ރީކޯ މޫސާ މަނިކު

ރީކޯ މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވައްދައިފި

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ 15 މެންބަރެއްގެ ސޮޔާއެކު އެވެ. މި މައްސަލަ ވެއްދި އިރު އެ މައްސަލަ ވައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި އޮންނަތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.

ރީކޯ މޫސާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މައްސަލަ ވައްދާފައި މިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށެވެ.

މޫސަގެ މައްސަލަ ވެސް މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު އެމްޑީޕީ އަދި ޕީޕީއެމްގެ ބައެއް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ގުޅިގެންނެވެ.

އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު ސަރުކާރަށް ނިސްބަތްވާ މެންބަރުން ގެންދަވަނީ އެކަމަކީ ވެރިކަމުގެ ބޭނުމުގައި ހަސަދަވެރިވެގެން ކުރާ ކަމެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އެއީ، މަޖިލީހުގެ ރައީސްކަން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހަށް އަދި އެ މަޖިލީހުގެ ނައިބު ރައީސަކަން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއަށް ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް ވެސް ބުނެ އެވެ.

މަސީހުގެ މައްޗަށް ނަގާ ވޯޓާއި މޫސަގެ މައްޗަށް ވޯޓް ނަގަން ރާވާ ކަމަށް ވިދާޅުވެ މޫސަ މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން ނުރަނގަޅު ގޮތުގައި ހައްދުފަހަނަ އަޅައިގެން ދަނީ ވަކި ބަޔަކު ބޭނުންވާ އަމިއްލަ ފައިދާތައް ހޯދުމުގެ ބޭނުމުގައި ކުރާ ކަންތަކުގެ ސަބަބުން ކަމަށާއި އެގޮތުން މަޖިލިސް މެންބަރު ފާރިސް މައުމޫނަށް މަޖިލީހުގެ ނައިބު ރައީސް ކަން ނުލިބުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގައި ރިޔާސީ ކެންޑިޑޭޓަކަށް ވާދަ ކުރެވޭނެ ގޮތެއް ނެތުން ހިމެނޭ ކަމަށެވެ.

މޫސަ ވިދާޅުވީ އެކަންކަން ހާސިލު ކުރުމަށް މަޖިލީހުގެ ތެރެއިން ބާރުތައް ހޯދަން އުޅުނު ނަމަވެސް މަޖިލީހުގެ ތެރޭގައި މަސައްކަތްތައް ހިނގަނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށާއި އެކަން ހުއްޓުވުމަށް ބިރު ދައްކައިގެން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ބިރުދައްކައިގެނެއް އެއްވެސް ކަމެއް ނުކުރެވޭނެ. ވަކި ފަރާތަކުން ކުރަން އުޅޭ ކަމަކަށް ވޯޓު ހަމަ ނުވުމަކީ އަޅުގަނޑު ބިރު ދައްކައިގެން މަޖުބޫރު ކޮށްގެން ކަންކަން ކުރަން ޖެހޭނެ ކަމެއް ނޫން. އެކަން ކުރަން ހިޔާލު ކުރުމަކީ ވެސް މޮޔަ ކަމެއް. އެކަމަކަށް އެއްވެސް ވަރަކަށް އަޅުގަނޑެއް ފަހަތަަކަށް ނުޖެހޭނަން،" މޫސަ ވިދާޅުވި އެވެ.