ރައްޔިތުން މަޖިލީިހުގެ ރައީސް އަބުދުﷲ މަސީހް ހަމައެކަނި ހަވާލުކުރެއްވި މަސައްކަތަކީ މަޖިލީހުގެ ރިޔާސަތު އުސްކޮށް، ވަށައިގެން ފެންސެއް ޖެހުމަށް ކަމަށާއި އެކަން ވަރަށް ފުރިހަމައަށް ކޮށްފައިވާނެ ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސަ މަނިކް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރިޔާސަތު ކުރިޔަށް ވުރެ އުސްކޮށް، ރިޔާސަތު ވަަށައިގެން ފިލައިން ހަދާފައިވާ އުސް ފެންސެއް ޖަހާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. މަޖިލީހުގެ ޗެމްބަރަށް އެ ބަދަލު ގެނައީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އަޅައި ސިފައިން މެދުވެރިކޮށްގެން މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ދުވަސްކޮޅަކަށްފަހު އެވެ.
ރައްޔިތުން މަޖިލީިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫސަ ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މީގެ ކުރިން ނޫޅުއްވީ ގާނޫނުތަކުން އެބާރު އޭނާ އަށް ލިބިފައިނުވާތީ ކަމަށާއި އެބާރު އޭނާއަށް ލިބިގެން ދިޔައީ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހްގެ އިތްބާރުނެތް މައްސަލަ އިއްޔެ މަޖިލީހަށް ވެއްދުމާއި ގުޅިގެން ކަމަށެވެ. މީގެ ކުރިން ރައްޔިތުން މަޖިލީހުގައި އޭނާ ކުރަން ޖެހޭ ކަމަކަށް އޮންނަނީ، ހަމައެކަނި މަޖިލީހުގެ ރައީސް ހަވާލު ކުރާ ކަމެއް އެގޮތަށް ކުރުން ކަމަޑށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، މަޖިލީހުގެ ރައީސަކަށް އަބްދުﷲ ޝާހިދު ހުންނެވިއިރު އެ މަޖިލީހުގެ އިދާރީ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ މަޖިލީހުގެ އޭރުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ކަމަށްވީ ނަމަވެސް އޭނާއާ އެފަދަ މަސްއޫލިއްޔަތެއް މަސީހު ހަވާލު ކުރައްވާފައި ނުވާ ކަމަށް މޫސަ ވިދާޅުވި އެވެ.
"މަޖިލީހުގެ އެންމެ ކަމެއް އަޅުގަނޑާ ހަވާލު ކުރެއްވީ، އެކަން އަޅުގަނޑު ކުރިން، އެއީ ރިޔާސަތުގައި ވަށައިގެން ތަންކޮޅެއް ބޮޑަށް ފެންސް ޖަހައި ރަނގަޅުކޮށްލުން، އެކަން އޮންނާނީ ހަވާލު ކުރި ގޮތަށް އަޅުގަނޑު އޮންނާނީ ކުރައްވާފަ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، މިއަދު ޖަލްސާތައް ބޭއްވުމަށް އޭނައަށް ހައިސިއްޔަތު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ، ޖަލްސާތައް ބޭއްވުމަށް ހަވާލުކުރެވުނު ހިސާބުން ފެށިގެން މަޖިލީހުގެ އިދާރާގެ އިސް މުވައްޒަފުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކަންކަން ރަނގަޅަސް ގެންދިއުމަށާއި މެންބަރުންނަށް ކަންކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް ކޮށްދެއްވާފައިވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، މަޖިލިސް މިހާރު އޮތީ ވަރަށް ބޮޑަށް ނިކަމެތިވެފަ ކަމަށާއި އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށެވެ. އަދި މަޖިލިސް މިފަދަ ހާލަތެއްގައި އޮތް ދުވަސް ވަރެއް މޫސަގެ މަޖިލީހުގެ ހަޔާތުގައި ނުދެކޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހަކީ މިހެން ވެގެންވާނެ ތަނެއް ނޫން، އަޅުގަނޑު ވެސް މަޖިލީހުގައި 15 ވަރަކަށް އަހަރު މި ހޭދަވަނީ، މިކަހަލަ ދުވަސްތަކެއް އަޅުގަނޑެއް ވެސް ނުދެކެން، އަޅުގަނޑު ވެސް މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ހިތްދަތިވޭ،" މޫސަ ވިދާޅުވި އެވެ.
ދެމަސް ދުވަހަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމަށްފަހު އަންނަ އާދިއްތަ ދުވަހު ޖަލްސާ ބޭއްވުމަށް މޫސަ މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެ ޖަލްސާގައި އަންނަ މަހުގެ 11 ވަނަ ދުވަހު އިބޫ ހުވާ ކުރެއްވުމާއި ގުޅޭގޮތުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ގަރާރާ މެދު ގޮތެއް ނިންމާނެ އެވެ. އަދި އެންޓި ޑިފެކްޝަން ބިލުގެ އިތުރުން އަބުރުގެ ގާނޫނު އުވާލުމުގެ ބިލްގެ މައްސަލަތައް އެޖެންޑާ ކުރުމަށް ނިންމާފައި ވެއެވެ.
އަންނަ އާދިއްތަ ދުވަހަށް ޖަލްސާތައް ފަށަން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް އަބުދުﷲ މަސީހްގެ އިތުބާރުނެތް މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އަދި އެމައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ. މޫސަ ވަނީ އެމައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް މަޖިލީހުގެ އެހެން ޖަލްސާތައް ބޭއްވުމަށް އެއްވެސް ހުރަހެއްނެތް ކަމަށް ވިދާޅުވެފަ އެވެ.