޮތް 15 އަހަރު ތެރޭގައި ހަނގުރާމަ ފެށިދާނެ

އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށް އޮތް 15 އަހަރުދުވަހުގެ ތެރޭގައި ހަނގުރާމައެއް ފެށުމަކީ ވެދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމެއް ކަމަށް އެމެރިކާގެ ކުރީގެ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ފައުޖުތަކުގެ ކުރީގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ބެން ހޮޖަސް މިމޭރުމުން ވާހަކަދެއްކެވީ ޕޮލެންޑްގެ ވެރިރަށް ވާސޯގައި ދެދުވަހަށް ކުރިއަށް ދިޔަ " ވާސޯ ސެކިއުރިޓީ ފޯރަމް"ގަ އެވެ. އެ ފޯރަމްއަކީ މެދުތެރޭ ޔޫރަޕްގެ އަސްކަރީ އަދި ސިޔާސީ ލީޑަރުން ބައިވެރިވަޑައިގަަންވާ ފޯރަމެކެވެ.

ފޯރަމްގައި އޭނާ ވިދާޅުވީ ޔޫރަޕްގައި އެމެރިކާއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ޕެސިފިކް ކަނޑުގައި ޗައިނާގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުގެ ކަންތައްތައް ހަމަޖައްސާނެ ގާބިލުކަމެއް އެމެރިކާގެ ނެތް ކަމަަށެވެ.

"ވަރަށް ވަރުގަދަ ޔޫރަޕްގެ ތަނބެއް ޔުނައިޓެޑް ސްޓޭޓްސް އަށް ބޭނުންވޭ. އަހަރެން ދެކޭ ގޮތުގައި 15 އަހަރުގެ ތެރޭގައި އެއީ ނުވާނެ ކަމެއް ނޫން. ވަރަށް ބޮޑަށް ބެލެވޭ އަހަރެމެން ތިބޭނީ ޗައިނާއާ ހަނގުރާމަކުރަން ކަމަށް،" ހޮޖަސް ވިދާޅުވިކަމަށް ސްކައި ނިއުސްގެ ރިޕޯޓުގައި ވެއެވެ.

ޔޫރަޕްގެ ހާލަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހޮޖަސް ވިދާޅުވީ ރަޝިޔާގެ ބާރު ގަދަވަމުން އަންނަ އިރު އެގައުމުން ކުރިމަތިކުރާ ނުރައްކާތަކުން ދިފާއުވުމަށް ޔޫރަޕްގެ ގައުމުތަކުން އިތުރު މަސައްކަތް ކުުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގުތިސާދު އޮންނަ ޗައިނާއާއި އެމެރިކާއާއި ދެމެދު ވިޔަފާރީގެ ދާއިރާގައި މިހާރުވެސް ވަރަށް ބޮޑު ވާދަވެރިކަމެއް އެބަ އޮތެވެ. އެ ވާދަވެރިކަން ފަހަކަށް އައިސް ބަދަލުވެފައި ވަނީ ވިޔަފާރީގެ ފިނި ހަނގުރާމައަކަށެވެ.