ދުނިޔެ

ލަންކާގެ ސަރުކާރު ފުރޮޅެން ހިނދުކޮޅެއް، މިވީ ކިހިނެއް؟

ސްރީލަންކާގެ ސިޔާސީ މަޝްރަހުގައި ހުކުރު ދުވަހު ހިނގި ކަންތައްތަކަކީ ގިނަ ބަަޔަކަށް ބަލައިގަންނަން އުނދަގޫ ކަމަކަށް ވާނެ އެވެ. ނަމަވެސް އެކަން އެހެން ހިނގާނެކަމަށް ލަންކާގެ ސިޔާސީ މަޝްރަހު ބަލަމުން އައި ފަރާތްތަކުން ތިބީ ޔަގީންކޮށްގެނެވެ. ބަލައި ނުގަނެވޭ ކަމަކަށް އެކަން ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ބޮޑުވަޒީރުކަން ތަބަކަށް ލައްވާފައި ދެއްވި ބޭފުޅާއަކީ ރާޖަޕަކްސާ ބަލިކުރަން ލަންކާގެ ޕާޓީތަކުން ނެރުނު ބޭފުޅެއް ކަމަށް ވުމުންނެވެ.

ރައީސް މައިތިރިޕާލާ ސިރިސޭނާ އެމަގާމަށް އިންތިހާބުވީ 2015 ވަަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅުޕާޓީތަކުން ނެރުނު އެއް ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުންނެވެ. ރާޖަޕަކްސާ ސަރުކާރަށް ކުރަމުން ދިޔަ ޚިޔާނާތާއި ފަސާދައިގެ ތުހުމަތު ތަކާ އެކު އޭނާގެ ވެރިކަން ނިންމަން ލަންކާ އިދިކޮޅު ފަރާތްތަކުން ގަދަ މަސައްކަތްކުރަމުން ދިޔައިރު ސިރިސޭނާ ހުންނެވީ ރާޖަޕަކްސާ ސަރުކާރުގެ ހެލްތު މިނިސްޓަރަކަށެވެ. އޭރުގައި އެންމެ ވަރުގަދަ އިދިކޮޅު ޕާޓީއަކީ އިއްޔެއާ ހަމައަށް ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްސަމަ ސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ ( ޔޫއެންޕީ) އެވެ. ސިރިސޭނާ ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި ރާޖަޕަކްސާއާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.

އޭރުގައި ލަންކާގެ އިދިކޮޅު ފަރާތްތައް އެއް ގަލަކަށް އަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރި އަވަށްޓެރި އިންޑިއާއިންނެވެ. އެގޮތުން ލަންކާގައި އޭރު ހުންނެވި އިންޑިއާގެ ސަފީރު އެކަމުގައި މުހިއްމު ދައުރެއް އަދާކުރިކަން އޭރުމެ ވަނީ ހާމަވެފަ އެވެ. ނަމަވެސް އިންޑިއާއިން އެކަމަށް އިއުތިރާފެއް ނުވެ އެވެ. ނަމަވެސް އިއްޔެގައި ލަންކާގެ ގުޅިފައިވާ ސަރުކާރު ރޫޅި ރާޖަޕަކްސާއަށް ބާރު ލިބިވަޑައިގެންނެވުމުގެ އެއް ސަބަބަށް ވެސް ވެފައި ވަނީ އިންޑިއާ އެވެ. ލަންކާގެ ސިޔާސީ މަޝްރަހު ދިރާސާކޮށް، އިންޑިއާގެ ދަ ހިންދޫ ނޫހުން ހޮނިހިރު ދުވަހު ޝާއިއުުކުރި ރިޕޯޓެއްގައި ލަންކާ ސަރުކާރު ރޫޅެން މެދުވެރިވި ބައެއް ކަންތައްތައް ފާހަގަކުރި އެވެ.

ރަނިލްއާއި މޯދީގެ ބައްދަލުވުން

ސިރިސޭނާގެ އަރިސް މަސްދަރުތަކާ ހަވާލާދީ ދަ ހިންދޫ ނޫހުގެ ރިޕޯޓުގައި ބުނެފައި ވަނީ ގުޅިފައިވާ ސަރުކާރު ރޫޅެން ފެށީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންޑިއާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރެއްވުމަަށް ފަހު ވަރުގަދަ ބަޔާނެއް ނެރުއްވުމުން ކަމަށެވެ.

މިއޮކްޓޯބަރުމަހުގެ 20 ވަނަ ދުވަަހު ނެރުނު އެ ބަޔާނުގައި ރަނިލް ސީދާ ގޮތެއްގައި ވިދާޅުވެފައި ވަނީ ލަަންކާގައި އިންޑިއާއިން ހިންގާ މަޝްރޫއުތައް ލަސްވަނީ ރައީސް ސިރިސޭނާގެ ސަބަބުން ކަމަށެވެ. ދަ ހިންދޫއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައިވާ ގޮތުގައި ރަނިލް އެ ބަޔާން ނެރުއްވީ ރައީސްއާ މަޝްވަރާ ނުުކުރައްވައެވެ. އެކަމާ އިންޑިއާ ސަރުކާރުންވެސް ހައިރާންވިއެވެ.

މިދިޔަ ބުރާސްފަތިދުވަހުވެސް ވަނީ ސިރިސޭނާ ކޯފާވާ ފަދަ ކަމެއް ހިނގާފައެވެ. އެގޮތުން އެގައުމުގެ ސުޕްރީމްކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ސިރިސޭނާ ފޮނުއްވި ނަންތައް ކޮންސްޓިޓިއުޝަނަލް ކައުންސިލުން ވަނ ބަލައިނުގެންފައެވެ.

ސިރިސޭނާ އަވަހާރަކޮށްލަން ރޭވުން

ހުކުރުދުވަހު ލަންކާ ފުލުހުން މީޑިއާއަށް މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި މައުލޫމާތު ދިނީ ރައީސް ސިރިސޭނާ އަވަހާރަކޮށްލަން ބަޔަކު މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައެއްގެ މައުލޫމާތެވެ. މިދިޔަ ހަފުތާގައި ކެބިނެޓް ބައްދަލުވުން ހޫނުވީ އެ މައްސަލައާ ހެދިއެވެ. އެ ބައްދަލުވުމުގައި ސިރިސޭނާ ތުހުމަތު ކުރެއްްވީ އިންޑިއާގެ ޖާސޫސީ އިދާރާ ރިސާޗް އެންޑް އެނަލިސިސް ވިންގް( ރޯ) އިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމުގައި ރަނިލް އިސްކޮށް ހުންނަވައިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.